އިންޓަނެޓުގައި އަންހެނަކު ޝެއާ ކުރި އަސަރުގަދަ ޕޯސްޓެއް ގިނަ ބަޔަކު ރޮއްވާލައިފި އެވެ. އަންހެންމީހާ ލިޔެފައިވާ ގޮތުގައި އޭނާއަށް ވަނީ ކެންސަރު ޖެހިފަ އެވެ. އަދި ފުރަތަމަ ފަހަރަށް ރަނގަޅުވެފައި ކެންސަރު އަނބުރާ އައިސް މިހާރު އޭނާއަށް ދިރިއުޅުމުގެ އުންމީދު ވަނީ ކެނޑިފަ އެވެ. ކޮންމެ ވަގުތެއްގައި ވެސް އޭނާއަށް މި ދުނިޔެ ދޫކުރަން ޖެހިދާނެކަން ޔަގީންވުމުން އޭނާގެ ކުޑަ ފިރިހެންދަރިފުޅަށް އެ ޚަބަރު ދޭން ޖެހިފައިވާ ކަމަށް ވެސް އެމީހާ ބުނެފައި ވެއެވެ.
ޑރ. ނާދިއާ ޗައުދަރީ އަކީ ކެނެޑާގެ ކޮންކޯޑިއާ ޔުނިވަސިޓީގެ ނިއުރޯސައިންޓިސްޓެކެވެ. އަދި އެސޯސިއޭޓް ޕްރޮފެސަރެއް ވެސް މެއެވެ. ދާދިފަހުން ޓުވިޓާގައި ނާދިއާ ވަނީ އޭނާގެ ހަޔާތުގެ މި އަސަރުގަދަ ވާހަކަތައް ހިއްސާ ކޮށްފަ އެވެ.
"އަހަރެންނަށް ކެންސަރު ޖެހިފައިވާ ކަމާއި މަރުވާން ކައިރިވެއްޖެ ކަމަށް މިއަދު މިއުޅެނީ އަހަރެންގެ ދަރިފުޅު ކައިރީގައި ބުނަން،" ނާދިއާގެ ޓުވީޓެއްގައި ލިޔެފައި ވެއެވެ.
ނާދިއާއަށް އޯވޭރިއަން ކެންސަރު ޖެހިފައިވާކަން ފުރަތަމަ އެނގުނީ 2020ގެ ޖޫން މަހު އެވެ. އެއާއެކު ހިސްޓްރެކްޓަމީ (ރަހިމު ނެގުމުގެ އޮޕަރޭޝަން) ކުރި އެވެ. އަދި ކީމޯތެރަޕީގެ އެތައް ބުރެއް ވެސް ފުރިހަމަ ކުރި އެވެ. އޭގެ ފަހުން ރަނގަޅުވީ ކަމަށް ހިތާ ހުއްޓާ އަނެއްކާވެސް މިހަފުތާގައި ނާދިއާ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އެވެ. އަދި ހޮސްޕިޓަލުގައި މިފަހަރު އޮވެ ހެދި ޓެސްޓުތަކުން ކެންސަރު އަނބުރާ އައިސްފައިވާކަން ޔަގީން ކުރެވުނެވެ. އަދި މިހާރު ކެންސަރު ހުރީ ފައިނަލް ސްޓޭޖުގައި ކަމުން އޭނާ މާ ގިނަ ދުވަހު ދިރިހުރުމުގެ އުންމީދެއް ނެތް ކަން ނާދިއާ އަށް މިހާރު ވަނީ ޔަގީން ވެފަ އެވެ.
އޭނާގެ ހަޔާތުގެ ދަތުރު ޓުވިޓާގައި ޝެއާކުރަމުން ނާދިއާ މިދިޔަ ބުދަ ދުވަހު ކުރި ޓުވީޓެއްގައި ބުނީ އެ ދުވަހަކީ އޭނާގެ ހަ އަހަރުގެ ދަރިފުޅު ކައިރީގައި ކެންސަރު އަނބުރާ އަތުވެއްޖެ ވާހަކަ އާއި ދިރިހުރުމުގެ އުންމީދު ކެނޑިފައިވާ ކަމަށާއި މަރުވަނީ ކަމަށް ބުނަން ނިންމާފައިވާ ދުވަސް ކަމަށެވެ.
