ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިިފި އެވެ.
ފިޔަވަޅުތައް އިއުލާނު ކުރަން ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބުދަ ދުވަހުން ފެށިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފައެވެ. ޖުމްލަ 8 ފިޔަވަޅެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވެހިކަލް މަނާ ވަގުތު ކަނޑައެޅުމާއި ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ނިންމުން ހިމެނެއެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް އޮންލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ.
އަދި ޕާކުތަކާއި ކަސްރަތު ކުރާ ތަންތަން ބަންދު ކުރުމާއި މިސްކިތުގައި ތިބޭއިރު މާސްކު އަޅަން މަޖުބޫރުކޮށްފައިވެއެވެ.
ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި ނުދޭންވެސް ވަނީ ނިންމާފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ދެ ޑޯޒް ވެކްސިް ޖަހަން ޖެހެއެވެ. ރާއްޖޭގައި މިހާރު ދެ ޑޯޒް ޖަހާފައިވާ މީހުންގެ މީހުންގެ އަދަދު ލައްކައަށްވުރެ ގިނަ އެވެ. ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ހަމަވުމުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން އޮތީ އިއުލާނުކޮށްފައެވެ.
ނަަމަވެސް މިރޭ ސަރުކާރުން އިއުލާނުކުރި ފިޔަވަޅުތަކުގައި ބުނެފައިވަނީ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި މިވަގުތަށް ނުދޭން ނިންމާފައިވާ ކަމަށެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ.
މިރޭ އިއުލާނުކުރި ފިޔަވަޅުތައް
- މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުން،
- ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުން،
- ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުން،
- މާލެ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދު މަނާކުރުން،
- ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން،
- ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުން މަނާކުރުން،
- ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުން،
- އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުން،
- ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުން،
- ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުން،
ކޮވިޑް ކޭސްތައް 300 އިން މަަތީގައި ހުންނަތާ ހަފްތާއެއް ވަނީ ވެފައެވެ. ގިނަ ދުވަސް ދުވަހު ޕޮޒިޓިވް އަދަދު ހުރީ 400 އިން މަތީގައެވެ. އިއްޔެ ވަނީ 500 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. މި އަހަރުގެ މިދިޔަ ހަތަރު މަސް ދުވަހު 17،000 ވުރެ ގިނަ މީހުން ވަނީ ބަލިޖެހިފައެވެ.
މި މަހުގެ ފުރަތަމަ ހަތަރު މަސް ނިމިގެންދިޔައިރު 22 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.
މިދިޔަ ހަތް ދުވަހުގެ ކޮވިޑް ނަންބަރު
- އޭޕްރީލް 26 - 328 ކޭސް
- އޭޕްރީލް 27 - 386 ކޭސް
- އޭޕްރީލް 28 - 464 ކޭސް
- އޭޕްރީލް 29 - 318 ކޭސް
- އޭޕްރީލް 30 - 465 ކޭސް
- މެއި 1 - 402 ކޭސް
- މެއި 2 - 508 ކޭސް
ކޮވިޑް ކޭސްތައް ފެނިގެން މިވަގުތުވެސް 25 ރަށެއް އޮތީ މޮނިޓަރިންގައެވެ.
އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. ވޭމަންޑޫ އާއި އެ އަތޮޅު މަޑިފުއްޓާއި އއ. ބޮޑުފުޅަދޫ އާއި ކ. ހިންމަފުއްޓާއި ގުޅި އަދި މާފުށީގެ އިތުރުން އއ. މަތިވެރި އާއި ލ. މާންދޫ އާއި ގަމާއި ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ ކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި މ. ކޮޅުފުއްޓާއި އައްޑޫ ސިޓީ އާއި އދ. ދަނގެތި އާއި ހއ. ދިއްދޫ އެވެ. ދެން އޮތީ އިއްޔެ މޮނިޓަރިން އަށް ގެނައި ކުޅުއްފުއްޓާއި ހިމަންދޫ އެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް
- މާފުށި - 350 ކޭސް
- ނައިފަރު - 272 ކޭސް
- މާންދޫ - 253 ކޭސް
- މަތިވެރި - 218 ކޭސް
- އޭދަފުށި - 146 ކޭސް
- ހިންމަފުށި - 104 ކޭސް
- ވޭމަންޑޫ - 74 ކޭސް
- އުކުޅަސް - 73 ކޭސް
- ގުޅި - 44 ކޭސް
- މާމިގިލި - 38 ކޭސް