ވާހަކަ

ހީނލާގޮތުން

(29 އެޕްރިލް 2021 އާ ގުޅޭ)

"ފަވާދު، ދަރިފުޅު އެއްޗެއް ނުބުނެ ހުންނަނީތަ؟ ދެން އަންނަން އުޅޭ އަވަހަށް." ސަބީނާ އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.

"ރީން... އަރީންއާ އަހަރެންގެ އެއްވެސް ގުޅުމެއްނެތް." ހިމޭން ކަމަށްފަހު ފަވާދު ބުންޏެވެ.

"އެއީ ކީއްވެ؟ މައްސަލައެއް ޖެހުނީތަ؟ ރުޅި އަޔަސް އަނބިމީހާއަށް އަޅާލަން ވާނެ... އަވަހަށް ގެއަށް އާދޭ." ސަބީނާ ވާހަކަ ދެއްކި އެވެ. ފަވާދު އެބުނީ ކިހާވަރެއްގެ ވާހަކައެއްކަން ސަބީނާއަށް ނޭނގުނީ އެވެ. އަރީންއަކީ އަމިއްލަ ދަރިއަށްވާއިރު އެ އަންހެން ދަރިފުޅުގެ ހުންނަ ގޮތް ދޫނުކުރުމާއި ރުންކުރު ޠަބީއަތް ސަބީނާއަށް ރަނގަޅަށް އެނގެ އެވެ. އެހެންވިޔަސް ފަވާދަކީ ކެތްތެރި މަޑުމައިތިރި ޒުވާނެކެވެ. ރުޅި އައިސްގެން ގެއަށް ނާންނަން ހުންނާނޭ ފަދަ މީހެއް ނޫނެވެ.

"މަންމާ، އަޑު އަހާބަލަ... އަރީންއަކީ މިހާރު އަހަރެންގެ އަނތްބެއް ނޫން." ފަވާދުގެ ވާހަކަ ނުނިމެނީސް ސަބީނާ ވާހަކަދެއްކި އެވެ.

"ކީކޭ؟... ކީއްވެ؟ ކިހިނެއްވީ؟" ސިހުން ލިބުނު ސަބީނާއަށް ޤަބޫލެއް ނުކުރެވުނެވެ.

"މަންމަ އަރީންއާ ވާހަކަ ދައްކަބަލަ، ތި ސުވާލު އަރީންއާ ކުރޭ... މިވަގުތު ދެން ބާއްވަނީ." ފަވާދު ގިނަ ވާހަކަތަކެއް ދައްކަން ބޭނުމެއް ނުވާ ކަހަލައެވެ.

ސަބީނާއަށް ލިބުނު ސިހުމާއެކު އަނގައިން ނުބުނެވި ހުއްޓުން އަރާފައި ހުއްޓާ ފަވާދު ފޯނުކޯލު ކަނޑާލައިފި އެވެ. އެއާއެކު ކަންފަތް ދޮށުން މަޑުމަޑުން ފޯނު ތިރިކޮށްލަމުން ސަބީނާއަށް އެނބުރެވުނީ ކޮޓަރިތަކާ ދިމާއަށެވެ. އަރީނާ ސުވާލު ކުރަންވީކަން ސަބީނާގެ ނަފްސުގެ އަޑު ބުނަމުން ދިޔައެވެ. ކުރިޔަށް ފިޔަވަޅު އަޅާލީ އެ ސަބަބާ ހުރެ އެވެ. އަންހެން ދަރިފުޅުގެ ދިރިއުޅުން ރޫޅިދާނޭ ކަމަށް ސަބީނާގެ ޚިޔާލަށް ވެސް ގެނެވިފަ ނެތެވެ. ފަވާދާ މެދު ސަބީނާގެ އިތުބާރު ބޮޑެވެ. އެއީ އަޚުލާޤު ރަނގަޅު ޒުވާނެއްކަން އަރީނާއެކު ފުރަތަމަ ފެނުނު ދުވަހު ވެސް ސަބީނާއަށް ދެނެގަންނަން އެނގުނެވެ. އަރީނަށް ރަނގަޅު ދިރިއުޅުމެއް ފަވާދާއެކު ލިބޭނޭކަމުގެ ޔަގީންކަން ސަބީނާގެ ހިތުގައި އަބަދުވެސް އޮތެވެ.

