ދުނިޔެ

އޯޑިއޯ މައްސަލާގައި ޒަރީފް މާފަށް އެދިވަޑައިގެންފި

އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ދެއްކެވި ވާކަހަަކަ ތަކެއް ލީކުވުމާ ގުޅިގެން މާފަށް އެދިވަޑައިގެންފި އެވެ. ލީކުވި އޯޑިއޯގައި އޭނާ ވަނީ ޖެނެރަލް ގާސިމް ސުލައިމާނީއާ ބެހޭ ގޮތުން ހެޔޮނިޔަތުގައި އެކަމަކު އާންމުކުރުން ރަނގަޅު ނޫން ވާހަކަތަކެއް ދައްކަވާފަ އެވެ.

ޖަވާުދު ޒަރީފް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ ނިއުޔޯކް ޓައިމްސްއިން ޝާއިއުކުރި އޯޑިއޯގައި ޒަރީފް ވިދާޅުވަނީ އީރާން ނިއުކްލިއާ ޑީލަށް ދެކޮޅު ހެދުމަށް ގާސިމް ސުލައިމާނީ ރަޝިއާއާއެކު މަސައްކަތް ކުރެއްވި ކަމަށެވެ.

ގާސިމް ސުލައިމާނީ އަކީ އީރާންގެ ޖެނެރަލެކެވެ. އޭނާ ވަނީ ޖެނުއަރީ 2020 ގައި އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި މަރާލާފަ އެވެ. އީރާން މީހުން ދެކޭ ގޮތުގައި ގާސިމް ސުލައިމާނީ އަކީ ބަތަލެކެވެ. ޒަރީފް ދެއްކެވި ވާހަކަތައް ކަމުނުގޮސްގެން އުޅޭނީ ގާސިމް ސުލައިމާނީ އަކީ އީރާންގައި ގަދަރުކުރެވޭ ބޭފުޅަކަށް ވާތީ އެވެ.

ޒަރީފް ހަމަ އެ އޯޑިއޯގައި ވިދާޅުވަނީ އީރާން ހިންގަނީ މިލިޓަރީން ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ސުލައިމާނީގެ ސަބަބުން ލިބުނު ފައިދާއަށް ވުރެ ބޮޑީ ގެއްލުން ކަމަށެވެ. އެހެން ނަމަވެސް އެއީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޒަރީފް ދެއްކެވި ވާހަކަތަކާ ގުޅިގެން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ ވަޒީރު ހެއްދެވީ ބޮޑު ގޯހެއް ކަމަށެވެ.

"ގައުމުގެ ސިޔާސަތު އެކުލެވިގެން ވަނީ އިގުތިސޯދާއި އަސްކަރިއްޔާ، އިޖުތިމާއީ، ސައެންސާއި ސަގާފަތް އަދި ބޭރުގައުމުތައް ވެސް ހިމެނޭ ގޮތަށް،" ރޫހާނީ ލީޑަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ބާރުފޯރުވައި ސިޔާސަތު ފުށުއެރުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ބެލެވޭ ގޮތުގައި ޒަރީފް އެހާ އަވަހަށް މާފަށް އެދިވަޑާއިގަތީ ރޫހާނީ ލީޑަރުގެ ނުރުހުން އަމާޒުވެ ވަޑައިގަތުމުންނެވެ.