ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިންޒާރެއް: ރާއްޖެއިންވެސް އާ ވޭރިއަންޓް އުފެދިދާނެ

ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާއިރު ރާއްޖެއިންވެސް ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އުފެދިދާނެ ކަމުގެ އިންޒާރު ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ދީފި އެވެ.

އެޗްއީއޯސީން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މީގެ ދުވަސްކޮޅެއް ކުރިއާ ބަލާއިރު ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެކަނިވެސް 160 މީހަކަށް ފަރުވާ ދެމުންދާއިރު ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތާގައި ހާއްސަކޮށްފައިވާ އައިސީޔޫ ސެންޓަރުގެ 50 އިންސައްތަވެސް ފުރިފައިވާ ކަމަށެވެ.

އަދި ބަލީގެ ބޮޑުވަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

އެޗްއީއޯސީން ބުނީ ކޮވިޑްގެ ތަފާތު ވޭރިއަންޓްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާއިރު ރާއްޖެއިންވެސް އާ ވޭރިއަންޓް އުފެދުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ބައެއް ވޭރިއަންޓްތަކަކީ މިހާރު ހަދަމުންދާ ޕީސީއާރު ޓެސްޓަށްވެސް ނުދައްކާ ވޭރިއަންޓްތަކަކަށްވާތީ ހާލަތު ވަރަށް ބޮޑަށް ގޯސްވާ ފަހުންވެސް ބަލި މީހުން ދެނެގަނެވޭ ކަމަށެވެ.

"މި ހުރިހާ ކަމަކުންވެސް މި ބުނެދެނީ އަޅުގަނޑުމެންގެ ހާލަތު ގޯހުން ގޯހަށްދާކަން،"

މީގެ އިތުރުން އިންޑިއާ އާއި ނޭޕާލް ފަދަ ގައުމުތަކުގައި މިހާރު އޮތް ހާލަތަށް ރާއްޖެ ދިއުމުގެ ބިރު އެބައޮތް ކަމަށްވެސް އެޗްއީއޯސީން ވަނީ ބުނެފައެވެ.