"ރިދާން..." ކޮޓަރީގެ ދޮރުމަތީ ހުރެފައި ސަބީނާ ގޮވާލި އެވެ.

"ދޮންތާ ހިނގާބަލަ." އަރީނުގެ އަތުގައި ހިފައި ދަމާލަމުން ރިދާން ބުންޏެވެ. ނުތެދުވެ ނީނދެވިގެން އަރީން އެނދުން ތިރިއަށް ދެފައި ބޭލި އެވެ. ރިދާންގެ ބާރުގައި ކޮޅަށް އޭނާ ތެދުވި އެވެ. ކޮޓަރިން ނުކުންނަން އޭގެ ދެމީހުން އެނބުރިލިއިރު ސަބީނާގެ ނަޒަރު ހުރީ އަރީނަށް ހުއްޓިފައެވެ.

"ފަވާދު ކީއްވެ ގެއަށް އަންނަން ބޭނުން ނުވަނީ؟" ދޮރުމަތީ ހުރި ސަބީނާ ވާހަކަ ދެއްކި އެވެ.

މަންމައާ ނަޒަރު ވަކިކޮށްލުމާއެކު އަރީން ޚިޔާރު ކުރީ ހިމޭން ކަމެވެ. އޭނާގެ ކުށެއްނެތި ވަރިކޮށްފައި ފަވާދު ދިޔަނަމަ އެގޮތަށް ހިމޭންވެ އަރީނަށް ނުހުރެވުނީހެވެ. އެ ޝަކުވާ ހިފައިގެން އޭނާ ފުރަތަމަ ވެސް ދާނީ މަންމަގެ ގާތަށެވެ. އެކަމަކު ހަޤީޤަތަކީ ކުށްވެރިޔަކީ އަރީން ކަމެވެ. އޭނާ ކުރީ ވެސް ނުބައިކަމާއި ހުތުރުކަން ބޮޑުވެގެންވާ ކުށެކެވެ. ސިއްރުކުރަން ބޭނުން ވިޔަސް މަޑުމަޑުން ހުރިހާ ކަމެއް ބޭޒާރުވެ ނިމެނީއެވެ. އަރީންގެ އެއްވެސް ބާރެއް އެކަމަށް ނުފޯރުވުނެވެ.

"މަންމާ، ފަވާބެ ދިޔަތަކުން އަންނާނެ... ހިނގާ ދޮންތައަށް ކާ އެއްޗެއް ދޭން." އަރީންގެ ކޮނޑުމަތިން އެއްއަތް އަޅުވާލައި ގާތްކޮށްލައިގެން ހުރެ ރިދާން ވާހަކަ ދެއްކިއެވެ. ސަބީނާ ވާހަކަނުދައްކާ އެނބުރި ހިނގައިގަތީ އެވެ.

އަރީން ގޮވައިގެން އައިސް ކާމޭޒުދޮށުގައި ރިދާނާ ދެމީހުން އިށީނެވެ. ސަބީނާ ޖޫސްތަށްޓަކާއިއެކު އޭނާ ގެނައި ތަށިތައް ކާ މޭޒުމަތީ އެތުރިއެވެ. ގެއަށް ވަރުގަދަ ރޯގާއެއް ވަދެއްޖޭ ރިދާން ބުނެލީ ސަބީނާ އެހެން ބުނިއަޑު އަހާފައި އޮތީމަ އެވެ. އަދި ނޯޔާ ވެސް ހުމާ ފިހިފިހި އެބައޮތޭ ރިދާން ބުންޏެވެ. އަރީން ވެސް ކައިގެން ބޭސް ކާންވީކަން ރިދާން ބުނެ އެކިއެކި ވާހަކަ ދެއްކި އެވެ. އެ ހުރިހާއިރު ސަބީނާ އިނީ ހިމޭން ވެއެވެ. ފަވާދުގެ ވާހަކައިން ލިބުނު ސިހުން އަދިވެސް ފިލައިގެން ނުދާ ކަހަލައެވެ. މަންމަގެ އެ ހިމޭން ކަމުގައި އަރީން އަޅައިގަތެވެ. އޭނާގެ އަރުތެރެއިން ކާއެތިކޮޅެއް ދިރެނީ އުނދަގުލުންނެވެ. ޢާއިލާ މީހުންނާ ކުރިމަތިލާނޭ ގޮތެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ.

