ވަރުގަދަ ބަލިމަޑުކަމެއް ދުނިޔެއަށް ކުރިމަތިވެފައިވާ މިދުވަސްވަރު އެންމެ ބޮޑު ޕްރެޝަރަކާއި ސްޓްރެސް އެއް ކުރިމަތިވެފައި ވަނީ މަގަތުސަފުގެ ހިދުމަތްތެރީންގެ ގޮތުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި އެ ނޫންވެސް ސިއްހީ ދާއިރާގެ ޚިދުމަތްތެރިންނަށެވެ. ކިތަންމެ ދަތި ހާލުގައި ޕްރެޝަރާއި ސްޓްރެސްގައި އުޅެން ޖެހުނަސް މި މީހުން ރެއާ ދުވާލު އަމިއްލަ ނަފްސު ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލައިގެން އިންސާނުންގެ ފުރާނަ ސަލާމަތް ކޮށް ދިނުމުގެ މަސައްކަތުގައި ހޭބޯނާރާ އުޅެ އެވެ.
ހާލު ބޮޑު ބަލި މީހުންގެ ނަފްސާނީ ހާލަތު ހުންނަ ގޮތް އެންމެ ރަނގަޅަށް ވަޒަން ކުރެވެނީ ވެސް އެމީހުންނަށް ހިދުމަތް ކޮށްދޭ މީހުންނަށް ކަމަށްވާތީ ބަލި މީހުންގެ ހިތްހަމަޖައްސައި ދިނުމުގެ މަސައްކަތް ވެސް ބައެއް ޑޮކްޓަރުންނާއި ނަރުހުން ކުރާ މަންޒަރުތައް ދޭތެރެ ދޭތެރެއިން ދައުރުވެ އެވެ. އެއްބަޔަކު ބަލި މީހުންނަށް ލަވަ ކިޔައިދޭއިރު އަނެއްބަޔަކު ނަށާ މަންޒަރު ވެސް ބައެއް ވީޑީއޯތަކުން ފެނެ އެވެ.
މިހާރު ސޯޝަލް މީޑީއާގައި ދައުރުވާ އެއް ވީޑިއޯއަކީ މިފަދަ ވީޑިއޯ އެކެވެ. ކެނެޑާގެ އޮޓާވާގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި މަސައްކަތްކުރާ ނަރުހަކު އެތަނުގައި ތިބި ބަލި މީހުންގެ ހިތްހަމަޖައްސައިދޭން ލަވަ ކިޔާ މަންޒަރެވެ. މި ވީޑިއޯގައި ފެންނަނީ އޮޓަވާ ހޮސްޕިޓަލުގެ ނަރުހެއް ކަމަށްވާ އެމީ-ލިން ގިޓާ ކުޅެމުން ލަވަ ކިޔައިދެ އެވެ. އޭނާ ކިޔަނީ "ޔޫ އާ ނޮޓް އެލޯން" މިހެން ކިޔާ ލަވަ އެކެވެ.
މި ވީޑިއޯ ޓުވީޓްކޮށްފައި ވަނީ އޮޓާވާ ހޮސްޕިޓަލުގެ ފަރާތުންނެވެ. އެ ޓުވީޓުގައި ބުނެފައިވާ ގޮތުގައި އެމި-ލީން އަކީ އެންޑޮސްކޮޕި ނަރުހެކެވެ. އޭނާ އައިސީޔޫ ނަރުހަކަށް ބަދަލުކުރީ ދާދިފަހުންނެވެ. އައިސީޔޫގައި ތިބި ބަލި މީހުންގެ މުނިފޫހި ފިލުވައިދީ ހިތްހަމަޖައްސައި ދޭން އެމި-ލީން ލަވަކިޔައިދިނީތީ އެ ހޮސްޕިޓަލުން ވަނީ އޭނާއަށް ޝުކުރު އަދާކޮށްފަ އެވެ.
