ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ތެލުގެ އަގު

ތެލުގެ އަގު މަތިވެ ރާއްޖެ ކޮށިއަރާފާނެތަ؟

ދުނިޔޭގެ ތާރީހުގައި ތެލަކީ އަގެއް ނެތް އެއްޗެއްގެ ގޮތުގައި މިފަހުންވީ ކޮވިޑުގެ ބައްޔާއެކު ދުނިޔެ "ހުއްޓުމުން" ނެވެ. މުޅި ދުނިޔޭގެ ދަތުރުފަތުރުތައް ހުއްޓުމުގެ ނަތީޖާއަކީ ތެލުގެ އަގު ދުވަހަކު ވެސް ނުދާ ވަރަށް ވެއްޓިގެން ދިއުމެވެ. ދުނިޔޭގެ ތެލުގެ މުއްސަނދި ގައުމު ތަކުން ތެޔޮ އުފައްދާ މިންވަރު ދަށް ކުރި ނަމަވެސް ޑިމާންޑް ނެތުމުން ދުނިޔޭގައި ތެޔޮ ގިނަވި އެވެ. ނަމަވެސް ބަލިން ދުނިޔެ "ސަލާމަތްވުމާ" ދިމާލަށް ދަތުރުކޮށް އިގްތިސޯދު ރަނގަޅުވާން ފެށުމުން އަނެއްކާ ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށާފަ އެވެ. އަދި ތެލުގެ އަގުގެ މައްސަލަ އިތުރަށް ގޯސް ވެގެން ދިޔަ މައިގަނޑު އަނެއް ސަބަބަކީ ދުނިޔޭގެ ސަޕްލައި ޗެއިންގައި މިހާރު ހުރި ދަތިކަމެވެ. އޭގެ ނަތީޖާއަކަށްވީ ތެލުގެ އަގު އަވަސް މިނެއްގައި މަތިވެ ރެކޯޑް މިންވަރަށް އަރާފާނެ ކަމަށް ބެލެވެން ފެށުމެވެ.

ދުނިޔޭގެ ބާޒާރުގައި މީގެ ހަ މަސް ކުރިން ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 60 ޑޮލަރުގައި ހުރި ނަމަވެސް މިހާރު މިވަނީ ތެޔޮ ފީފާއެއްގެ އަގު 85 ޑޮލަރަށް ވުރެ މަތިވެފަ އެވެ. މިކަންވާނީ ރާއްޖެ ފަދަ ތެލަށް ބަރޯސާވެފައިވާ ގައުމުތަކަށް ބޮޑު މައްސަލަ އަކަށެވެ. މުޅި އިގްތިސޯދު ކޮށިއަރާފާނެ ފަދަ ހާލަތެއް ކުރިމަތި ކުރުވައިފާނެ ވެސް ކަމަކަށެވެ.

"ރާއްޖެއަކީ ތެލަށް ބަރޯސާވާ ގައުމަކަށް ވުމުން މީގެ އަސަރު ތަކެއް ރާއްޖެއަށް ކުރާނެ. ތެޔޮ އެތެރެ ކުރަން ކުރަން ޖެހޭ ހަރަދު މަތިވަމުންދާ ވަރަކަށް ދައުލަތުގެ ޑިޒާވްއަށް ބާރު ބޮޑުވުން ގާތް،" މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވި އެވެ.

ނޭޝަނަލް ސްޓެޓިސްޓިކްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގައި އެވްރެޖުކޮށް ތެޔޮ ލިޓަރެއް ވިއްކާފައިވަނީ 9.25 ރ. އާއި 11.19 ރ. އާ ދެމެދުގަ އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ތެލުގެ އަގު 8 ރ. އަށް ވެއްޓިގެން ދިޔަ އެވެ. އެކަމަކު މިހާރު ދުނިޔޭގެ ތެލުގެ ޓްރެންޑް ދައްކާ ގޮތުން އަގު އިންތިހާއަށް މަތިވުން ގާތެވެ. މިހާރު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 85 ޑޮލަރަށްވުރެ މަތީގަ އެވެ.