"ތީ ކެއީ ކަމަކަށް ނުބެލޭނެ... އަދި ކާލަބަލަ، އެވަރުން ފަލައެއް ނުވާނެ." އަރީން ތަށި ދުރުކޮށްލުމުން ރިދާން ބުންޏެވެ. ނަމަވެސް އަރީނުގެ ކަރުން ނުދިރުނީ އެވެ. ބޭރަށް އަންނަ ގޮތްވަނީ އެވެ. އަނގަމަތީ އޭނާ އަތް އެޅީ އެހެންވެ އެވެ. ކުއްލިއަކަށް މޭޒުދޮށުން ތެދުވެގެން އަރީން ދުއްވައިގަތެވެ. ރިދާނާއި ސަބީނާއަށް ވެސް ތެދުވެވުނީ އެފަދައިންނެވެ. އެމީހުން ވެސް އަރީންގެ ފަހަތުން އޭނާ ނިދާ ކޮޓަރިއަށް ވަނެވެ.

"އަރީން..." ފާޚާނާއަށް ވަން ގޮތަށް ހޮޑުލާން ފެށި އަރީނަށް ބަލަން ހުރެ ސަބީނާ ގޮވާލި އެވެ. އޭރު ކޮޓަރި ތެރޭ ރިދާން ވެސް ހުރީ ކަންބޮޑުވެ ހާސްވެފަ އެވެ. އަރީން އެހާ ބަލިއިރު ފަވާދު ނެތުމުން އޭނާއަށް ވެސް އެކަމާ ވިސްނާލަން މަޖޫބުރުވި އެވެ. ޒިންމާދާރުކަން ކުޑަ ޢަމަލެއް ފަވާދުގެ ފުށުން މިހާ ދުވަހު އެގޭގައި އޭނާ އުޅުނުއިރު ރިދާނަށް ފެނިފައެއް ނެތެވެ.

އަރީން ފާޚާނާއިން ނުކުމެ އެނދުގައި އިށީނުމުން ސަބީނާ ކޮޓަރިން ނުކުތީ އެބަ އަންނަމޭ ކިޔާފަ އެވެ. ރިދާން އައިސް އަރީންގެ މަގަތުން ފައިލާކޮޅުގައި އިށީނެވެ.

"މަންމަ ފަވާއަށް ގުޅީތަ؟" އަރީން އަހާލި އެވެ.

"ގުޅީމޭ ބުނި." ރިދާނަށް އެނގުނު މިންވަރެއް ހާމަކުރި އެވެ. އަދި ފަވާދާއި އަރީންގެ ދެމެދުގައި މައްސަލައެއް ޖެހުނީތޯ އޭނާއަށް ވެސް އަހާލެވިއްޖެ އެވެ.

އިރުކޮޅަކު މަޑުކޮށްލާފައި އަރީން ބޯ ޖަހާލި އެވެ. ރިދާން ކުރި ސުވާލަށް އާނއެކޭ ބުނާފަދައިންނެވެ. އެއާއެކު އެ ދެ ލޯ ފެންކަޅިވެ ރޮވިއްޖެ އެވެ. އަރީން ރޯނީ ވަރަށް ބޮޑު ކަމެއް ހިނގައިގެންކަން ރިދާނަށް ނަގައިގަނެވުނެވެ. ދެމެދުގައި ޖެހުނު ކުންޏަކީ ކޮބައިތޯ ރިދާން އެހުމުން ވެސް އަރީނު ކިޔައެއް ނުދިނެވެ. ސަބީނާ އެނބުރި އައީ އެގޮތުގައި އެމީހުން ތިއްބަ އެވެ. ރިދާން ތެދުވެ ދުރަށް ޖެހިލީ ސަބީނާއަށް ތަން ދެއްކުމަށެވެ. ތަބަކުގައި ގެނައި ފެންތަށި ނަގައި އަރީނަށް ސަބީނާ ދިއްކޮށްލި އެވެ. ފެންތަށީގެ ކުލަ އަރީނަށް ފާހަގަވި އެވެ. އަދި މިފަހަރު ދެކޮޅުވެރިކަން ނުދައްކާ ފެންތަށީގައި ހިފައި އެތިފޮދެއް ބޯލި އެވެ. އެއާއެކު ލީ ރަހައިގެ ސަބަބުން ގާތުގައި މަޑުކޮށްލައިގެން ހުރި މަންމައަށް ބަލާލެވުނެވެ. އަރީންގެ ދެ ލޯ ދޫކޮށް ކޯތާފަތުން ތިރިއަށް ފައިބައިގެންދާ ކަރުތައް ސަބީނާއަށް ފެނުނެވެ.

