އިންޑިޔާގެ ބޮޑުވަޒީރު މޯދީ

މޯދީގެ ކަޝްމީރު ދަތުރުފުޅާއި ދިމާކޮށް ހަމަނުޖެހުން

Nov 8, 2015
1

ކަޝްމީރު (ބީބީސީ) -އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކަޝްމީރަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅާއި ދިމާކޮށް ހިންގި ހަމަނުޖެހުން ތަކުގައި އެކަކު މަރުވެއްޖެއެވެ.

މުޒާހަރާ ކުރުމަށް އެއްވި މީހުން މައިތިރިކޮށް، އެއްވެފައިވާ ސަރަހައްދުން ފޮނުވާލުމަށް އިންޑިޔާ ސިފައިން ވަނީ ބަޑި އާއި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ. މި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރަން އުޅުމުގެ ތެރޭގައި އެކަކު މަރުވިއިރު، އެމީހާގެ މަރުގެ ހަބަރު ފެތުރުމުން އިތުރު އެތައް ބަޔަކު މުޒާހަރާއާއި ގުޅުނެވެ.
މޯދީ ޒިޔާރަތް ކުރެއްވި ސަރަހައްދު އޮތީ ސަލާމަތީ ސަބަބު ތަކަށްޓަކައި ބަންދު ކޮށްފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ކަޝްމީރުގެ މިލްކުވެރިކަމާއި ގުޅޭ ސިޔާސީ އެއްވެސް ވާހަކަފުޅެއް ނުދައްކަވާކަން ފާހަގަ ކުރެވެއެވެ. އޭގެ ބަދަލުގައި މޯދީގެ ފޯކަސް ބެހެއްޓެވީ ކަޝްމީރަށް ހޯދައިދިނުމަށް އިންޑިޔާ ސަރުކާރުން ވައުދުވާ 12 ބިލިއަން ޑޮލަރުގެ އެހީގެ ވާހަކައަށެވެ. މޯދީ ވިދާޅުވީ އެ އެހީގެ ޕްކޭޖު ކަޝްމީރަށް ހޯދައިދެވިއްޖެ ނަމަ، ކަޝްމީރު މުޅިން ބަދަލު ކޮށްލެވޭނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އާ ކަޝްމީރެއް ބިނާކުރަން ކަމަށާއި، އެ ކަޝްމީރު ވެގެންދާނީ ބާރުގަދަ ތަނަކަށް ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިޔާއާއި ޕާކިސްތާނުން ވެސް ދައުވާކުރާއިރު ވޭތުވެ ދިޔަ 60 އަހަރު އެ ސަރަހައްދުގައި އެތައް ހަމަނުޖެހުމެއް ހިނގާފައިވެއެވެ. މިގޮތުން މި ދެ ގައުމު ވަނީ ކަޝްމީރުގެ މައްސަލައިގާ ދެ ހަނގުރާމަ ކޮށްފައެވެ. މޯދީގެ ސިޔާސަތާ އިދިކޮޅު ފަރާތްތަކުން ބުނަނީ ކަޝްމީރަށް ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް ބޭނުންވަނީ ސިޔާސީ ހައްލެއް ކަމަށާއި އިގްތިސޯދީ ވަސީލަތްތައް ބޭނުން ކޮށްގެން އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ.