(2 މެއި 2021 އާ ގުޅޭ)
އެމީހުންނޫނަސް އެހެން ބަޔަކު ނަމަވެސް އެފަދަ ޢަމަލެއް ކައިވެނި ކޮށްގެން ހުރެ ކޮށްފިނަމަ ރުޅި އާދެވޭނެ އެވެ. ދުވަހަކުވެސް އެފަދަ އަންހެނަކަށް އިތުބާރު ކުރާނީ ކިހިނެއް ހެއްޔެވެ. ވަރިސާބިތުކުރަން ޖެހޭނެކަން ފަވާދަށް އެނގޭއިރު އޭނާ އެކަން ކުރާނެ އެވެ. ކޯޓުގައި އޭނާ ދޮގެއް ނުހަދާނެ އެވެ. ވަރިކުރި ސަބަބުކަމުގައި އަރީން ބަލިވެއިންކަން އޭނާ ހާމަކުރާނެވެ. އަދި އެ ބަނޑުގައިވަނީ އޭނާގެ ދަރިއެއް ނޫންކަން ބުނެދޭނެ އެވެ. އަރީނު ކުރި ކުށުން ސަލާމަތްވެއްޖެނަމަ އެކަމުގައި ހުރި ނުބައިކަމެއް އޭނާއަށް ނުވިސްނޭނެކަން ފަވާދަށް އެނގެއެވެ. އޭނާ ކުރި ކުށަށް ކަނޑައެޅިފައި އޮތް އަދަބު އަރީނަށް ލިބެން ޖެހޭނެއެވެ.
"ކުދީން ގެނައިމަ ކިހިނެއް ވާނީ، އެއީ އަރީންގެ ވެސް ކުދީން." ކައިރީގަ އިން ފަވާދުގެ ވައަތު މުލައްދަނޑީގައި ފިރުމާލަމުން ބަދޫރާ ބުންޏެވެ.
"މަންމައާ ކުދީން ވަކި ކުރާކަށް ނޫން، އެކުދީންގެ މަންމައާ ބައްދަލު ކުރަން ގެންދާނަން، އެކަމަކު އުޅޭނީ އަހަރެން ކައިރީ، އަހަރެން އެކުދިން ބަލާނީ... މަންމާ، އެކުދީންގެ އުޅުން ހަލާކުވެއްޖެ، އެގޮތުގައި އެކުދީން ދޫކޮށެއް ނުލެވޭނެ، ދުނިޔޭގައި ހުރިއްޔާ މިއަދު މަންމަމެން ތި ތިބި މަޤާމަށް އަހަރެމެން ވެސް އަންނާނެ، ދަރީން ބޮޑެތިވާނެ، މީހުނާ އިންނާނެ... އެކަމުން ލިބެން ޖެހޭ ފުރިހަމަ ހިތްހަމަޖެހުން ލިބޭނީ، އެކުދީންގެ ރިވެތި އަޚްލާޤެއް ހަރުލެއްވިއްޖެނަމަ، އިސްލާމީ އަދަބުތަކެއް އެ އަންހެން ދަރީންގެ ފުށުން ފެންނަނަމަ... ޖާހިލީ އުސޫލުތަކަށް ބޯލަނބާ އެ މަޖަލުގައި ބައިވެރިވާ ދަރީންތަކެއް ބޮޑު ކުރުމަކުން ނޫން، ރީވާއާއި ފަލަކްއަށް ޤުރުއާން ފަރިތަކޮށް ކިޔަވަން އެނގުނީ އަދިކިރިޔާ، އަރީން ފަދަ އެހެން އަންހެނަކު އެގޭގައި އެބައުޅޭ، އޭނާ އެބަލަނީ އެހެން މީހެއްގެ ދަރީންތަކެއް، އެކަމަކު އެކުދީން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރާތީ އަހަރެން ދުށީން، އެކުދީންނަށް ކިޔަވައި ދޭން ޤުރުއާން ޓީޗަރެއް ގެނޭ، ރީތިކޮށް މަޚުރަޖަށް ކިޔަވަން ދަސްކޮށްދޭ... އެއީ އަހަރެންގެ ދަރީން ފުށުން ވެސް ފެނުމަށް އެދޭ ކަމެއް، މިހުންނަނީ ބައްޕައަށް ވުރެ ބޮޑަށް ގޭގައި ދަރީންގެ ކަންކަން ބަލަހައްޓަން އުޅޭ މަންމައަށް ފާހަގަވެ ކުރަން ޖެހޭ ކަންކަން، އަރީން ކިޔާވަނަމަތާ އެކުދީންނަށް ޤުރުއާން މުހިންމުވާނީ.... މަންމާ، މިކަން މި ނިމުނީ، އަރީންއާ ދެން އޮންނާނީ އެކުދީންގެ މަންމައަށް ވީތީ އޮންނަ ގުޅުމެއް އެކަނި، އަހަރެން އޭނާއާ ގުޅޭކަށް ނުވިސްނަން... ކުދީންނަށްޓަކައި ގުޅޭށޭ އެކަކު ވެސް ބުނެގެން ނުވާނެ، މީ އަހަރެންގެ ދިރިއުޅުން، އަހަރެންގެ ދިރިއުޅުމާމެދު އަހަންނަށްވުރެ ބޮޑަށް އެހެން މީހަކަށް ނުވިސްނޭނެ."