"މީރު ނޫނަސް ހުސްކޮށްލާ." ސަބީނާ ބުންޏެވެ. އަރީންގެ ހިތުގައި ޖެހުނެވެ. މަންމަގެ ހުސިޔާރުކަން އޭނާއަށް ފެނިއްޖެ އެވެ. އެ ފެންތަށްޓަކީ އަރީން މާބަނޑުއިރު ހޮޑުލާވަރުން މަންމަ ތައްޔާރު ކޮށްދީގެން ގެންނަ ފެންތަށްޓެކެވެ. އޭގައި ޒަވި ރަހައެއް ހުއްޓަސް ބޯލުމުން ލުއިކަން އިހްސާސް ކުރެވޭ ބުއިމެވެ. ހޮޑުލަވާ މޭނުބައި ކުރުން ހުއްޓެވެ. ރޮމުން ރޮމުން ފެންތަށީގައި ދެއަތުން ހިފައިގެން އިނދެ އަރީން އެ ފެންތަށި ބުޔެވެ.

"ރިދާން، އިހަށް ދާންވީނު... ކަމެއް ބޭނުންވެއްޖެނަމަ މަންމަ ގޮވާލާނަން." ސަބީނާ ބުންޏެވެ. ހައިރާން ކަމެއް ލިބުނު ރިދާން ބަލާލެވުނީ އަރީނަށެވެ. ދެން އޭނާ މަޑުމަޑުން އެ ކޮޓަރިން ނުކުތީ އެވެ. އަރީންއާ ވާހަކަ ދައްކަން ސަބީނާ ބޭނުންވީކަން ރިދާނަށް ވިސްނުނެވެ. އޭނާ އެތަނުން ފޮނުވާލަން އެ އުޅެނީ އެހެންވެއެވެ. އެބައިން ނުކުމެގެން ދިއުމުގެ ގަސްދެއް ރިދާންގެ ނެތެވެ. ދޮރާ ހަމައަށް ގޮސްފައި ވެސް ކޮޓަރި ކައިރިއަށް އެނބުރި އައީ އެހެންވެއެވެ.

"ކޮންއިރަކު ބަނޑުބޮޑުވީ؟" އަރީން ހުސްކުރި ތަށި ނަގަމުން ސަބީނާ ސުވާލު ކުރިއެވެ.

"އަރީން ތިއިނީ ވަރިކޮށްފަތަ؟" ދެވަނަ ސުވާލު ސަބީނާ ކުރި އެވެ. މިފަހަރު އަރީންގެ ރުއިން ގަދަވި އެވެ. ހަމައެއާއެކު އޭނާ ބޯޖަހަން ފެށިއެވެ. ކޮޅަށް ހުރުން ތަދިވެ ސަބީނާ އެނދުގައި އިށީނެވެ. އެއްޗެކޭ ނުބުނެ ވަގުތުކޮޅަކަށް އިނުމަށްފަހު އަނެއްކާ ވެސް ސަބީނާ ސުވާލު ކުރިއެވެ.