ތެލުގެ އަގު މަތިވަމުންދާއިރު ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ ޖަމިއްޔާ، އޯޕެކުން އަދި އޮތީ ނޭނގޭ ކަމަށް ހަދައިގެންނެވެ. ބޭނުމަކީ އެ މީހުން ބޭނުންވާ ރޭޓަށް ތެލުގެ އަގު އުފުލައިލުމެވެ. މިހާ ބާރަށް ތެލުގެ އަގ އުފުލުމުގެ މައިގަނޑު އެއް ސަބަބެއް ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަނީ ތެޔޮ ގަންނަން ދުނިޔޭގެ ބާޒާރަށް ޗައިނާ ފުންމާލުމެވެ. ކޮވިޑް-19 އާ ގުޅިގެން ތެލުގެ އަގު އިންތިހާށް ވެއްޓުނު ވަގުތު ޗައިނާ އިން އެއްކުރި ތެލުގެ ސްޓޮކް ހުސްވުމަކާ ގާތްވަމުން ދާތީ އެ ގައުމުން ވަނީ ތެޔޮ ހޯދަން ބާޒާރަށް ފައިބާފަ އެވެ. އޭގެ ނަތީޖާއަކީ ޑިމާންޑު އާދަޔާ ހިލާފަށް މަތިވުމެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމުން ނަތީޖާއަކީ ރާއްޖޭގެ ބާޒާރުގައި ވެސް އަގު މަތި ކުރަން މަޖުބޫރުވުމެވެ. އެހެންވެ ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު މަތިވުން ގާތެވެ. ރާއްޖޭގެ ބާޒާރުގައި މި އަހަރު މިހާތަނަށް ފަސް ފަހަރެއްގެ މަތިން ވަނީ ތެލުގެ އަގަށް ބަދަލު ގެނެސް ބޮޑު ކޮށްފަ އެވެ. މި ބަދަލުތައް ގެންނަން މަޖުބޫރުވާ މައިގަނޑު ސަބަބަކީ ދުނިޔޭގައި ތެލުގެ އަގު މަތިވުމެވެ.

މި އަހަރު ރާއްޖޭގައި ތެލުގެ އަގު މަތިވިގޮތް

  • ފެބްރުއަރީ: ޕެޓްރޯލް 0.37ލ. ޑީސަލް ލިޓަރަކުން 0.48ލ.
  • މާޗް: ޕެޓްރޯލް 0.01ލ. ޑީސަލް ލިޓަރަކު 0.06ލ.
  • ޖޫން: ޕެޓްރޯލް 0.89 ލާރި، ޑީސަލް 0.89 ލާރި
  • ޖުލައި: ޕެޓްރޯލް 0.98 ލާރި، ޑީސަލް 0.23 ލާރި
  • އޮކްޓޫބަރު: ޕެޓްރޯލް 0.44ލ، ޑީސަލް ލިޓަރަކުން 0.89 ލ.

މިހާރު އަގަށް އަންނަ ބަދަލާއެކު ޖީބުން އިތުރަށް ދަށްކަން ޖެހުނީ ކިހާ އަދަދެއް ހެއްޔެވެ؟ މިއީ ސުވާލަށް ވެދާނެ އެވެ. މި އަހަރު ފެށުނުއިރު ފެޓްރޯލް ލިޓަރެއް ހުރީ 8.44ރ. އަށެވެ. ނަމަވެސް މިހާރު ޕެޓްރޯލްގެ އަގު ހުރީ ލިޓަރެއް 11.16ރ. ގަ އެވެ. އަދި ޑީސަލް ލިޓަރެއް އަހަރު ފެށުނުއިރު ފެބްރުއަރީ މަހާ ހަމައަށް 9.19ރ. އަށް ލިބުނު ނަމަވެސް ޑީސަލްގެ އަގު ވެސް ވަނީ 11.84ރ. އަށް މަތިވެފަ އެވެ. މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ބަލާނަމަ ޕެޓްރޯލް ލިޓަރަކުން 2.78ރ. ވަރު ވަނީ ބޮޑުވެފަ އެވެ. އޮޑި ދޯނި ފަހަރާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު އަދި ޖަނަރޭޓަރު ތަކަށް އަޅާ ޑީސަލް ލިޓަރަކުން އެވްރެކޮށް 2.55ރ. ވަރު ބޮޑުވެފައިވެ އެވެ. މީގެ މާނައަކީ ވޭވް 125 ސައިކަލެއްގެ ފުލް ޓޭންކުގެ ތެޔޮ މި އަހަރު ފެށުނުއިރު 20ރ. އަށް އެޅުނު ނަމަވެސް މިހާރު ޓޭންކް ފުރާ ލެވޭނީ އެންމެ މަދުވެގެން 30ރ. ނޫނީ 35ރ. އަށެވެ.