"މަންމަ ނުބުނާނަން... މަންމަ ގަދަވެ ސަލާމަތުން ހުރިހާ ދުވަހަކު ފަވާދުގެ ކުދީން މަންމައަށް ބެލުނު އެންމެ ރަނގަޅަކަށް ބަލައިދޭނަން، މަންމައަށް އެނގޭ ދަރިފުޅު އެކުދީން ގޮވައިގެން އަންނަން އޮތީ އަހަރެމެންގެ ގާތަށްކަން، އެންމެން ވެސް މިވަގުތު އެތިބީ ހާސްވެފަ... އެ އެންމެންނަކީ ވެސް ދަރިފުޅަށް ހެޔޮ އެދޭނޭ ބައެއް، ނުބުނެ ހުރުމަށްވުރެ ބުނިއްޔާ ރަނގަޅުވާނީ." ބަދޫރާގެ ޚިޔާލު ފާޅުކުރިއެވެ.
ފަވާދު ނިންމި ނިންމުން ބަދަލު ކުރުމުގެ ނިޔަތެއް އޭނާގެ ނެތެވެ. އަރީންއަކީ ރީތި އަންހެނެކެވެ. ދެރައީ އޭނާއަކީ ޒަމާނީ އަންހެނަކަށްވީމަ އެވެ. އިސްލާމީ ރީތި އަދަބުތަކާއި އުސޫލުތައް މުހިންމުނުވާ އަންހެނެކެވެ. ފަވާދަކީ އަނގަ ގަދަ ފިރިހެނެއް ނޫނެވެ. އެހެންވެ އެމީހުންގެ ދިރިއުޅުމުގައި އަރީންގެ އުޅުން ހުންނަ ގޮތެއް ބަދޫރާއަކަށް ނޭނގެ އެވެ. އޭނާއަށް ބުނަން އެނގެނީ އޭނާގެ ދެ ލޮލުން ފެނިފައި ހުރި ކަންކަމެވެ. އެގެއަށް އަޔަސް މީހުންނާ ގުޅުން ބަދަހި ކުރާން އަރީން މަސައްކަތެއް ނުކުރާނެއެވެ. ފަވާދުގެ އަނބިމީހާއަކީ އެގޭ ކުއްޖެއްގެ ގޮތުގައި އެންމެން ދެކޭއިރު ވެސް އަރީން އަމިއްލައަށް ބީރައްޓެހި މެހެމާނެއް ފަދައިން ޢަމަލުތައް ބަހައްޓަނީ އެވެ. ދެން އުޅޭ ކުދީންނާއެކުވެ ކަމެއްގައި ބައިވެރި ވެސް ނުވާނެއެވެ. އެގެއަށް އައިސް ކައިގެން ދެމަފިރިން ކާތަށި ވެސް އަރީނަށް ދޮވެލެވޭ ކަމަކަށް ނުވާނެއެވެ. ބަދޫރާ ޤަބޫލުކުރާ ގޮތުގައި އެހުންނަނީ ކުރެވޭނެ ކަހަލަ ކުދިކުދި ކަންތައްތަކެވެ. ނަމަވެސް އެކަހަލަ ކަންކަމާ އެގޭ އެކަކުވެސް އަޅާނުލަނީ މަސްލަހަތަށް ޓަކައެވެ. ފަވާދާއެކު އަރީން އެގެއަށް އަންނަލެއް މަދުވީމައެވެ. އެއްޗެއް ބުނެވިއްޖެނަމަ ފަވާދު ވެސް ހިތްހަމަނުޖެހިދާނެތީއެވެ. އެހުރިހާކަމެއް އެހެން ހުރިއިރު ވެސް ބަދޫރާއަށް ދުވާލު ފަދައިން ފާޅުކަން ބޮޑުކޮށް އެނގޭ އެއްކަމަކީ އޭނާގެ ދަރިފުޅަށް އަރީން ކަމުދާ ވަރެވެ. ފަވާދު ލޯބިވި ހަމައެކަނި އަންހެނަކީ އަރީނު ކަމެވެ.