"ކީއްވެ ވަރިކުރީ؟ ބަނޑުބޮޑުކަން ފަވާދަށް ނޭނގޭތަ؟ ވީގޮތެއް އަހަރެން ބޭނުން އޮޅުންފިލުވަން، ފަވާދު ބުނީ އަރީނާ ސުވާލު ކުރާށޭ، މަންމަ މިއިނީ އަޑު އަހަން، އެހެންވީމަ ބުނޭ... ކީއްވެ ވަރިކުރަން ޖެހުނީ؟" ސަބީނާ ބުންޏެވެ. ރުއިން ނޫންކަމެއް އަރީން ނުކުރެއެވެ. ވާހަކަ ނުދައްކައިގެން އޭނާގެ އަތުގައި ސަބީނާ ހިފައި ތަޅުވައިގަތެވެ. ވާހަކަދައްކަން ބުންޏެވެ.

"ކޮން މައްސަލައެއްތަ ތި ދެކުދީން މެދުގައި ޖެހުނީ؟ މަންމައަށް ކަމެއްކޮށް ދެވޭނީ ވެސް ކަންވީ ގޮތް އެނގިގެން." ސަބީނާ ބުންޏެވެ.

"މީ... ފަވާދުގެ އެއް ނޫން..." ބަނޑުގައި އަރީން އަތްލަމުން އިންތިހާއަށް ޖެހިލުންވެފައި އިނދެ ބުންޏެވެ.

"ފަވާދު ބުނީތަ އެހެން؟ އެކަމަކު... ދެމީހުން އިނދެގެންނު ތިބީ." ސަބީނާގެ ސިކުނޑި އަރީން ބުނި އެއްޗެއް ދޭހަވާވަރަށް މަސައްކަތް ނުކުރާ ކަހަލައެވެ. އެފަދަ ހިސާބަކަށް އޭނާގެ ވިސްނުން ވެސް ނުހިނގައެވެ.

"މަންމާ... ފަވާ ގޯހެއް ނޫން... އަހަރެންނަށް ނުވިސްނުނީ، އަހަރެން ގޯހީ... މަންމާ!... އަހަރެން ބަނޑުބޮޑު، އެކަމަކު ފަވާއަކަށް ނޫން... މީ ފަވާގެއެއް ނޫން." ރޮވި ގިސްލެވިފައިވާ ހާލު އަރީން ވާހަކަ ދެއްކި އެވެ. މިފަހަރު ސަބީނާއަށް އެނގޭނެހާ ތަފްސީލުކޮށެވެ.

"ޔާ ﷲ!..." ސަބީނާ ދުރަށް ޖެހިލިއިރު އެ މޫނުން އަރީނަށް ފެނުނީ ދުވަހަކު ވެސް ފެނިފައިނުވާ ފަދަ ބިރުވެރި ކަމެއްގެ އަސަރެވެ. މަންމަގެ ދެ ލޯ ހުރީ ބޮޑުވެފަ އެވެ. ދެ ކަޅި ހުރީ އަރީނަށް ހުއްޓުނު ގޮތަށެވެ. އެސްފިޔަ ޖަހާލުމެއްނެތި އެވެ. ހުޅުވުނު އަނގަ ނުލެއްޕެއެވެ. ވައަތްތިލަ ގެންގޮސް ބޮލުގެ އެއްފަރާތުގައި ޖައްސާލިއެވެ.

"މަންމާ..." އަރީނު ގޮވާލި އެވެ.

"ތިކަން އެނގިގެންތަ ފަވާދު އެދިޔައީ، ކުދީން ވެސް ގެންދިޔައީތަ؟" ބޮލުން އަތް ނަގަމުން ސަބީނާ ސުވާލު ކޮށްލިއެވެ.

"އާން..." އަރީން ބުންޏެވެ. އެއާއެކު އޭނާ ސިހިފައި ނިކަން ބާރަށް މަންމާއޭ ގޮވާލި އެވެ. ސަބީނާ ހުރި ދިމާއަށް ދެކަކޫ މައްޗަށް ތިރިވީ އެވެ. އެ މަންމައަށް ކެތްކުރަން ދަތިވެއްޖެކަން ޔަގީނެވެ. ޚާއްޞަކޮށް އެ މަންމަގެ ދުލުން މަރުހޫމް ފިރިމީހާގެ ނަން ކިޔާލި އަޑު އިވުނު ހިނދުންނެވެ.

