ކޮވިޑް-19 އާ އެކު މުދަލާއި ހިދުމަތުގެ އަގުތަކަށް ބަދަލު ތަކެއް އަތުވެއްޖެ އެވެ. އިގްތިސޯދަށް އައި ހީނަރުކަމާއެކު ބައެއް ތަކެތީގެ އަގުތައް އުފުލުނުއިރު ބައެއް ތަކެތީގެ އަގުތައް ތިރިވެއްޖެ އެވެ. ބައެއް ހިދުމަތްތަކުގެ އަގު މަތިވެގެން ކަންބޮޑުވާ ހިސާބަށް ދިޔައިރު، ބައެއް ހިދުމަތްތަކުގެ އަގުތައް ދަށް ވެސް ވެއްޖެ އެވެ. ރާއްޖޭގައި އަގުތަކަށް މި އަންނަނީ ކޮން ބަދަލެއް ހެއްޔެވެ؟ އެންމެ ފަހުން ރާއްޖޭގެ އިންފްލޭޝަން ހުރީ ކިހާ ވަރެއްގައި ހެއްޔެވެ؟ މުދަލާއި ހިދުމަތުގެ އަގު ބޮޑުވޭ ހެއްޔެވެ؟ ރަށްރަށާއި މާލެ ފަރަގަކީ ކޮބައި ހެއްޔެވެ؟
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް)ގެ އޮކްޓޫބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ އާއްމު ބަހުންނަމަ މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް މަތިވެފައިވަނީ ކުޑަ މިންވަރެކެވެ. އޮކްޓޫބަރު މަހު އިންފްލޭޝަން ހުރީ 0.02 ޕަސެންޓުގެ މަތިވުމެއްގަ އެވެ. އަދި ސެޕްޓެމްބަރު މަހު ހުރީ 0.07 ޕަސެންޓު މަތީގަ އެވެ.
އޮކްޓޫބަރު މަހު މައިގަނޑު ގޮތެއްގައި ސީޕީއައި އަށް އައިސްފައިވާ ބަދަލު ތަކަށް ބަލާއިރު، މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ބިހާއި ކިރު ފަދަ ތަކެތި ހިމެނެ އެވެ. މި ބައިން 1.34 ޕަސެންޓް މަތިވެފަ އެވެ.
އަދި ޕާނާއި ސީރިއަލްގެ ބައިން 0.38 ޕަސެންޓް މަތިވެފައިވެ އެވެ. މީގެ އިތުރުން މައުލޫމާތާއި މުއާސަލާތުގެ ހިދުމަތުގެ ބައިން 0.77 ޕަސެންޓް މަތިވެފައިވެ އެވެ. އަދި ގޭގެ ކުލީގެ ބައިން 0.07 ޕަސެންޓް މަތިވެފައިވާއިރު، އެހެނިހެން މުއާސަލާތުގެ ހިދުމަތުގެ ބައިގެ އަގުތައް ބަނީ 10.30 ޕަސެންޓް މަތިވެފަ އެވެ. އަދި ރެސްޓޯރެންޓް ކެފޭތަކުގެ ބައިގެ އަގުތައް ވަނީ 0.11 ޕަސެންޓް މައްޗަށް ޖެހިލާފަ އެވެ.
އަގު މަތިވި ބައިތައް ކުރުކޮށް:
- އެހެނިހެން މުއާސަލާތުގެ ހިދުމަތުގެ ބައި: 10.30
- ބިހާއިކުރު ފަދަ ތަކެތި: 1.34 ޕަސެންޓް
- ޕާނާއި ސީރިއަލްގެ ބައިން: 0.38
- މައުލޫމާތާއި މުއާސަލާތުގެ ހިދުމަތުގެ ބައިން: 0.77
- ރެސްޓޯރެންޓް ކެފޭތަކުގެ ބައިގެ އަގުތައް: 0.11
މިދިޔަ މަހު އަގު ދަށަށް ދިޔަ ހެއްޔެވެ؟ އަގު ދަށްވީ ކޮން ބާވަތް ތަކަކުން ހެއްޔެވެ؟
އޮކްޓޫބަރު މަހު މައިގަނޑު ގޮތެއްގައި އަގުތައް ދަށަށް ގޮސްފައިވާ ބާވަތްތަކުގެ ތެރޭގައި ތަރު ކާރީގެ ބައި ހިމެނެ އެވެ. މި ބައިގެ އަގުތައް ވަނީ 2.57 ޕަސެންޓް ދަށްވެފަ އެވެ. އަދި މޭވާގެ ބައިން 0.88 ޕަސެންޓް ދަށްވީއިރު، މޮބައިލް ފޯނުގެ މުއާސަލާތީ ހިދުމަތްތަކުގެ ބައިން 0.35 ޕަސެންޓް އަދި އިންޓަނެޓްގެ ހިދުމަތުގެ ބައިން 0.58 ޕަސެންޓް ދަށްވެފައިވެ އެވެ.