"ބައްޕަ ކައިރީ މަންމަ ބުނެލާ، ދޮންބެއާއި ޔުމްމުއާ އަހަރެން ވާހަކަދައްކާނަން." ފަވާދު ބުންޏެވެ.
* * * * *
ޖެހިގެން އައި ދުވަހެވެ. ރޫމާގެ ދެ ލޯ ވެސް ވަނީ ފެންކަޅިވެފަ އެވެ. ސަބީނާގެ ރުއިމަށް ބަދަލެއް ނާދެއެވެ. ކޮޓަރިން ނުކުންނާނޭ ހިތްވަރެއް ސަބީނާގެ ނެތެވެ. މީހަކާ ކުރިމަތިލާނޭ ގޮތެއް ވެސް ނޭނގެއެވެ. އެ ބޮލުން ނަމާދު ދޮޅި ބޭލޭ ވަގުތެއް ނާދެ އެވެ. އެކުވެރިޔާގެ ގައިގާ ރޫމާ ހިފަހައްޓާލި އެވެ.
"ސަބީ، ހެޔޮނުވާނެ... ﷲ އަށް ޓަކައި ދެން ހުއްޓާލާ، އަންހެން ދަރިފުޅު އޭނީ އެކަނި، އަލުން ދަރިފުޅުގެ އަތުގައި ހިފާ، އަހަރެމެންނަށް ދަރީން ދުވަހަކު ވެސް ބޮޑެތިވާނެތަ، ޔަގީނުން ވެސް މީ ކަލެއާ ކުރިމަތި ކުރުވި ވަރުގަދަ އިމްތިހާނެއް، ބަލިކަށިނުވޭ، ނުއުފުލޭވަރު ބުރައެއް ﷲ ނުޖައްސަވާނެ، ފިރިމީހާއާ ދަރީން ގެއްލި އެކަނިވެރިކަމާއި އަނދިރިކަމުގެ ތެރެއަށް އެކުއްޖާ ގެއްލި ހިނގައިދާނެ، އޭނާގެ އުމުރުން އަދި ވަރަށް ޅަ، އަންހެން ދަރިފުޅަށް މަގު ދައްކައިދިނުމުގައި އަހަރެމެން މައިންބަފައިން ވަރުބަލިވެގެން ނުވާނެ، އަހަރެމެންނަކީ ވެސް އަންހެނުން، އެކުއްޖާ އުފުލާނޭ ވޭނާ، މިއަދު އޭނާ ކުރާނޭ ހިތާމަ މަންމައެއްގެ ހިތަށް ނޫނީ އިލްހާމް ވެގެން ނުވޭ، މަންމަ އިސްވަނީ ސަބަބެއް ނެތިއެއްނޫން، ފުރާނަ ޤުރުބާން ކޮށްގެން ވިޔަސް އަހަރެމެންނަކީ ދަރީންނާއި، އަހަރެމެން ލޯބިވާ މީހުން އިސްކުރާބައެއް، ސަބީ... ދެން ތެދުވޭ، ތެދުވެ މޫނު ދޮވެލައިގެން ހިނގާ، އަރީންގެ ހާލަކީ ކޮބާތޯ ބަލަން ހިނގާ، އޭނާ ރޮއެރޮއެ ހަލާކުވެދާނެ، ނުބައިކަމުގެ މައްޗަށް އެއަށްވުރެ ނުބައިކަމެއް އިޚްތިޔާރު ކުރާވަރަށް ބުއްދި ގޯސް ވެދާނެ..." މުސައްލަ މަތިން އެކުވެރިޔާ ނެގޭތޯ ރޫމާ މަސައްކަތް ކުރިއެވެ. އޭރު ދޮރުކައިރީ ހުރި ރިދާނަށް މަންމަގެ ގަދަ ރުއިމުގެ އަޑު އިވެ އެވެ. އެ ދެ ލޮލުން ކަރުނައެއް ނުހިފެއްޓުނެވެ. ރޫމާ ގެނައީ އޭނާ އެވެ. މަންމަގެ ހާލާމެދު ރިދާން ކަންބޮޑުވީ ވަރުންނެވެ. އަސްލަންގެ ގާތުގައި ގޮސް ދައްކާ ވަރަށްވުރެ ހުތުރުކަން ބޮޑު ޚަބަރެކެވެ. ޔަގީނުން ވެސް އޭނާ އަރީން ކުށްވެރިކުރާނެ އެވެ. ރުޅި އަންނާނެ އެވެ. މަންމަ އެގޮތް ޤަބޫލުވާނޭ ކަމެއް ވެސް ނޭނގެއެވެ. ހިމޭންވެ ހުރީ އެހެންވެއެވެ.