ކޮޓަރި ފާރުކައިރީ ހުރި ރިދާން އެތެރެއަށް ވަނީ ނިކަން ހަލުވިކޮށެވެ. އޭނާ އައިގޮތަށް އައިސް ކުޑަކަކޫ މައްޗަށް ތިރިވެ ސަބީނާގެ ކޮނޑުގެ ދެފަރާތުން ހިފަހައްޓާލި އެވެ. އަރީނާއި ސަބީނާއާ ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް އޭނާ އަޑު އެއްސެވެ. މަންމަ އެހާލުގައި އެ އިނީ ކީއްވެކަން އެނގެނީ އެހެންވެ އެވެ.

"ދަރީންނަކީ ނިޢުމަތެއް، މައިންބަފައިންނަށްވާ ފިނިކަމެއް... އެކަމަކު އެ ފިނިކަން އަބަދަށް ނެތިގެން ހިނގައްޖެ." ސަބީނާއަށް ބުނެވުނެވެ.

"މަންމާ..." ހާސްވެފައި ރިދާނަށް ވެސް ގޮވާލެވުނެވެ.

ސަބީނާގެ ބުއްދިއަށް ވެރިވީ ﷲ ގެ އަޒާބުގެ ގަދަފަދަ ވަންތަކަމެވެ. ދަރިފުޅުގެ މައްޗަށް ހުރި ހިތާމައެއްގެ ބޮޑުކަމެވެ. ކައިވެނީގެ މަތީގައި ހުރެ ޒިނޭކޮށް، ނަހާލަލަށް ބަލިވެ އިނުމުގެ ނުބައިކަމެވެ. އޭނާގެ އެއްވެސް ދަރިއަކަށް ދެ ދުނިޔެ ގެއްލޭކަށް ނޭދެއެވެ. އެންމެ ގިނައިން އޭނާއަށް ކުރެވޭ ދުޢާއަކީ އެއީއެވެ. ދަރީންގެ ފާފަ ފުއްސަވާއި އެކުދީންނަކީ ﷲ ގެ ހިޔާވެހީގެ ދަށުގައިވާ ސާލިހު ކުދިބަޔަކަށް ވުމަށެވެ. ތެދުމަގު ލިބި އެމަގުން ހިނގާ ކުދީންތަކަކަށްވުމެވެ. ޚުދު ސަބީނާ ފިރިއަކާނުލާ އެ ދަރީން ގޮވައިގެން ހަޔާތް ވޭތި ކުރަމުން އައީ ފާފައަކަށް އަރައި ނުގަނެއެވެ. ނިކެތިކަމާއި އެކަނިވެރިކަން ވެރިވާ ކޮންމެ ވަގުތަކު އޭނާ އިސްކުރީ ﷲ ހެވެ. ކެތްތެރިކަން ދެއްވުމަށް ދެންނެވީ އެކަލާނގެއަށެވެ. ނަމާދާއި ދުޢާއިން އޭނާ ހިތްހަމަޖެހުން ހޯދިއެވެ. އެ ރިވެތި އިސްލާމީ އުޅުމަކީ އެކުދީން ބޮޑުވަމުން އައިއިރު ފެންނާނޭ އުޅުމެވެ. ނަމާދުކުރަން ދަސްކޮށްދީ، ޤުރުއާން ކިޔަވައިދީ، ރޯދަ ހިފުވާ، އިސްލާމީ ވާޖިބުތަކާއި އުސޫލުތައް ކޮންމެ ދަރިއަކަށް ވެސް ސަބީނާ ދަސްކޮށްދިނެވެ. އެކަންކަމަށް އެކުދީން އާދަ ކުރުވިއެވެ. ނަމަވެސް މިއަދު ދަރީން ބޮޑެތިވެ މީހުނާ އިނދެ އެކުދީންގެ އަމިއްލަ ގޮތްވަނީ ޚިޔާރުކޮށްފައެވެ. ދަނޑިމާރުއަޅައިގެން ކުރުވާވަރަށްވުރެ އެ ދަރީން ބޮޑެތިވީއެވެ.