އަގު މަތިވުމާއި ޖީބުން ދާ އަދަދު
މި އަހަރު ފެށުނުއިރު ފެޓްރޯލް ލިޓަރެއް ހުރީ 8.44ރ. އަށެވެ. ނަމަވެސް މިހާރު ޕެޓްރޯލްގެ އަގު ހުރީ ލިޓަރެއް 11.16ރ. ގަ އެވެ. އަދި ޑީސަލް ލިޓަރެއް އަހަރު ފެށުނުއިރު ފެބްރުއަރީ މަހާ ހަމައަށް 9.19ރ. އަށް ލިބުނު ނަމަވެސް ޑީސަލްގެ އަގު ވެސް ވަނީ 11.84ރ. އަށް މަތިވެފަ އެވެ. މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ބަލާނަމަ ޕެޓްރޯލް ލިޓަރަކުން 2.78ރ. ވަރު ވަނީ ބޮޑުވެފަ އެވެ. އަދި އޮޑި ދޯނި ފަހަރާއި ހަތަރު ފުރޮޅުލީ އުޅަނދުފަހަރު އަދި ޖަނަރޭޓަރު ތަކަށް އަޅާ ޑީސަލް ލިޓަރަކުން އެވްރެކޮށް 2.55ރ. ވަރު ބޮޑުވެފައިވެ އެވެ. މީގެ މާނައަކީ ވޭވް 125 ސައިކަލެއްގެ ފުލް ޓޭންކުގެ ތެޔޮ މި އަހަރު ފެށުނުއިރު 20ރ. އަށް އެޅުނު ނަމަވެސް މިހާރު ޓޭންކް ފުރާލެވޭނީ އެންމެ މަދުވެގެން 30ރ. ނޫނީ 35ރ. އަށެވެ.

ރާއްޖޭގައި ތެލުގެ ހިދުމަތްދޭ އަމިއްލަ ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވި ގޮތުގައި މިހާރު ދުނިޔޭގައި ޑިމާންޑް ހުރި ގޮތުން ތެލުގެ އަގު ފީފާއެއް 100 ޑޮލަރަށްވުރެ މަތިވުމުގެ ފުރުސަތު އެބައޮތެވެ. އަދި މިއާއެކު ރާއްޖޭގައި މި އަހަރުގެ ބާކީ އޮތް ބަޔާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް ތެޔޮ ލިޓަރަކުން 1.50ރ. އާއި ދެ ރުފިޔާވަރު ބޮޑުވުމުގެ ފުރުސަތު އޮތް ކަމަށް ފޯކާސްޓް ކުރެވެ އެވެ.

"ރާއްޖޭގެ މާކެޓަކީ ބޭރުގެ އެހެން މާކެޓުތަކާ އަޅާ ކިޔާނަމަ ލިމިޓެޑް މާކެޓެއް. ނަމަވެސް އަލަށް ބައެއް ރިސޯޓުތައް ހުޅުވުމާއި އިކޮނޮމިކް އެކްޓިވިޓީސްތައް ދަނީ މަތިވަނުން. އެހެންވެ ތެލަށް އޮތް ޑިމާންޑު ވަނީ މަތިވެފަ. ބެލެވެނީ ދެ ރުފިޔާ ވަރު މަތިވާނެ ކަމަށް،" ފަސްދޮޅަސް މިލިއަން ލިޓަރުގެ ތެޔޮ ފޯރުކޮށް ދިނުމުގެ ގާބިލްކަން ރާއްޖޭގައި ގާއިމް ކޮށްފައިވާ ކުންފުނީގެ އިސްވެރިޔާ ވިދާޅުވި އެވެ.

