ލައިފްސްޓައިލް

ދުނިޔެއަށް އުފަންވީ އެންމެ ލުއި އެއްމާބަނޑު ދެބެން

ދުނިޔޭގައި މިހާތަނަށް އުފަންވެ، ދިރިހުރުމުގެ ނަސީބު ލިބިފައިވާ، ދުވަސްނުފުރާ ވިހޭ އަދި ބަރުދަން އެންމެ ލުއި އެއްމާބަނޑު ދެބެންގެ ރެކޯޑް ކެނެޑާގައި ދާދިފަހުން އުފަންވީ އެއްމާބަނޑު ދެބެންނަށް ލިބިއްޖެ އެވެ.

ކެނެޑާގެ ޓޮރޮންޓޯ އާ 35 މޭލު އިރަށް އޮންނަ އަޖެކްސްގެ އޮންޓާރިއޯގައި ދިރިއުޅޭ މި ކުދިންގެ މަންމަ ޝާކިނާ ރަޖެންދުރަމް އާއި ބައްޕަ ކެވިން ނަޑަރާޖާ ކައިރީ ޑޮކްޓަރުން ބުނި ގޮތުގައި އެމީހުންގެ އެއްމާބަނޑު ދެބެން "ދިރުވޭނެ" އެއްވެސް ގޮތެއް ނެތެވެ.

"ޑޮކްޓަރުގެ އަނގައިން ފުރަތަމަ ފަހަރަށް އެ ވާހަކަ އިވުނުއިރުވެސް އަހަރެންގެ ބަނޑުތެރޭން އަހަންނަށް އެ ދެބެންގެ އިހްސާސްތައް ކުރެވޭ. އެހެންވެ އެ ވާހަކަ އަހަންނަކަށް ގަބޫލުކުރާކަށް ފަސޭހައެއްނުވި. ސަބަބަކީ އަހަރެންނަށް އެ ކުދިން ދިރި ތިބިކަމުގެ އިހްސާސްތައް ކުރެވޭތީ،" ސީއެންއެން އަށް ދިން އިންޓަވިއު އެއްގައި ދެބެންގެ މަންމަ ރަޖެންދްރަމް ބުންޏެވެ.

އެހެންނަމަވެސް މާގިނަ ދުވަހު އޭނާގެ ބަނޑުގައި އެ ކުދިން ނުބޭތިއްބޭނެކަން ވެސް ރަޖެންދުރަމް އަށް އެނގެ އެވެ. އަދި ޔަގީނުން ވެސް ދުވަސް ފުރެންދެން އެ ކުދިން އޭނާގެ ބަނޑުގައި ނުބޭތިއްބޭނެ ކަން އޭނާއަށް ވެސް މުޅިން ޔަގީން ކުރެވެ އެވެ. ސަބަބަކީ އޭރުވެސް ލޭ ފައިބަން ފަށައި އިތުރަށް ކުދިން ބަނޑުގައި ހަރުލެއްވޭނެ ގޮތް ހުސްވެފައި ވުމުންނެވެ.

އެއާއެކު އޭނާގެ ބަނޑުގައި އޮތް ދެބެންގެ ބަރުދަން ލުއިކަމާއި ކުދިން ގަރުބަގަންތާ ވީ ހަފުތާ މަދުކަމުން މި ކުދިންނަކީ ޑޮކްޓަރުން ވެސް މި ކުދިންގެ ފުރާނަ ސަލާމަތްކޮށްދޭން މަސައްކަތް ކުރަން ޑޮކްޓަރީ އުސޫލުން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ކުދިންނެއް ނޫނެވެ. އެއަށްވުރެ އެކުދިން މާބޮޑަށް ވެސް ޕްރިމެޗުއާ އެވެ.

ރަޖެންދުރަމް، 35 އާއި ފިރިމީހާ ނަޑަރާޖާ، 37، އަށް ކުރިން ވެސް ދަރިއަކު ލިބުމުގެ އުންމީދު ލިބި އެ އުންމީދުވަނީ ގެއްލި ގޮއްސަ އެވެ. އެ ފަހަރު އެކްޓޯޕިކް ޕްރެގްނަންސީއެއް ވީމަ ކުއްޖާ ސަލާމަތް ނުކުރެވުނީ އެވެ. އެކްޓޯޕިކްގެ މާނައަކީ ކުއްޖާ އިނީ ރަހިމުން ބޭރުގަ އެވެ. މިގޮތަށް އިނުމުން ބަލިވެ އިނދެ މަދު މަހެއް ފާއިތުވީތަނާ އެ ކުއްޖާއާ ވަކިވާން ޖެހުނީ އެވެ.