ރަށްރަށާއި މާލެ އިންފްލޭޝަންގެ ފަރަގު
މި އަހަރުގެ ސެޕްޓެމްބަރ މަހާއި އަޅާބަލާއިރު އޮކްޓޫބަރު މަހު މާލެ އާއި އަތޮޅުތަކުގެ ގެ އިންފްލޭޝަން ރޭޓް ހުރި ގޮތަށް ބަލައިލާއިރު، މާލޭގެ ޖުމްލަ އިންފްލޭޝަން ރޭޓް ވަނީ 0.05 ޕަސެންޓް ދަަށްވެފަ އެވެ. ނަމަވެސް ރަށްރަށުގައި އިންފްލޭޝަން ރޭޓް ވަނީ 0.11 ޕަސެންޓް އުފުލިފައިވާކަމަށް ދައްކަ އެވެ.
މާލެ އާއި ރަށްރަށުގައި އަގުތަކުގެ ބަދަލު- ބައެއް ދާއިރާތައް
- ކާބޯތަކެތީގެ ބައި (މާލެ 0.34 ޕަސެންޓް -) އަދި (ރަށްރަށުގައި (0.28 +)
- ދުންފަތާއި ދުމުގެބައި (މާލެ 0.00) އަދި (ރަށްރަށުގައި (0.31 +)
- ދުންފަތާއި ދުމުގެބައި (މާލެ 0.00) އަދި (ރަށްރަށުގައި (0.31 +)
- އަންނައުނާއި ފައިވާނުގެ ބައި (މާލެ 0.01 + ) އަދި (ރަށްރަށުގައި (0.20 +)
- ގޭގެ ކުލި، ފެން ކަރަންޓު އަދި ގޭސް (މާލެ 0.05 + ) އަދި (ރަށްރަށުގައި (0.01 +)
- ފަރުނީޗަނާއި ހިފައި ގެންގުޅޭ ސާމާނު (މާލެ 0.00 ) އަދި (ރަށްރަށުގައި (0.10 +)
- ސިއްހީ ހިދުމަތުގެ ބައި (މާލެ 0.00 ) އަދި (ރަށްރަށުގައި (0.00)
- ދަތުރު ފަތުރުގެ ބައި (މާލެ 0.00 ) އަދި (ރަށްރަށުގައި (0.00)
- މުއާސަލާތީ ހިދުމަތުގެ ބައި (މާލެ 0.04 + ) އަދި (ރަށްރަށުގައި 0.19 -)
އިންފްލޭޝަން ރޭޓްއަށް އައި ބަދަލު އަހަރުން އަހަރަަށް ބަލާނަމަ ދަށްވެފައިވާކަން ފާހަގަ ކުރެވެ އެވެ. މިދިޔަ އަހަރު އޮކްޓޫބަރުން މި އަހަރުގެ އޮކްޓޫބަރ އާއި ހަމައަށް އިންފްލޭޝަން ރޭޓް ވަނީ 1.15 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ހަމަ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން މި އަހަރުގެ ސެޕްޓެމްބަރު މަހާހަމައަށް އަޅާ ބަލާނަމަ އިންފްލޭޝަން ރޭޓް 0.89 ޕަސެންޓް ދަށްވެފައިވާ ކަމަށް ދަށްކަ އެވެ.