ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އަތޮޅުތެރޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު 1،900 އިން މައްޗަށް ހިނގައްޖެ އެވެ.
މިދިޔަ ހަފްތާއެއްހާ ދުވަހަކީ ރާއްޖޭގައި ކޮވިޑް ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވީ ހަފްތާއެކެވެ. ގިނަ ދުވަސް ދުވަހުގެ ނަންބަރު ހުރީ 400 އިން މަތީގައެވެ. މިއަދު 500 ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 276 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 185 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 12 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް 32 މީހަކު ޕޮޒިޓިވްވިއެވެ.
މިއަދު ޕޮޒިޓިވްވީ މީހުންނާއެކު އަތޮޅުތެރޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު ވަނީ 1،902 އަށް އަރާފައެވެ. އެއީ 1،342 ދިވެހިންނާއި 560 ބިދޭސީންނެވެ. އެންމެ ގިނައިން ބަލި މީހުން ތިބީ ޅ. ނައިފަރާއި ކ. މާފުށި އަދި އއ. މަތިވެރީގައެވެ. މާފުށީގައި ބަލި ޖެހިފައިވާ 300 ވުރެ ގިނަ މީހުން އެބަތިއްބެވެ. ނައިފަރާއި މަތިވެރީގެ އިތުރުން މާންދޫގެ ނަންބަރު ހުރީ 250 އިން މަތީގައެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް
- މާފުށި - 350 ކޭސް
- ނައިފަރު - 272 ކޭސް
- މާންދޫ - 253 ކޭސް
- މަތިވެރި - 218 ކޭސް
- އޭދަފުށި - 146 ކޭސް
- ހިންމަފުށި - 104 ކޭސް
- ވޭމަންޑޫ - 74 ކޭސް
- އުކުޅަސް - 73 ކޭސް
- ގުޅި - 44 ކޭސް
- މާމިގިލި - 38 ކޭސް
ކޮވިޑް ކޭސްތައް ފެނިގެން މިވަގުތުވެސް 25 ރަށެއް އޮތީ މޮނިޓަރިންގައެވެ.
އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. ވޭމަންޑޫ އާއި އެ އަތޮޅު މަޑިފުއްޓާއި އއ. ބޮޑުފުޅަދޫ އާއި ކ. ހިންމަފުއްޓާއި ގުޅި އަދި މާފުށީގެ އިތުރުން އއ. މަތިވެރި އާއި ލ. މާންދޫ އާއި ގަމާއި ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ ކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި މ. ކޮޅުފުއްޓާއި އައްޑޫ ސިޓީ އާއި އދ. ދަނގެތި އާއި ހއ. ދިއްދޫ އެވެ. ދެން އޮތީ މިއަދު މޮނިޓަރިން އަށް ގެނައި ކުޅުއްފުއްޓާއި ހިމަންދޫ އެވެ.
ކޮވިޑް ކޭސްތައް ފެނުން އިތުރުވާތީ އަންގާރަ ދުވަހުން ފެށިގެން އެއް ރަށުން އަނެއް ރަށަށް ދަތުުކުުރުން މަނާ ކުރަން ވަނީ ނިންމާފައެވެ.