ރިޒާވަށް އަސަރު ކޮށްފާނެތަ؟

ތެލުގެ އަގަށް މި އަންނަ ބަދަލުގެ ސަބަބުން އެންމެ ބޮޑު ލޮޅުމެއް އަންނާނެ ކަމަށް ބެލެވެނީ ޑޮލަރުގެ މާކެޓަށެވެ. ދުނިޔޭގެ ސަޕްލައި ޗެއިނަށް އައިސްފައިވާ ބަދަލާއެކު ބައެއް ތަކެތީގެ އަގު ވަނީ މަތިވެފަ އެވެ. މިފަދަ ވަގުތެއްގައި ތެލުގެ އަގު މަތިވަމުންދާނަމަ މިކަން ވާނީ ރާއްޖެ ފަދަ ގައުމުތަކުގެ ރިހޭފައި މައްޗަށް ފޮއި ވެއްޓުން ފަދަ ކަމަކަށެވެ. ނަތީޖާއަކަށް ވާނީ ތެޔޮ އެތެރެ ކުރުމާއި އިމްޕޯޓަށް ޑޮލަރު ބޭނުންވާ އަދަދު އެތަށް ގުނައެއް މަތިވުމެވެ. މިކަން ކުރިމަތިވާނީ ހަމައެކަނި ސަރުކާރަށް ކުރިމަތިވާނެ ބުރައަކަށް ނޫނެވެ. މި ދަތިކަން ޕްރައިވެޓް ސެކްޓާ ވެސް ތަހަމަލް ކުރަން ޖެހޭ ވަރު ބޮޑުވާނެ އެވެ.

ރާއްޖޭގެ ރިޒާވަށް ބަލާއިރު އެވްރެޖުކޮށް މަހަކު 150 މިލިއަން ޑޮލަރު އިމްޕޯޓަށް ބޭނުންވެ އެވެ. ނަމަވެސް ތެލުގެ އަގާއެކު އިމްޕޯޓަށް ޑޮލަރު ބޭނުންވާ އަދަދު މަތިވުން ގާތެވެ. މިއީ ޑޮލަރު ހޯދަން ދަތިވާނެ ކަމެކެވެ. މީގެ އިތުރުން ކަރަންޓު ދޭން ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ހޭދަ ވެސް މަތިވެގެންދާނެ ކަމަށް ތަޖުރިބާކާރުން ގަބޫލު ކުރައްވަ އެވެ.

ކުރީގެ ގަވަރުނަރު އަދި އިގްތިސޯދީ މާހިރު ނަސީރު ވިދާޅުވި ގޮތުގައި ތެލުގެ އަގު މަތިވުމާއެކު ދައުލަތުގެ ބަޖެޓުން ސަބްސިޑައިޒް ކުރަން ޖެހޭ އަދަދު މަތިވާނެ އެވެ.

"ޑައިރެކްޓްލީ ބަލާނަމަ ތެލުގެ އަގު މަތިވަމުންދާނަމަ ކަރަންޓު ދޭން ކުރަން ޖެހޭ ހަރަދު މަތިވާނެ. އެފަދަ ހާލަތެއްގައި ނަމަ ސަރުކާރުން ސްޓެލްކޯއަށް ސަބްސިޑަރިޒް ކުރުން އިތުރުވާނެ،" ކުރިން ފިނޭންސް މިނިސްޓްރީގެ އިސް މަގާމުތައް ވެސް ފުރުއްވި ނަސީރު ވިދާޅުވި އެވެ.

މި ބަދަލާއެކު ދައުލަތުން ހަރަދު ފޫބައްދަށް ފައިސާ ހޯދަން ޖެހޭ މިންވަރު މަތިވެގެން ދާނެ އެވެ. މިހާރު ވެސް ލިބޭ އާމްދަނީ އިން ދެކޮޅު ނުޖެހިގެން އުޅޭ އުޅުން އިތުރަށް ބޮޑުވެގެން ދާނެ އެވެ.

ޑައިރެކްޓްލީ ބަލާނަމަ ތެލުގެ އަގު މަތިވަމުންދާނަމަ ކަރަންޓު ދޭން ކުރަން ޖެހޭ ހަރަދު މަތިވާނެ. އެފަދަ ހާލަތެއްގައި ނަމަ ސަރުކާރުން ސްޓެލްކޯ އަށް ސަބްސިޑަރިޒް ކުރުން އިތުރުވާނެ
އަހުމަދު ނަސީރު | އެމްއެމްއޭގެ ކުރީގެ ގަވަރުނަރު