އޮޓާވާ ސިޓީނިއުސް އަށް ދިން އިންޓަވިއު އެއްގައި އެމި-ލީން ބުނީ އެއީ އޭނާއަށް ކޮށްދެވޭނެ ބަލި މީހުން އެންމެ ހިތްހަމަޖެހޭ ކަންތައް ކަމަށްވާތީ އެކަން ކޮށްދިނީ އެވެ. އެފަދަ ކަމަކަށް އެތާނގައި ތިބި ބަލި މީހުން ވަރަށް ބޮޑަށް ބޭނުން ވެފައި ތިބި ކަމަށް އެމި-ލީން ބުންޏެވެ. އަދި އޭނާގެ ލަވައިގައި ކިޔައިދިން ފަދައިން ހަޔާތުގެ އެ އުނދަގޫ އަދި ވޭންދެނިވި ދަތުރުގައި އެމީހުންނާއެކު އޭނާ އާއި އޭނާއާއެކު މަސައްކަތްކުރާ ސިއްހީ އެހީތެރިން ވާކަމާއި އެމީހުން ތިބީ އެކަނި ނޫންކަން އޭނާގެ ލަވައިން ބަލި މީހުންނަށް އިހްސާސް ކޮށްދޭން ބޭނުންވި ކަމަށް ވެސް އެމި-ލީން ބުންޏެވެ. އަދި އެމީހުން ތިބި ހާލަތުން މިއީ އެމީހުންނަށް ދޭން ޖެހޭ މެސެޖެއް ކަމަށް އެމި-ލީން ގަބޫލު ކުރެ އެވެ.
މި ވީޑިއޯ ވައިރަލް ވުމުން ވަރަށް ގިނަ ބަޔަކު ވަނީ ބަލި މީހުން ހިތްހަމަޖައްސައިދޭން އެމި-ލީން މި ކުރި ހިތްވަރަށް ތައުރީފުކޮށްފަ އެވެ. އަދި މި ލަވަ އަޑުއަހާފައި ހިތަށް އަސަރުކުރި ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
"ހެނދުނު 6 ގެ ޚަބަރުގައި މި ލަވަ ގެނެސްދިނުމުން މި މަންޒަރު ފެނިފައި އަހަރެންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އައި. އަނެއްކާ ރިޕީޓްކޮށް އެ ލަވަ މި ބަލަނީ މިހާޜު. އައިސީޔޫގައި ތިބި މަރާ ހަނގުރާމަކުރަމުންދާ ބަލިމީޙުންގެ ނަފްސާނީ ހާލަތާ މެދު ވިސްނައި އެމީހުންގެ އެ ހަނގުރާމައިގައި އެމީހުންނާއެކު އެހެން މީހުން ވެސް ބައިވެރިވާކަން އެނގުމަކީ އަދި އެމީހުން އެ ތިބީ އެކަނި ނޫންކަން އެމީހުންނަށް އެނގުމަކީ ވަރަށް ހިތްހަމަޖެހޭނެ ކަމެއް،" މި ވީޑިއޯއަށް ކޮމެންޓުކުރި މީހަކު ބުނެފައި ވެއެވެ.
އެމި-ލީންގެ އަޑު ރީތިވެފައި ލަވަ ކިޔާލިލެއް ފުރިހަމަކަށް ވެސް އެތައް ބަޔަކު ވަނީ ތައުރީފުކޮށްފަ އެވެ. ވީޑިއޯ ވައިރަލް ވުމުން އެމި-ލީން ކުރި ޓުވީޓެއްގައި މި މަންޒަރުތައް ޝެއާކުރުމުން ވައިރަލްވެ ގިނަ ބަޔަކު އޭނާއަށް ކުރި ތައުރީފަކީ ލިބުނު ޚާއްސަ ޝަރަފެއް ލިބިއްޖެ ކަމަށް ބުނެފައި ވެއެވެ.