ޕީޕީއެމް

ބަދަލުދެނީ ކުރީ ސަރުކާރުން އެގްރިމަންޓްތަކެއް ބާތިލްކޮށްގެނެއް ނޫން: އިދިކޮޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ބޮޑެތި އަދަދުތަކުން ބައެއް ކުންފުނިތަކަށް ބަަދަލު ދެމުންދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުހައްގުން އެއްބަސްވުންތަކެއް ބާތިލްކޮށްފައިވާތީ ކަމަށް މިސަރުކާރުން ބުނާ ވާހަކަތަކަށް އިދިކޮޅުން ރައްދު ދީފި އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ ޕީޕީއެމުން ވެރިކަމުގައި އޮތް އިރު އޭގެ ކުރީގެ ސަރުކާރުތަކުން ބާތިލްކުރި ބައެއް އެއްބަސްވުންތަކަށް ބަދަލު ނުދީ ހުންނާނެ ކަމަށެވެ. އެގޮތަށް އަމަލުކުރީ އެފަދަ މައްސަލަތަކުގައި ދައުލަތުން ބަދަލު ދޭން ޖެހޭނީ ކޯޓުތަކުން ނިންމައިގެން ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

"ބަދަލުގެ ގޮތުގައި މިދެނީ ރައްޔިތުންގެ ފައިސާ. އަޅުގަނޑުމެންގެ ސަރުކާރުގައި ކޮންޓްރެކްޓެއް ބާތިލްކޮށްގެން ބަދަލު ދޭން ޖެހޭ ކަމަށް ވާނަމަ ކޮންޓްރެކްޓެއް ބާތިލްވެފައި އޮތް ގޮތް އެއީ އެޓާނީ ޖެނެރަލް ނިންމަން ޖެހޭ ކަމެއްް ނޫން. ރާއްޖޭގެ ޝަރުއީ މަރުހަލާތަކުން އެކަން ކުރަން ޖެހޭނީ، ހުރިހާ ކޯޓަކުން ނިންމީމާ ބަދަލު ދޭން ޖެހޭ ކަންކަމުގައި ބަދަލު ދޭން ޖެހޭނެ،" ޝިޔާމް ވިދާޅުވި އެވެ.

ބަދަލު ދިނުމުގައި ވަކި އުސޫލުތަކެއް ހިފަހައްޓަވާނެ ކަމުގައި މިހާރުގެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެކަމަކު ބަދަލު ދިނުމުގައި މިސަރުކާރުން ވަކި އުސޫލެއް ހަމައެއް ގެންގުޅޭ ކަމަކަށް ޝިޔާމް ގަބޫލެއް ނުކުރައްވަ އެވެ. ބަދަލު ދޭން ޖެހޭނީ މައްސަލަ ކޯޓަށް ހުށަހަޅާ، ކޯޓުގެ ހުރިހާ މަރުހަލާއެއް ނިމުމުން ކަމުގައި ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަހްމަދު އަބްދުﷲ އަފީފު ވިދާޅުވީ ދައުލަތުން ބައެއް ފަރާތްތަކާ އެކު ހަދާފައިވާ އެއްބަސްވުންތައް އެއްވެސް ސަބަބަކާ ނުލައި ބާތިލްކޮށް، ދައުލަތުން ބައެއް ފަރާތްތަކަށް ގެއްލުން ދީފައިވާ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގައި އެފަދަ ނިންމުންތައް ވަރަށް ގިނައިން ނިންމާފައި ހުރި ކަން ވެސް ފާހަގަކުރެއްވި އެވެ.

ކޯޓު ތަކަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރުއީ ހުރިހާ މަރުހަލާއެއް ނުނިމެނީސް ދައުލަތުން ބައެއް ފަރާތްތަކަށް ބަދަލު ދޭތީ އަމާޒުވާ ފާޑު ކިޔުންތަކަށް ވެސް އަހްމަދު ވަނީ ރައްދުދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ މީހަކަށް އިންސާފު ލިބެންޖެހޭ ކަން ސާފުކޮށް ފެންނަން އޮތް މައްސަލައެއްގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމެންދެން މަޑުކުރުމަކީ އޭރުވެސް އަދި މިހާރުވެސް މި ސަރުކާރުން ގަބޫލުކުރާ ގޮތެއް ނޫން ކަމަށެވެ.

