ލައިފްސްޓައިލް

ތިން ދަރިންނަށް ލޯ އަނދިރިވާ ބައްޔެއް ޖެހިފައިވާތީ ދުނިޔެ ދައްކާލަނީ

ތިބާގެ ލޯ މުޅިން އަނދިރިވެ އެއްވެސް ތަނެއް ނުފެންނަ ދުވަސް ގާތް ވެއްޖެކަން އެނގިއްޖެނަމަ ބަލާލަން އެންމެ ބޭނުންވާނީ ކޮން ތަނެއް ހެއްޔެވެ؟ މިފަދަ ހާލަތުގައި ކޮންމެ މީހަކުވެސް ދުނިޔޭގެ ވީހާވެސް ގިނަ ތަނެއް ބަލާލަން ބޭނުންވުން އެކަށީގެންވެ އެވެ.

ކެނެޑާގެ މިފަދަ އާއިލާއަކުން ވެސް ކަންތައް ކުރަމުން ދަނީ މިހެންނެވެ. އެއީ ހަ މީހުންގެ އާއިލާ އެކެވެ. ދެމަފިރިއަކާއި އެމީހުންގެ ހަތަރު ދަރިންނެވެ.

މި އާއިލާ މިހާރު އުޅެނީ ދުނިޔެ ބަލާލުމުގެ ދަތުރަކަށް ނުކުމެ އެވެ. ހަތަރު ދަރިންގެ ތެރެއިން ތިން ދަރިންގެ ލޯ އަނދިރިވަމުންދާތީ އާއި ދުވަސްކޮޅަކުން އެ ކުދިންނަށް އެއްވެސް ތަނެއް ނުފެންނާނެކަން ޔަގީން ވެފައިވާތީ އެވެ.

އެޑިތު ލެމޭ އާއި ސެބަސްޓީއެން ޕެލެޓިއާގެ ހަތަރު ދަރިންގެ ތެރެއިން އެންމެ ދޮށީ މިއާ އެވެ. ލޮލުގެ ފެނުމުން މަހްރޫމް ކުރުވާ ބައްޔެއް ކަމަށްވާ ރެޓިނައިޓިސް ޕިގްމެންޓޭސިއާ އެންމެ ފުރަތަމަ ޖެހުނީ މިއާ އަށެވެ. މިއީ ޖެނެޓިކް ޑިސްއޯޑާ އެއް ނުވަތަ އާއިލީ ގޮތުން ވާރުތަވާ ބައްޔެކެވެ. މި ބަލި ޖެހުމުން ލޮލުގެ ފެނުން ގެއްލެ އެވެ. ނުވަތަ ދަށްވަމުން ގޮސް ވަރަށް ދަށްވެ އެވެ.

މިއާގެ އިތުރުން ހަތް އަހަރުގެ ކޮލިން އާއި ފަސް އަހަރުގެ ލައުރެންޓްގެ ކިބައިން ވެސް މި ބަލީގެ އަލާމާތްތައް ފެންނަން ފެށުމުން އެކުދިންގެ މައިންބަފައިންނަށް މިކަން ވިސްނުނެވެ. އަދި 2019ގައި މި ދެ ކުދިންނަށް އެ ބަލި ޖެހިފައިވާކަން ޔަގީން ކުރެވުނެވެ.

މި އާއިލާގައި މި ބަލި ނެތި ހުރީ ނުވަ އަހަރުގެ ލިއޯ އެކަންޏެވެ. ލިއޯގެ ހަށިގަނޑުގައި މި ޖެނެޓިކް ޑިސްއޯޑާ ނެތްކަމަށް ޑޮކްޓަރުން ބުނެފައި ވެއެވެ.

ނެޝަނަލް އައި އިންސްޓިޓީއުޓުން ބުނާ ގޮތުގައި ރެޓިނައިޓިސް ޕިގްމެންޓޭސިއާ ހުރިނަމަ ބަލީގެ އަލާމާތްތައް ވަރަށް ކުޑައިރު ފެންނަން ފަށާނެ އެވެ. އަދި ލަސް ލަހުން ނަމަވެސް ލޮލުގެ ފެނުން ދަށް ވަމުން ގޮސް ގިނަ މީހުންގެ ލޮލުގެ ފެނުން މުޅިން ގެއްލެ އެވެ.

އެހެންވެ މި ކުދިންގެ މައިންބަފައިން ބޭނުންވީ ލޮލުގެ ފެނުން ހުއްޓާ އެ ކުދިންނަށް ދުނިޔެ ދައްކާލުމަށެވެ. އެގޮތުން އެމީހުން ދުނިޔެ ބަލާލުމުގެ ދަތުރަށް ނުކުތީ މިއަހަރުގެ މާޗް މަހު އެވެ. އެމީހުންގެ މި ދަތުރުގެ އެއްވެސް ޕްލޭނެއް ނެތެވެ.

މި އާއިލާއިން މިހާތަނަށް ޒިޔާރަތްކުރި ގައުމުތަކުގެ ތެރޭގައި ނެމީބިއާ، ޒެމްބިއާ، ޓެންޒޭނިޔާ، ތުރުކީ، މޮންގޯލިއާ ހިމެނެ އެވެ. އަދި މިހާރު އެ އާއިލާއިން ޗުއްޓީ ހޭދަކުރަމުންދަނީ އިންޑޮނީޝިއާ ގައެވެ.

އެމީހުން ފުރަތަމަ ރޭވީ 2020ގައި ޗައިނާ އާއި ރަޝިޔާ އަށް ދަތުރު ކުރުމަށެވެ. ނަމަވެސް ކޮވިޑް ޕެންޑެމިކް ފެށުމާ ގުޅިގެން އެ ދަތުރު ކެންސަލްކުރަން ޖެހުނީ އެވެ.

މި އާއިލާގެ ދަތުރުދާ ރަށްރަށުގެ ވާހަކަތައް ސޯޝަލް މީޑީއާގައި އަބަދުވެސް އަޕްޑޭޓް ކުރަމުން ގެންދެ އެވެ.

"އަހަރެން މިއަދު ދަރިފުޅަށް (މިއާ އަށް) އަސްލު އެތެއް ދެއްކިން. ކުރިން އަހަރެންނަށް ހީކުރެވިފައި އޮތީ މިއާ އަށް ދެއްކޭނީ ހަމައެކަނި އެތެއްގެ ފޮޓޮއެއް ކަމަށް. ވީހާވެސް ގިނަ ރީތި ތަންތަނާއި އެއްޗެތީގެ ފޮޓޯތަކުން ދަރިފުޅުގެ ވިޝުއަލް މެމޮރީ ރީތި އެއްޗަކަށް ހަދަން އަހަރެން ބޭނުންވޭ،" ސީއެންއެން ޓްރެވެލް އަށް ދީފައިވާ އިންޓަވިއު އެއްގައި ހަތަރު ކުދިންގެ ބައްޕަ ލެމޭ ބުންޏެވެ.