އަނެއްކާ ދެ ވަނަ ފަހަރު ވެސް އެމީހުންނަށް ބަލިވެ އިނދެ ލިބުނީ ބޮޑު ހިތްދަތި ކަމެކެވެ. ބަނޑުގައި އޮތް އެއްމާބަނޑު ދެ ކުދިން ސަލާމަތްކޮށް ނުދެވޭނެ ކަމަށް ޑޮކްޓަރުން ބުނާތީ އެވެ. ދެބެން ސަލާމަތްކުރުމަށް ދެމަފިރިން ވަރަށް ގިނަ ރިސާޗްތައްކޮށް އެކަމާ ގުޅޭ މައުލޫމާތު ހޯދި އެވެ. އޭރު ރަޖެންދުރަމް ބަލިވެ އިނދެ ބަނޑަށް 21 ހަފުތާ އާއި ފަސް ދުވަހެވެ. އެމީހުން ހޯދި ހޯދުމުން އެނގުނު ގޮތުގައި އަދި އިތުރު 36 ގަޑިއިރު އެ ކުދިންނަށް އޭނާގެ ރަހިމުގައި ތިބެވިއްޖެނަމަ ސަލާމަތްވުމުގެ ހަނި ފުރުސަތެއް އޮންނާނެ އެވެ.

އެހެންވެ މިކަމަށް ޚާއްސަ ކްލިނިކަކަށް މި މަންމަ ދިޔަ އެވެ. އަދި ޚާއްސަ ފަރުވާއެއް ހޯދައިގެން އެ ވަގުތުކޮޅު އެ ކުދިން ނުވިހާ ބަނޑުގައި ރައްކާކޮށްގެން ގެންގުޅެވޭތޯ މަސައްކަތް ފެށި އެވެ. މައިކްރޯ-ޕްރީމީޒްގެ ގޮތުގައި ދަރިންގެ ފުރާނަ ސަލާމަތްކުރުމުގެ އުންމީދުގައެވެ. މައިކްރޯ-ޕްރީމީޒް އަކީ ބަނޑަށް 26 ހަފުތާ ނުފުރެނީސް އަދި ބަރުދަނުގައި 700-800 ގްރާމް ހަމަނުވަނީސް އުފަންވާ ކުދިންނެވެ.

ބަނޑަށް 22 ހަފުތާގައި އުފަންވާ ކުދިންނަށް އެކްޓިވް ޓްރީޓްމަންޓް ދީގެން ސަލާމަތްކުރެވޭތޯ މަސައްކަތް ކުރެވެ އެވެ. މިފަދަ ކުދިން ސަލާމަތްވުމުގެ ފުރުސަތު އޮންނަނީ 25 އާއި 50 ޕަސެންޓާ ދެމެދަށް ކަމަށް 2019ގައި ހަދާފައިވާ ދިރާސާއެއްގައި ވެއެވެ.

ބަނޑަށް 37 ހަފުތާ ނުފުރެނީސް ވިހާ ކުދިންގެ ނޭވާލުމުގެ މައްސަލަތަކާއި ހަޖަމުކުރުމުގެ މައްސަލަތައް އަދި ސިކުނޑިން ލޭ އައުމުގެ މައްސަލަ ކުރިމަތިވެދާނެކަން އެމީހުންނަށް ވެސް އެނގެ އެވެ. އަދި މިފަދަ ކުދިން ދުނިޔޭގައި ތިއްބަސް މުޅި އުމުރަށް އެ ވޭނުގައި އުޅެންޖެހިދާނެ ކަންވެސް އެނގެ އެވެ.

ރަޖެންދުރަމް އަށް ދެން އިތުރަށް ނުވިހާ ނޯވެވޭނެކަން ޔަގީންވުމުން ޓޮރޮންޓޯގައި ހުންނަ މައުންޓް ސިނާއީ ހޮސްޕިޓަލަށް ޓްރާންސްފާ ކޮށްދޭން އެދުނެވެ. މިއީ 22 ހަފުތާގައި އުފަންވާ ކުދިންގެ ފުރާނަ ސަލާމަތްކުރަން އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވިފައިވާ ނޯތު އެމެރިކާގައި ހުރި މަދު އިންސްޓިޓިއުޓްގެ ތެރޭގައި ހިމެނޭ ތަނެކެވެ.

މިދިޔަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހުގެ ދަންވަރު 1.00ގައި ބަނޑަށް 22 ހަފުތާގައި ރަޖެންދުރަމްގެ އެއްމާބަނޑު ދެބެން އުފަންވި އެވެ. ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެކެވެ. މި ދެބެންގެ ތެރެއިން އަންހެން ކުއްޖާ އަޑިއާ ލައެލީން ނަޑަރާޖާގެ ބަރުދަނުގައި ހުރީ 12 އައުންސް (340 ގްރާމް) އެވެ. އަޑްރިއަލް ލޫކާ ނަޑަރާޖާ އުފަންވީ އޭގެ 23 މިނިޓް ފަހުންނެވެ. އޭނާގެ ބަރުދަނުގައި 15 އައުންސް (425 ގްރާމް) އެވެ.

ގިނިސް ވޯލްޑް ރެކޯޑްސްގައިވާ ގޮތުން މިއީ ދުނިޔެއަށް މިހާތަނަށް އުފަންވީ، ދުވަސްނުފުރާ ވިހޭ، އެންމެ ބަރުދަން ލުއި އެއްމާބަނޑު ދެބެންނެވެ. މީގެ ކުރިން މި ރެކޯޑް އޮތީ އެމެރިކާގެ އައޮވާގެ އިވޯލްޑްޓްސް ދެބެންނަށެވެ. އެ ދެބެން އުފަންވެފައިވަނީ 22 ހަފުތާ އާއި އެއް ދުވަހުންނެވެ.

ރަޖެންދުރަމް ސީއެންއެން އަށް ދިން އިންޓަވިއުގައި ބުނި ގޮތުގައި އޭނާގެ ދެބެން ކުޑަކަމުން އެމީހުންގެ އަތްތިލައަށް ވުރެ ވެސް ކުޑަ އެވެ.

"އަހަރެމެން އެހެން ބުނީމަ މީހުންނަށް ގަބޫލުކުރަން ވެސް ދަތިވޭ. އެކަމަކު ހަމަ ހަގީގަތުގައި ވެސް އެކުދިން އުފަންވީއިރު ހަމަ އެހާ ކުޑަ،" ރަޖެންދުރަމް ބުންޏެވެ.

އެކުދިން އުފަންވީ ގަޑިއަށް ވުރެ އެންމެ ގަޑިއެއްގެ އިރު ކުރިން އުފަންވީ ނަމަވެސް މެޑިކަލް އިންވެންޝަން ލިބުމުން އެކުދިން މަހްރޫމް ވީހެވެ.

މައުންޓް ސެނާއީގެ ޗީފް ޕީޑިއެޓްރިޝަން ޑރ. ޕްރަކާޝް ޝާހް، ސީއެންއެން އަށް ވިދާޅުވި ގޮތުގައި އެކުދިންނަށް ނޭވާ ލެވޭނެގޮތް ހެދުމަކީ އުނދަގޫކަމެއް ކަމަކަށާއި އަދި ކާން ދިނުމަކީ އެއަށްވުރެ ވެސް އުނދަގޫ ކަމެއް ކަމަށް މައިންބަފައިން ކައިރީގައި އޭނާ ފުރަތަމައިނުން ވެސް ވިދާޅުވި އެވެ.

މި ކުދިންގެ ބަރުދަން އާދައިގެ ސޮޑާ ދަޅެއްހާ ލުޔެވެ. އަދި ހަމުގެ ޓްރާންސްޕޭރަންޓް ކަމުން އެތެރޭގައި ހުރި ގުނަވަންތައް ފާޅުވެ އެނގެން ހުއްޓެވެ.

މި ކުދިންނަށް ކާންދޭން ބޭނުންކުރަން ޖެހުނީ ޑައިމީޓަރުގައި ދެ މިލިމީޓަރަށް ވުރެ ވެސް ހިމަ ނީޑްލް އެކެވެ.

ނަސީބަކުން ކުދިން އެކަށީގެންވާ ގޮތަކަށް ހެދިބޮޑުވަމުން ބަރުދަން އިތުރުވަމުން އައެވެ. އަދި އުފަންވީތާ 161 ދުވަސް ފަހުން އަޑިއާ ގެއަށް ފޮނުވާލި އެވެ. އަޑްރިއަލް އަށް އިތުރު ހަ ދުވަހު ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އަދި ގެއަށް ދޫކޮށްލިފަހުން ވެސް ތިން ފަހަރެއްގެ މަތިން އަޑްރިއަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައި ވެއެވެ. ކޮންމެ މަހަކު މި ކުދިން ޑޮކްޓަރަށް ދައްކާ ޗެކްކުރަން ޖެހެ އެވެ. އަދި މަހަކު އެތައް ފަހަރަކު ތެރަޕީ ދޭން ޖެހެ އެވެ.