އަގުތައް މަތިވުމުގެ ބިރު

އިތުރަށް ބަޖެޓުގެ ހަރަދުތައް މަތިވުމަކީ ބަޖެޓުގެ ދަރަނި ބޮޑުވާނެ ކަމެކެވެ. މީގެ އިތުރުން ކުރިމަތިވާނެ އަނެއް މައްސަލައަކީ މުދަލާއި ހިދުމަތުގެ އަގު މަތިވުން ނުވަތަ އިންފްލޭޝަން މައްޗަށް ދިއުމެވެ. ރާއްޖޭގެ އިންފްލޭޝަންގެ ބޮޑު ބަޔަކީ "އިމްޕޯޓް" ވާ އެއްޗެކެވެ. އެހެންވެ ތެލުގެ އަގު ބޮޑުވުމުން އަގުތައް ބަދަލުވެ މުދަލުގެ އަގު ބޮޑުވުމުގެ ފުރުސަތު އެބައޮތެވެ. ހާއްސަކޮށް ޓިކެޓުގެ އަގު ފަދަ އާއްމު ހިދުމަތުގެ އަގުއަގު މިހާރުދާ ގޮތަށް ތެލުގެ އަގު މަތިވަމުންދާނަމަ ބޮޑުވާނެ އެވެ. މިދިޔަ އަހަރަށް ބަލާނަމަ ރާއްޖޭގެ އިންފްލޭޝަން ހުރީ 1.4 ޕަސެންޓް ދަށުގަ އެވެ. ނަމަވެސް ސަރުކާރުން ވެސް ކުރިއަށް އަންދާޒާ ކުރާ ގޮތުގައި މި އަހަރުގެ ކުރިއަށްއޮތް ތަނުގައި މުދަލުގެ އަގު ބޮޑުވާނެ އެވެ.

ފިނޭންސް މިނިސްޓްރީން މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީ ރިޕޯޓުގައިވާ ގޮތުން ތެލުގެ އަގު މަތިވުމުގެ ސަބަބުން މުދަލުގެ އަގު މަތިވުން ގާތެވެ.

"ރާއްޖެއަކީ ގިނަ އަދަދެއްގެ ކޮންސިއުމާ މުދާ އިމްޕޯޓް ކުރާ ގައުމަކަށްވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި އަހަރުގެ ތެރޭގައި މަތިވުމުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ އަސަރު ރާއްޖެ އަށް ކުރާނެ އެވެ. ހަމަމިއާއެކު ވިޔަފާރިވެރިންނަށް ރާއްޖޭން ޑޮލަރު ލިބޭ މިންވަރަކީ އިމްޕޯޓް ކުރާ މިދަލުގެ އަގުތަކަށް އަންނަ ބަދަލު ނުވަތަ އިމްޕޯޓެޑް އިންފްލޭޝަންއަށް އަސަރު ކުރާނެ ކަމެކެވެ،" އެ ރިޕޯޓުގައިވެ އެވެ.

ރާއްޖެއަކީ ކޮންސިއުމާ މުދާ އިމްޕޯޓް ކުރާ ގައުމަކަށްވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި އަހަރުގެ ތެރޭގައި މަތިވުމުން ދުނިޔޭގެ ބާޒާރުގައި އަގުތަކަށް އަންނަ އަސަރު ރާއްޖެއަށް ކުރާނެ
ފިސްކަލް ސްޓްރެޓަޖީ ރިޕޯޓް

ތެލުގެ އަގު މަތިވުމަކީ ރާއްޖޭގެ އަތް މަތީގައި އޮތްކަމެއް ނޫނެވެ. ނަމަވެސް ބާރު އޮތް ކަމަކީ ބޭކާރު ހަރަދު މަދުކޮށް އިސްރާފު ހުއްޓާލުމެވެ. އެކަން ކުރެއްވިއްޖެނަމަ އިތުރަށް އަގު ބޮޑުވެގެން އަންނަ ބަދަލުން ސަލާމަތް ވާނެ އެވެ. ނަމަވެސް މިހާރުގެ އަންދާޒާއަކީ ތެލުގެ އަގަށް މި އަންނަ ބަދަލުގެ އިފެކްޓް ރާއްޖެ އަށް ކުރާނެ އެވެ. އޮތް ސުވާލަކީ ކުރާނެ މިންވަރެކެވެ. މަތިވާ ތެލުގެ އަގުން ރާއްޖޭގެ އިގްތިސޯދު ކޮށިއަރާނެ މިންވަރުގެ އަންދާޒާ އެކެވެ.