ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިންފްލޭޝަން

މާޗު މަހު ރާއްޖޭގެ އިންފްލޭޝަން 0.20 ޕަސެންޓް ދަށް

May 3, 2021

މި އަހަރުގެ މާޗް މަހު ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް 0.20 ޕަސެންޓް ދަށްވެފައިވާ ކަމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން ބުނެފި އެވެ.

ރާއްޖޭގެ ތަފާސް ހިސާބުތައް ބަލަހައްޓާ ގައުމީ އިދާރާ އެންބީއެސް އިން ބުނީ މާޗުގައި އިންފްލޭޝަން 0.20 ޕަސެންޓް ދަށުގައި ހުރިއިރު، ފެބްރުއަރީ މަހު ހުރީ 0.05 ޕަސެންޓް ދަށުގައި ކަމަށެވެ. އަދި މަހުގެ އަގު ތަކަށް އައި ބަދަލު ނުލައި ބަލައިފިނަމަ މާޗު މަހު އިންފްލޭޝަން ރޭޓް 0.35 ޕަސެންޓަށް ދަށްވާ ކަމަށެވެ.

މާޗް މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި އެންމެ ބޮޑަށް ދަށްވެފައިވަނީ ތަރުކާރީގެ ބައިން އެވެ. މި ބައިގެ އަގުތައް 7.11 ޕަސެންޓަށް ވަނީ ދަށަށް ގޮސްފަ އެވެ. އަދި މޮބައިލް ފޯނުގެ މުއާސަލާތުގެ ބައިން 4.17 ޕަސެންޓް ދަށްވެފައިވެ އެވެ. މީގެ އިތުރުން މޭވާގެ ބައިން 3.43 ޕަސެންޓް ދަށަށް ގޮސް، ސައިކަލްގެ ބައިން 0.05 ޕަސެންޓް ދަށްވެފައިވާއިރު، އެއްގަމު މަހުގެ ބައިގެ އަގުތައް ވެސް ވަނީ 1.30 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

މާޗް މަހު އަގުތައް މަތިވި ބައިތަކުގެ ތެރޭގައި މަހުގެ ބައި ހިމެނެ އެވެ. މިބައިގެ އަގުތައް ވަނީ 3.48 ޕަސެންޓް މަތިވެފަ އެވެ. އަދި ގޭގެކުލީގެ ބައިން 0.30 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ސެކިއުރިޓީ އަށް ބޭނުންވާ ސާމާނާއި ގެދޮރު މަރާމާތުކުރަން ބޭނުންވާ ސާމާނުގެ ބައިން 1.87 ޕަސެންޓް މަތިވެ، އުޅަނދު ފަހަރުގައި ބޭނުން ކުރާ ތެލުގެ ބައިން 3.62 ޕަސެންޓް އުފުލިފައިވެ އެވެ. މީގެ އިތުރުން ބިހާއި ކިރު ފަދަ ތަކެތީގެ އަގުތައް ވެސް ވަނީ 0.21 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.