ޒަރޫރީ ބޭނުމަށް ނޫނީ އެއްރަށުން އަނެއް ރަށަށް ދިއުން މަނާ ކުރުމަށް ނިންމައިފި އެވެ. މި ނިންމުމަށް އަންގާރަ ދުވަހުން ފެށިގެން އަމަލު ކުރަން ވަނީ ނިންމާފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޓަކައި މާލެ ސަރަޙައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި
ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާ ކަމަަށެވެ.
އެގޮތުން އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުން ހުއްޓާލަން ވަނީ އަންގާފައެވެ. މި އެންގުމުން އިސްތިސްނާވަނީ ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރުތައް އެކަންޏެވެ.
އެގޮތުން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ފޯރުކޮށް ދިނުމަށް ކުރާ ދަތުރުތަކާއި މަސައްކަތްތަކަށް ކައުންސިލްތަކުން މަގު ފަހިކޮށްދޭން ޖެހެއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މި އެންގުން ކަމާބެހޭ އިދާރާތަކުން ތަންފީޒު ކުރުމަަށްވެސް ވަނީ އަންގާފައެވެ.
ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ މިދިޔަ ތިން ދުވަހު ޕޮޒިޓިވް ރޭޓް ހުރީ 400 އިން މަތީގައެވެ.