އަތުލަފިކޮށްގެން ރިދާނާއެކު ސަބީނާ ކޮޅަށް ނެގުވިއެވެ. އެނދު ކައިރީ ހުރި އަރީން އަދިވެސް ރޮނީ އެވެ. މިދުހަތާ ފުރަތަމަ ފަހަރަށް ވަކިވުމުން މަންމަ ވަނީ އޭނާއަށް ވަރަށް ނަސޭހަތް ދީފަ އެވެ. އަލުން އެ ނަސޭހަތުގެ ހަނދާން އަރީނަށް އާވެގެން އައެވެ. ފަވާދާ އިނުމުގެ ކުރީން ޢާއިލާއާ ބައްދަލު ކުރަން އޭނާ ގެނައުމުން މަންމަ ރުހުން ދިނީ އަރީނު އިސްވެ އެކަމާ ވާހަކައެއް ނުދެއްކެނީހެވެ. ފަވާދަކީ ރަނގަޅު ފިރިހެނެއްކަމުގައި މަންމަ ބުންޏެވެ. އެކަމަކު މިއަދާ ހަމައަށް އައިއިރު އަރީނަށް އެކަން ވިސްނުނީ އެ އޯގާތެރި ފިރިމީހާ ވަކިވެގެން ދިއުމުންނެވެ. އެއީ އިންސާނީ އުސޫލެވެ. އެއްޗެއްގެ އަގު ވަޒަންކުރެވޭނީ އަތުން އެ ބީވުމުންނެވެ. މުހިންމުކަން ވިސްނޭއިރު އޮންނާނީ ވަގުތު ފާއިތުވެފައެވެ.

"މަންމަ އިހަށް އަހަންނާއެކު ހިނގާ." ރިދާން ބުނެލި އެވެ. ބަސްހުއްޓިފައި އަރީނަށް ބަލަން ސަބީނާ ހުރީ ފެންކަޅިވެފައި ހުރުމުން ރިދާނަށް ވިސްނުނީ އިހަށް އެތަނުން މަންމަ ގެންދިއުމަށެވެ.

* * * * *

އެނދުއަރިމަތީ ހުރި ކަބަޑުގެ މަތިން ކުރުނބާ ފެންފޮދު އެޅި ތަށި ނަގައި ނޯޔާގެ ތުނބުގައި އަސްލަން ޖެއްސި އެވެ. އޭރު އަނެއްއަތުން އޭނާ ހުރީ ނޯޔާގެ ގައިގާ ހިފަހައްޓާލައިގެންނެވެ. އަރިއަޅާލަފާނެތީ އެވެ. ދެ ކޯވަރު ނޯޔާ ބޯލިއިރު އެއްފަހަރު ވެސް ލޯ ހުޅުވާނުލަ އެވެ. ހީވަނީ ލޯހުޅުވާލާނެހާ ވަރު ނެތީ ހެނެވެ. ފެންތަށި ބަހައްޓާ މަތިޖަހާފައި އެނދުގައި ނޯޔާ ބޭއްވި އެވެ. ހުސެން ގުޅީ އެވަގުތެވެ. އޮފީހުގައި ހުރެފައި ކުއްލިއަކަށް ގެއަށް ދިޔަގޮތަށް އަސްލަންގެ ޚަބަރެއް ނުވެގެންނެވެ. ކުރިން ވެސް ހުސެން ގުޅިއިރު އަސްލަން ފޯނުކޯލު ކަނޑާލީ ނޯޔާ ގޮވައިގެން ހޮސްޕިޓަލުގައި އުޅުނީމަ އެވެ.

ރޫމާ ކުދީން ގޮވައިގެން އައީ ނޯޔާއަށް ކާއެއްޗެހި ވެސް ތައްޔާރު ކޮށްގެންނެވެ. އޭނާއާއެކު ނެހާއާއި އައްޔޫބު ވެސް އައެވެ. ސަބީނާ ކޮބާތޯ ރޫމާއަށް އަހާލެވުނެވެ. އެއާއެކު އަރީން ވެސް ބަލިވެގެން އުޅޭ ޚަބަރު އަސްލަން ދިނެވެ. އަސްލަންގެ ކޮޓަރިއަށް އެ އެންމެން ވަން ފުރަތަމަ ފަހަރެވެ.