ބެލް އަޅާ އަޑަށް ދޮރުހުޅުވީ އަސްލަން އެވެ. ނޯޔާގެ ގާތުގައި ދެބެން ތިބިއިރު އަނުމް ތެދުވެތެދުވެފައި ކުނޑައެނދުގައި އުޅެއެވެ. ނޯޔާގެ ބޮލުގައި ތެތްތުވާލި ކޮޅު އަޅައި ދެނީ މަލްސާ އެވެ. ކޮންމެ ފަހަރު ތުވާލިކޮޅު ނިތްކުރިމަތީ ބާއްވާލަދެމުން އެކުއްޖާ ސުވާލު ކުރެއެވެ. ބަލި ރަނގަޅުވެއްޖެތޯ އެވެ. މަންމައަށް ތެދުވެވޭނެތޯ އެވެ. އެކުދީން ވެސް އެތިބީ ނޯޔާ ބަލިއެނދުން ތެދުވަން އެދިއެދިކަން ނޯޔާއަށް އެނގެއެވެ. އޭނާ އިތުރު ހިތްވަރެއްލައި ތެދުވެ އެނދުގައި ލެނގިލި އެވެ. ގައިގެ އެތަން މިތަނުގައި ރިހުން މަޑެއް ނުވެއެވެ.
"ކޮންކުއްޖެއްތޯ އައީ ބަލާލަން ދޭބަލަ." ސާރާގެ އަތުގައި ފިރުމާލަމުން ނޯޔާ ބުންޏެވެ. އަސްލަން ކޮޓަރިން ނުކުމެ ގިނައިރުވާން ފެށުމުން ނޯޔާ ސުވާލު އުފެދުނީ އެވެ.
މަންމަގެ ބަސްއަހައިގެން ނިކަން އަވަހަށް ސާރާ އެނދުން ފުންމާލައިގެން ގޮސް ދޮރު ހުޅުވިއެވެ. އެކުއްޖާ ބޭރަށް ނުކުމެފައި ދުވެފައި އެނބުރި އައިސް ކޮޓަރިއަށް ވަނެވެ.
"ލޫން ދައްތަ... ޑެޑީއާ ވާހަކަ ދައްކަނީ." އެނދަށް އަރަމުން ސާރާ ބުންޏެވެ.
މަޑު އާހެއް ނޯޔާގެ އަނގައިން ނުކުތެވެ. ރޭ ހަތަރުދަމު އޭނާ އަސްލަންއާ ދުރަކަށް ނުދެ އެވެ. އެ އަތުގެ ހިމާޔަތުގައި ވިއެވެ. ހުންގަދަވުމާއެކު އަސްލަން ތެދުވެ އޭނާ ގާތުގައި ފެންއަޅަން އިނެވެ. ފިރިމީހާގެ އޯގާތެރިކަން ފެންނާނީ އަނބިމީހާ ބަލިހާލުގައި ވުމުންނެވެ. އަސްލަންގެ އަޅާލުން ނޯޔާއަށް އެންމެ ފުރިހަމަ ގޮތުގައި ލިބުނެވެ. ނިތްކުރިމަތިން ތުވާލިކޮޅު ނަގައި ނޯޔާ މަޑުމަޑުން ތެދުވިއެވެ. އޭނާ ކޮޅަށް ހުންނަން ވަގުތުކޮޅެއް ނެގިއެވެ. ދެފަރާތުން އޭނާގެ ދެއަތުގައި ހިފާލީ ސާރާއާއި މަލްސާ އެވެ. ލުއި ހިނިތުންވުމެއް ނޯޔާގެ ތުންފަތަށް ވެރިވިއެވެ. އެކުދީން ކިތަންމެ ކުޑަޔަސް މިއަދު އެކުދީން ނޯޔާއަށް އެދިނީ ވަރަށް ބޮޑު ހިތްވަރެކެވެ. މަޑުމަޑުން ނޯޔާ ދޮރާ ހަމައަށް އައެވެ. ކޮޓަރިން ނުކުމެވުމާއެކު ސާރާ ނިކަން ބާރަށް އަސްލަންއަށް ގޮވާލިއެވެ. އެއާއެކު ވިދުވަރެއް ފަދައިން އަސްލަން އަތުވެއްޖެ އެވެ. ނޯޔާގެ ގައިގާ އޭނާ ހިފަހައްޓާލި އެވެ.