"ދަރިފުޅަށް އަހަރެންގެ ފަރާތުން އެ ވާހަކަ އެނގެން ޖެހޭ ދުވަސް އަތުވެއްޖެ. އަހަރެންގެ ހުރިހާ ކަރުނަތަކެއް މި ވަގުތު އޮހި ހުސްކުރަން ބޭނުން. އޭރުން މެންދުރުފަހުން ދަރިފުޅު ކައިރީގައި މި ވާހަކަ ބުނާއިރު ހިތްވަރުގަދަ ކުރެވޭނީ. މިވަގުތު އަހަރެން ކުރާނެ ވަރަކަށް ހިތާމަކުރިޔަދީ. އޭރުން ދަރިފުޅު ކައިރީ މި ވާހަކަ ބުނާ ވަގުތު އޭނާ ވާ ދެރައިން ރޯއިރު އޭނާގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރެވޭނީ،" ދަރިފުޅާއި އޭނާ އާއެކު ނަގާފައިވާ ފޮޓޮއަކާއެކު ނާދިއާ ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.
އޭގެ ފަހު ދުވަހު މޭ 12 ވަނަ ދުވަހު ނާދިއާ ކުރި ޓުވީޓެއްގައި ދަރިފުޅަށް އެ ވާހަކަ ކިޔައިދީފި ކަމަށާއި ދެ މީހުންނަށް ވަރަށް ރޮވުނު ކަމަށް ލިޔެފައި ވެއެވެ. އަދި އެ ދުވަހު ހޮސްޕިޓަލުގެ އެނދުގައި ދެ މައިން ބައްދާލައިގެން އިނދެ ނަގާފައިވާ ފޮޓޯއެއް ވެސް ޝެއާ ކޮށްފައި ވެއެވެ.
ނާދިއާގެ މި އަސަރުގަދަ ވާހަކަތައް ސޯޝަލް މީޑީއާ އިން ފެނުނު އެންމެންނަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށް ރޮވިފަ އެވެ. އެއްބަޔަކު ނާދިއާ އަށް ހެޔޮ ދުއާ ކުރިއިރު އަނެއް ބަޔަކު އޭނާގެ ހިތްވަރަށް ސާބަސް ދީފައި ވެއެވެ. އަދި މި ވާހަކަތަކުން ހިތް ކުދިކުދި ވެއްޖެކަމުގައި މި ޕޯސްޓަށް ކޮމެންޓު ކުރި އެންމެން ވެސް ބުނެފައި ވެއެވެ.
ހަގީގަތުގައި ވެސް ނާދިއާގެ މި ވާހަކައަކީ ހިތް ފަޅައިގެންދާ ވަރުގެ އަސަރުގަދަ ވާހަކަ އެކެވެ. ސަބަބަކީ މިފަދަ ހިތްދަތި ވާހަކައެއް ދަރިފުޅެއް ކައިރީގައި ބުނާނެ ގޮތް ކިޔަވައިދޭ ފޮތެއް މިހާތަނަށް އެއްވެސް މީހަކަށް ލިޔެވިފައި ނުވާތީ އެވެ. ނަމަވެސް އެހެން މީހެއްގެ ފަރާތުން ދަރިފުޅަށް އެކަން އެނގުމުގެ ކުރިން އޭނާ ހިތްވަރު ކޮށްފައި ދަރިފުޅަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ނިންމި ކަމީ ނާދިއާގެ ހިތްވަރުގަދަ ކަން ކަމަށް އެންމެން ވެސް ގަބޫލު ކުރެ އެވެ.
ނާދިއާ މި ވަގުތު އާއިލާ އާއެކު ހަޔާތުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާއިރު ވެސް ބަލި ނުވާއިރު އޭނާ ކުރަމުންދިޔަ މަސައްކަތް އޭނާ ނެތް ދުވަހަކުން ވެސް ކުރިޔަށް ގެންދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
ނިއުރޯސައިންޓިސްޓެއްގެ ހައިސިއްޔަތުން އޭނާ ކުރަމުންދިޔަ މަސައްކަތަކީ މަސްތުވާތަކެއްޗަށް ދެވި ހިފުމާ ގުޅޭ ގޮތުން އޭނާ ކުރަމުންދިޔަ ރިސާޗް ކުރިޔަށް ގެންދެވޭނެ ގޮތްތަކެއް ހޯދަން ފަންޑް ރެއިޒްކުރުމުގެ މަސައްކަތެވެ. އޭނާ ނެތަސް މިހާރުގެ ޒުވާން ސައިންސްވެރިންނަށް މިރޮނގުން ކުރިއެރުންތަކެއް ހޯދޭނީ ރިސާޗް އަށް ބޭނުންވާ ފައިސާ ހުރެގެން ކަމަށް ވާތީ އެވެ.