"ފެންފޮދެއް ހާކާލައި ހެދުން ވެސް ބަދަލު ކޮށްލަންވެފަ އެއޮތީ، ފެންފޮދެއް ހާކާލަނިކޮށް ހުންމަޑުވެދާނެ، ބޭސް ވެސް އެބަދެމެންނު." ނެހާ ވާހަކަ ދެއްކި އެވެ. އަސްލަން އެކަންކަން ކޮށްލާނަމޭ ބުނެލީ ނިކަން އަވަހަށެވެ. އެމީހުންނަށް އެކޮޓަރީގައި ނޯޔާގެ އެއްޗެހި ނެތްކަން އެނގެން ބޭނުންނުވާތީއެވެ.

* * * * *

"ނިދަން އެބަތިބި" ކޮޓަރިން ނުކުމެގެން އައި ފަވާދު ބުންޏެވެ.

ކަންބޮޑުވުމާއެކު ބަދޫރާއަށް ބަލާލެވުނީ ވަހީދަށެވެ. ކުއްލިއަކަށް އެގެއަށް ފަވާދު ކުދީން ގޮވައިގެން ބަދަލުވުމުން އެންމެން ވެސް ތިބީ ހައިރާންކަމެއްގެ ތެރޭގައެވެ. ފޮށިތައް ހިފައިގެން އައިސް އެގެއަށް ވަން ގޮތުން އެއައީ ދަތުރު ހަދައިގެންކަންކަން އެންމެން ވެސް ލަފާ ކުރިއެވެ. އެންމެބޮޑަށް ސުވާލު އުފެދުނީ ކުދީން ގޮވައިގެން އޭނާ އެގޭގައި އުޅޭން ގަސްދުކުރާކަން ބުނުމުންނެވެ. އަރީން ކޮބާތޯ އެންމެން ސުވާލު ކުރުމުން ވެސް އެ ސުވާލަށް ޖަވާބެއް ނުދިނެވެ.

"އާދެބަލަ..." އެންމެންގެ ތެރެއިން ދަރިފުޅު އެކަހެރިކޮށް ވާހަކަދައްކަން ބޭނުންވެ ބަދޫރާ ބުނެލިއެވެ. އަދި އައިސް ފަވާދުގެ އަތުގައި ހިފާލިއެވެ.

މަންމައާއެކު މަންމަގެ ކޮޓަރިއަށް ފަވާދު އައިސް ވަނެވެ. އެނދުގައި މަންމަ ދެއްކި ދިމާލުގައި އޭނާ އިށީނެވެ. އަރީނާ ދެމެދުގައި ކަމެއް ހިނގައިފިކަން ބަދޫރާއާއި އެގޭ އެންމެންނަށް ވެސް މިހަރު ޔަގީންވެއެވެ. މަންމަ އެހުމުން މިފަހަރު ފަވާދު ބުނެފިއެވެ. އޭނާއަށް އަރީނާއެކު އުޅެވޭން ނެތީކަމެވެ. އެގެއަށް އައީ އަރީން ވަރިކޮށްފައި ކަމެވެ. އެހެންނަމަވެސް މަންމަމެންގެ ކުރިމަތީ އޭނާ އަރީން ބޭޒާރެއް ނުކުރިއެވެ. އަރީންދެކެ އެމީހުން ފޫހިވެ ރުޅިއަންނާނޭވަރު އެނގޭތީއެވެ. އެމީހުންނޫނަސް އެހެން ބަޔަކު ނަމަވެސް އެފަދަ ޢަމަލެއް ކައިވެނިކޮށްގެން ހުރެ ކޮށްފިނަމަ ރުޅި އާދެވޭނެއެވެ. ދުވަހަކުވެސް އެފަދަ އަންހެނަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ. ވަރިސާބިތުކުރަން ޖެހޭނެކަން ފަވާދަށް އެނގޭއިރު އޭނާ އެކަން ކުރާނެއެވެ. ކޯޓުގައި އޭނާ ދޮގެއް ނުހަދާނެއެވެ. ވަރިކުރި ސަބަބުކަމުގައި އަރީން ބަލިވެއިންކަން އޭނާ ހާމަކުރާނެވެ. އަދި އެބަނޑުގައިވަނީ އޭނާގެ ދަރިއެއްނޫންކަން ބުނެދޭނެއެވެ. (ނުނިމޭ)