"ކީއްކުރަން އޭނާ އައީ؟" ނޯޔާ ސުވާލު ކުރި އެވެ.
"އޮފީހަށް ނުދާތީ... ވީކީއްތޯ ބަލާށޯ." އަސްލަން ތެދު ހާމަކުރި އެވެ.
"އަސްލަން..." އަސްލަންއާ ގާތްވެލުމާއެކު ކޮނޑާ ދިމާލުން ނޯޔާ ބޯއަޅާލި އެވެ. އިހުނަށްވުރެ ބާރަށް އަނބިމީހާގެ ގައިގާ އަސްލަން ހިފަހައްޓާލި އެވެ.
"ނޯޔާ... ބަލިވީތަ؟ މިއަދު އެއްކަމެއް ވެސް ނުކުރެވޭދޯ... އަސްލަންއާއި ކުދީން ކައިފިތަ؟" ލޫނާ ކުރިއަށް އައެވެ.
އަސްލަންގެ މޭމަތިން ގަމީހުގެ ގޮށްފަތި ނޯޔާގެ ކަނާއަތްތިލަ ތެރެއަށް ބޮނޑިވެލި އެވެ. އަނބިމީހާއަށް އަންނަ ބަދަލު އަސްލަން ދެނެގަތެވެ.
"ސާރާ، މަލް... ކައިފިންތަ؟ އާދެބަލަ ލޫންދައްތަ ކައިރިއަށް، ކޯއްޗެއް ކާނީ... ލޫންދައްތަ ވެސް ވަރަށް މޮޅުވާނެ ކައްކަން." ލޫނާ ވާހަކަ ދެއްކި އެވެ. އެހިނދު އަސްލަން އަށް ވެސް ސިހުން ލިބުނީ ނޯޔާ ކުއްލިއަކަށް ކައިރީގައި ހުރި ސާރާގެ އަތުގައި ހިފީމަ އެވެ.
"އަހަރެންގެ ފިރިމީހާއި ދަރީން ނުބެލޭހާ ބައްޔެއް ނޫން." ނޯޔާ ބުންޏެވެ.
"ނޯޔާ..." އަސްލަންއަށް ގޮވާލެވުނެވެ.
"އޭނާ ފޮނުވާލާ... އޭނާއަށް ބޭނުމެއް ނުވޭ... އަސްލަން، ޕްލީޒް... އޭނާ ކައިރީ ބުނޭ ނާންނާށޭ... މީ އަހަރެމެންގެ ކުދީން، ތީ އަހަރެންގެ ފިރިމީހާ... ޕްލީޒް... އޭނާއަށް ބޭނުމެއް ނުވެޔޭ ބުނޭ... މިތަނުން އޭނާ ނެރޭ، އަހަރެންގެ އެއްވެސް އެއްޗެއްގައި އޭނާ އަތްލާކަށް ބޭނުމެއް ނޫން... ޕްލީޒް... އޭނާ ނެރޭ..." މަޑުމަޑު އަޑަކުން ނޯޔާ ބުނެލި އެވެ. އޭނާގެ އެ އާދޭހާއެކު އަޑު ތުރުތުރު އަޅާލި އެވެ. ދެ ލޯ ފުރި ބަންޑުންވާން ފެށީއެވެ.
"ލޫނާ... ދެން ދޭ." އަނބިމީހާ ގަޔާ ކައިރި ކޮށްލައިގެން ހުރެ އަސްލަން ބުންޏެވެ. ލޫނާގެ މޫނުން ހައިރާންކަން ފާޅުކޮށްލި އެވެ.
"އަހަރެންނަކީ އަސްލަންއާ ކިހާ ގާތް މީހެއްކަން ނޯޔާއަށް ނޭނގޭތަ؟ މި ކުދީން މިވަރުވެފައި ތިބީ އަހަރެންގެ ކުރިމަތީގަ، މިއަދު ނޯޔާ ބަލިވީމަ މި ކުދީންނާއި އަސްލަންއަށް އެހީތެރިކަމެއް ފޯރު ކޮށްދިނުމަކީ ގޯހެއްތަ؟ މައިރާހެން ވާނެ ކަމަށް އަހަރެން ހީކުރީ." ހިތްހަމަ ނުޖެހޭ ގޮތް ލޫނާ ދައްކާލި އެވެ.