ސީއެންއެން އަށް ޑރ. ޝާހް ވިދާޅުވި ގޮތުގައި އޭނާ އެންމެ ބޮޑަށް ހައިރާންވެ ވަޑައިގަތީ ދެބެން ގެއަށް ފޮނުވާލެވޭ ވަރު ވުމުން ގެއަށް ދޫކޮށްލިއިރު ދެބެންނަށް އޮކްސިޖަން އާ ނުލާ އަމިއްލައަށް ނޭވާ ލެވޭވަރު ވެފައި ވާތީ އެވެ. އެކުދިންނަށް އަމިއްލައަށް ރީތިކޮށް ނޭވާ ލެވެ އެވެ. އަދި ފީޑީން ޓިއުބް އާ ނުލާ ކުދިން ކައި ވެސް ހަދަ އެވެ.

"އެކުދިން އަމިއްލައަށް ކައި ހަދާ. އަދި އަމިއްލައަށް އޮކްސިޖަން ވެސް އެބަ މެއިންޓެއިން ކުރޭ،" ޑޮކްޓަރު ވިދާޅުވި އެވެ.

ރަޖެންދުރަމް ބުނި ގޮތުގައި ކުރިން ހީކުރެވިފައިވާ ގޮތާ ޚިލާފަށް އޭނާގެ ދެބެން ދުވަސް ނުފުރާ ވިހޭ ކަމުގައި ވިޔަސް މިހާރު އެކުދިން އުޅެނީ ވަރަށް އުފާވެރިކޮށް މަޖާ ކޮށެވެ. ދެ ކުދިންގެ ވެސް ސިއްހަތު ރަނގަޅުވެފައި ވަރަށް އެކްޓިވް އެވެ. އަމިއްލައަށް ނޭވާ ލުމާއި ކައި ހެދުމުގައި މައްސަލައެއް ނެތެވެ. އަދި އެފުށް މިފުށަށް ޖެހި، އަނގައިން އަޑުއަޑު ގޮއްވާ މަޖާ ކުރެ އެވެ. އެކަށީގެންވާ ގޮތަކަށް ހެދިބޮޑުވަމުން އެބަދެ އެވެ. އަދި ކުޅެ މަޖާކޮށް، ދުވަސްފުރާ ވިހާފައި ތިބޭ އެފުރައިގެ ކުދިންވެސް އުޅޭ ގޮތަށް އެކުދިން ވެސް އުޅެ އެވެ.

ޑރ. ޝާހް ވިދާޅުވީ މި ދެބެންގެ ފުރާނަ ސަލާމަތްކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ލައިފް-ސަސްޓެއިނިން ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ ފުރުސަތު ލިބުނީމަ އެވެ. މި ކުދިންގެ ބެލެހެއްޓި ޓީމަށް ކުދިންނަށް އެކަށީގެންވާ ގޮތަކަށް އަޅާލައި އެކުދިން ދިރި ބޭތިއްބުމަށް އެހީތެރިވީ މި ޓެކްނޮލޮޖީ އެވެ.

"މީގެ ފަސް ވަރަކަށް އަހަރު ކުރި ނަމަވެސް އަހަރެމެންނަށް މި ކުދިންގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކޮށެއް ނުދެވުނީސް. މިކަން ކުރެވުނީ މިހާރު ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައި އަހަރެމެންނަށް ލިބިފައިވާ އިތުރު ވަސީލަތްތަކުގެ ސަބަބުން. މި ޓެކްނޮލޮޖީގެ ސަބަބުން ކުދިންގެ ހަށިގަނޑުގައި އެއްވަރެއްގައި އޮކްސިޖަން ބަހައްޓަން އެހީތެރިވޭ. އަދި ކާބަންޑައި އޮކްސައިޑް މަދުކޮށް ފުއްޕާމެއަށް ގެއްލުމެއް ނުލިބޭނެ ގޮތަށް ފަރުވާ ދެވޭ،" ޑރ. ޝާހް ވިދާޅުވި އެވެ.