"ލޫނާ، މައިރާއޭ ނުކިޔާ... މީ އަހަރެންގެ އަނބިމީހާ، މިހާރު މީ މިކުދީންގެ މަންމައަކީ، ވާހަކަ ގިނަ ނުކުރޭ، ދާން ބުނީމަ އެންމެ ރަނގަޅުވާނީ ދިއުން، މިގެއަށް ދެން ލޫނާ އަންނާކަށް އަހަރެން ގަބޫލެއް ނޫން." އަސްލަން ބުންޏެވެ.
ލޫނާ ބަލަން ހުރިއިރު އޭނާއަށް އަސްލަންގެ އެ ނިންމުން ސާފުވި އެވެ. ނޯޔާ ދޫކޮށްލާކަށް އަސްލަން ބޭނުން ނުވާކަން އޭނާގެ ޢަމަލުތަކުން ދޭހަވާހާ ވެއެވެ. ދޮށީ ދެބެން ނޯޔާގެ ގާތުގައި ތިބިއިރު އަސްލަން ބުނިހެން އެކުދީން ވެސް އެތިބީ އެއީ މަންމަ ކަމުގައި ނިންމައިގެންކަން ލޫނާއަށް ފެނެ އެވެ. އެތަނުގައި ލޫނާއާ އެއްބައިވާނޭ އެކަކުވެސް ނެތްކަން ވިސްނުނެވެ. އިތުރަށް ޖަދަލުކުރާނަމަ އަސްލަންއާ އޮތް ގުޅުން އަބަދަށް ކެނޑިދާނޭ ހީކުރެވުނެވެ. ދެފަރާތަށް ބޯހޫރުވާލާފައި ލޫނާ ނުކުންނަން ދިޔަ އެވެ.
އެޕާޓްމެންޓްގެ ދޮރު ލެއްޕުމާއެކު ނޯޔާގެ ދެފައި ކޮޅުން ވާގިދިޔަ ފަދައިން ތިރިއަށް ވެއްޓެން އުޅުނެވެ. ނަމަވެސް ހުސިޔާރު ކަމާއެކު އަސްލަންގެ އަތްދަނޑިމައްޗަށް ނޯޔާ އުފުލާލި އެވެ. އަސްލަންގެ ކަރުދޮށުގައި ދެއަތް ވަށާލައި މޫނު ފޮރުވާލައިގެން އޮވެ ނޯޔާ ރޮމުންދިޔަ އެވެ.
"މަންމައަށް ތަދުވަނީތަ؟" ކަންބޮޑުވީވަރުން މަލްސާއަށް އަހާލެވުނެވެ. އެއާ ވިއްދާ ޑަކްޓަރަށް ނޯޔާ ގެންދަން ބައްޕަ ގާތު ސާރާއަށް ބުނެވުނެވެ. އަސްލަންގެ ފަހަތުން އެކުދީން ކޮޓަރިއަށް ވަނެވެ. އެނދުގައި ނޯޔާ ބާއްވަން އުޅުމުން ވެސް އަސްލަންގެ ގައިން ނޯޔާ ދުލެއް ނުކުރިއެވެ. އެހެންވެ އަނބިމީހާ އުނގަށް ލައިގެން އެނދުގައި އަސްލަން އިށީނެވެ.
"ނޯޔާ... ކިހިނެއްވީ؟ ތަނަކަށް ތަދުވަނީތަ؟" ކުދީންގެ ބަހާއި ގުޅުވާ އަސްލަންއަށް އަހާލެވުނެވެ. އެއާއެކު ނޯޔާ މޫނު ފޮރުވައިގެން އިނދެ ބޯޖަހާލައިފި އެވެ.
"މާބޮޑަށް ގައިގަ ރިއްސަނީތަ؟" އަސްލަން އަހާލި އެވެ.
"މިތަނަށް ތެދުވަނީ." ނޯޔާ ކަނާއަތުގެ ޝަހާދަތް އިނގިލި ޖެއްސީ އަސްލަންގެ މޭގައި ހިތް އޮތް ފަރާތުގަ އެވެ.
"ވަޓް..." ހައިރާންވީ ވަރުން އަސްލަންއަށް ބުނެވުނެވެ. އެހާ ބަލިހާލުގައި ރޮމުން އެފަދަ ހަރަކާތެއް ނޯޔާ ކޮށްފާނޭ އަސްލަން ހީނުކުރެ އެވެ. އޭނާއަށް ހީވީ ނޯޔާ ސަމާސެއްކުރީ ހެންނެވެ.
"އަހަރެންގެ މޭތަ." ކުޑަކޮށް ހިނިއައިސްފައި އިނދެ އަސްލަންއަށް އަހާލެވުނެވެ. އެއާއެކު އަސްލަންގެ އަތްތިލަ ގެނެސް ނޯޔާގެ މޭގައި ޖެއްސިއެވެ. އެހިނދު އޭނާއަށް އުނގުގައި އިނީ އަނބިމީހާއަށް ވުރެ ކުޑަކުއްޖަކުހެން އަސްލަންއަށް ސިފަވި އެވެ. ނަމަވެސް ބާރަށް ހީނގަންނާކަށް ނުކެރުނެވެ. ތަފާތު ލޯބިވެތި ޝުއޫރުތަކެއް އަސްލަންގެ ހިތުގައި އުތުރިއަރައިގަތެވެ. އެ ޖަޒުބާތުގައި ލޯބިން އަނބިމީހާ ބޮނޑިކޮށްލާ ބޮސްދޭން އޭނާ ބޭނުންވި އެވެ.
"ކީއްވެ ތަދުވަނީ." ހިސާބަކަށް ނޯޔާ ބުނަން އުޅުނު އެއްޗެއް އަސްލަންއަށް ފަހުމްވެއްޖެ އެވެ. އަސްލަންއާ މެދު ނޯޔާ ގަޔާވާކަމުގެ އިޝާރާތެއްހެން ހީވާތީ އެވެ. ލޫނާއާ މެދު ނޯޔާ ގަޔާ ނުވަނީ އަސްލަންގެ މައްޗަށް ލޫނާގެ ނުފޫޒެއް ފޯރަން ނޭދޭތީކަން ޔަގީނެވެ.
ދެވަނަ ފަހަރަށް ދޮރުގެ ބެލް އަޅާ އަޑު އިވުމާއެކު އަސްލަން ތެދުވަން އުޅުނެވެ. ނޯޔާ ބޯ ހޫރުވާލުމުން އެ ބޮލުގައި އަސްލަން ބޮސްދިނެވެ.
"މަންމަ ކަމަށް ވެދާނެ... ނޯޔާ ރޯކަން އެނގުނީމަ ޔަގީން ޑަކްޓަރަށް ފޮނުވާނެ، އޭރުން އެތަނުގައި އޮންނަން ވެސް ޖެހިދާނެ." ހޮސްޕިޓަލުގައި އޮންނަން ޖެހިދާނެތީ ނޯޔާ ކަންބޮޑުވާވަރު އެނގޭތީ އަސްލަން ބުނެލިއެވެ. އޭނާގެ ކަރުދޮށުން ނޯޔާގެ ދެއަތް ދޫކޮށްލީ ދެނެވެ. ދެބެން ކައިރީ މަންމަ ގާތުގައި އިނުމަށް ބުނެފައި އަސްލަން ނުކުތެވެ. އޭނާ ހޯދަން އައިސް ހުރީ ރިދާނެވެ.
"ރިދާން..." ރިދާންގެ ރަތްކަން އެކުލެވިފައިވި ދެ ލޮލަށް ބަލަން ހުރެ އަސްލަންއަށް ގޮވާލެވުނީ ހާސް ކަމާއެކު އެވެ. އެ ދެ ލޮލުގައިވަނީ ރޮއެފައި ހުރިކަމުގެ އަސަރުކަން އަސްލަންއަށް ޔަގީން ވެއެވެ. ރިދާންގެ މުލައްދަނޑީގައި ހިފާލުމާއެކު އެތެރެއަށް އަވަހަށް ވެއްދި އެވެ.
"އަހަރެން ފޮނުވީ މަންމަ، ބޮޑު ކަމެއް ދިމާވެގެން މިއުޅެނީ... އަސްލަންބެއަށް މަންމަ ކިޔާދޭނެ، ރޫމާ ދައްތަ ވެސް އެބައިން... ނޯޔާ ހާލުބޮޑު ނޫނިއްޔާ އަސްލަންބެ އަންނަން ވީނު." ރިދާން ބުންޏެވެ. އަސްލަންގެ މެޔަށް ފިނިވެލި އެވެ. ނިކަން އަވަސް އަވަހަށް ބޯ ޖަހާލުމާއެކު އެބައަންނަމޭ ބުނެ އަސްލަން ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
"ނޯޔާ، މަންމައަށް ކަމެއް ދިމާވެގެން އެބައުޅޭ، ރިދާން އައިސް ހުރީ، އެބަ އަންނަން މަންމަ ކައިރިއަށް ގޮސްފަ." އަސްލަން ވާހަކަ ދެއްކީ އަވަހަށެވެ.
"އޯކޭ." ނޯޔާ ބުނެލި އެވެ. އެއާއެކު ދޮރު ހުޅުވާލައިގެން ހުއްޓި ހުރި އަސްލަން ނުކުމެގެން ހިނގައްޖެއެވެ.
ސަބީނާގެ ބަޔަށް އާދެވެނު އިރު ވެސް ރިދާން ހުރީ ހިމޭންވެފަ އެވެ. އެ މޫނު ވަނީ މިލާފަ އެވެ. އަސްލަންއާ އެއްފަހަރު ވެސް ރިދާން ހަތަރުކަޅި ހަމަނުކުރިއެވެ. އަސްލަންގެ ފިޔަވަޅު މަޑުޖެހުނީ ސޯފާގައި އިން މަންމަ ފެނިފަ އެވެ. އެފަދަ ހިތާވެރިކަމެއް މަންމަގެ މޫނުން ދުށް ހަނދާނެއް އަސްލަން ނެތެވެ. ސަބީނާގެ ދެ ލޯ ރަތްވެ ދުޅަވެފައި ވެއެވެ. ސަބީނާގެ ކަނާއަތް ފަރާތުގައި ރޫމާ އިނެވެ. އެ މޫނުގައި ވެސް ވަނީ މާޔޫސްކަމުގެ އަސަރެވެ. ވެގެން އުޅޭ ގޮތެއް ނޭނގެނީ ހަމައެކަނި އޭނާއަށޭ އަސްލަން ހިތަށް އެރިއެވެ. އަވަހަށް އައިސް ރިދާން އިށީން ސޯފާގައި އޭނާ ވެސް އިށީނެވެ. އެހިނދު ސަބީނާ އަތުން އިޝާރާތް ކޮށްލީ އޭނާގެ ވައަތްފަރާތަށެވެ. އަސްލަން ތެދުވެގެން އައިސް މަންމަގެ ގާތުގައި އިށީނެވެ. އެއާއެކު އަސްލަންގެ އަތުގައި ސަބީނާ ހިފާލި އެވެ.
"އަސްލަން، ރުޅި އިސްނުކުރާތި، މަންމަ ދައްކަން އެ އުޅޭ ވާހަކަ ކެތްތެރި ކަމާއެކު އަޑުއަހާތި." އަސްލަންއަށް ބަލާލުމާއެކު ރޫމާ ބުންޏެވެ.
"ކިހިނެއްވީ މަންމާ؟" އަސްލަންއަށް އަހާލެވުނެވެ. އެއާއެކު އޭނާގެ އަތްތިލައިގަ ވަކިން ބާރަށް ސަބީނާއަށް ހިފާލެވުނެވެ. ދެ ލޯ މަރާލުމާއެކު ސަބީނާ ފިނިނޭވާއެއް ދޫކޮށްލި އެވެ.
"އަރީން ވަރިކޮށްފި، އޭނާ... އޭނާ އިނީ ބަލިވެ... ނަހަލާލަށް." ސަބީނާގެ އަޑު ފަޅައިގެން ދިޔަ އެވެ. މަންމަގެ ދުލުން އެ ބަސްތައް ނުކުތްއިރު އެ ހިތުގައިވި އެތައް ނާރެއް ބުރިބުރިވާނެކަން ޚުދު އަސްލަންއަށް އިހްސާސް ކުރެވުނެވެ. އެބުނީ މަންމަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ވާހަކަ އެވެ. އަސްލަންއަށް ބަލާލެވުނީ ރިދާނަށެވެ. އޭނާ ވެސް މަޑުމަޑުން ބޯޖަހާލީ އެއީ ތެދެކޭ ބުނާ ފަދައިންނެވެ.
"ފަވާދު..." ރިދާނަށް ބަލަން އިނދެ އަސްލަންއަށް ބުނެވުނެވެ.
"ދޮންތަ ވަރިކޮށްފަ، ކުދީން ގޮވައިގެން ހިނގައްޖެ." ރިދާން ބުންޏެވެ. އަސްލަންއަށް ހީވީ ކަންފަތް ތެރޭ ބޮމެއް ގޮވި ހެންނެވެ. ދުނިޔެ އެނބުރިގަތް ހެން ހީވެ ބޮލުގައި އޭނާއަށް ފިރުމާލެވުނެވެ. ދެން އަވަހަށް މަންމަގެ ގައިގާ ހިފަހައްޓާލިއެވެ. (ނުނިމޭ)