ޕަބްލިކްސާވިސް މީޑިއާ (ޕީއެސްއެމް)އިން ބިޒްނަސް އިމޭޖް ގްރޫޕް(ބިގް)އާއެކު ހެދި އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި ބިގަށް 30 މިލިއަން ރުފިޔާ ދޫކުރީ މިސަރުކާރުގަ އެވެ. ހައުސިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ އެކު ހަދާފައި އޮތް އެއްބަސްވުން ބާތިލް ކުުރުމުން 55 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ނޫމަޑިއަށް ދިނީ ވެސް މިސަރުކާރުގަ އެވެ. އަދި މިހާރު ވަނީ މަންދު ކޮލެޖަށް 15 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށްވެސް އެއްބަސްވެފަ އެވެ.

މިސަރުކާރުން ބޮޑެތި އަދަދުތަކުން ބަދަލު ދެމުންދަނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާފައިވާ ސެޓެލްމަންޓް ކޮމެޓީއެއްގެ ނިންމުމުގެ މައްޗަށް ބިނާކޮށެވެެ. އެ ކޮމިޓީގެ މިހާރުގެ ބަންޑާރަނައިބާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އިންނަވަ އެވެ.

ކޮމިޓީ އުފެއްދީ ބަދަލު ދޭން ޖެހޭ ފަރާތްތަކާއި ދައުލަތުން ވާހަކަ ދައްކައިގެން ކޯޓުން ބޭރުގައި ދައުލަތަށް ވެސް އެންމެ ފައިދާވާނެ ގޮތަށް ބަދަލުގެ ކަންކަން ހަމަޖައްސަން ކަމުގައި ސަރުކާރުން ބުނެ އެވެ. އޭރުން ބަދަލުގެ ގޮތުގައި ނަގައިދޭ އަދަދު ކުޑަވެ، އިންސާފު ލިބުން އަވަސްވާ ކަމަށް މިސަރުކާރުން ދެކެ އެވެ. އެކަމަކު ޝިޔާމް ތަކުރާރުކޮށް ވިދާޅުވީ ގެއްލުން ކުޑަކުރުމަށް ވެސް ބޮޑެތި އަދަދުތަކުން ބަދަލު ދޭން ޖެހޭނީ ކޯޓުތަކުން ނިންމައިގެން ކަމަށެވެ.

"އެދެވެނީ ހައްގު ބަދަލެއްތޯ ފުރަތަމަ ބަލަން ޖެހޭ. ކޯޓުން އެކަން ނިންމޭނީ. ކިހިނެއްތޯ އެޓާނީ ޖެނެރަލްއަށް އެނގެނީ ގެއްލުން ކުޑަވާނެކަމެއް. މި ކޯޓު ސިސްޓަމް ތެެރެއިން ނިމުނީމަ ދެއްތޯ އެނގޭނީ ގެއްލުން ބޮޑުވާނެކަން ވެސް ކުޑަކަންވެސް. ދޭން ޖެހޭނެކަން ވެސް ނުވަތަ ނޫންކަންވެސް. މިހާރު މިއަމަލުކުރާ ގޮތުން ކޯޓުތައް ހުރުމުގެ ބޭނުމެއް ނެތެއް ނޫންތޯ" ޝިޔާމް ވިދާޅުވި އެވެ.

ބަދަލު ދޭއިރު މިސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް އިސްކަންދީގެން ބަދަލުދޭ ކަމަށް ތުހުމަތުކުރައްވާ ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ހާއްސަކޮށް އާންމު ރައްޔިތުންނަށް ބަދަލު ނަގައިދިނުމަށް ކޯޓުން ނިންމާފައިވާ މައްސަަތަކުގައި ބަދަލު ނުލިބޭ ކަމަށާއި އެއީ އިންސާފެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. ބަދަލު ލިބެމުން ދަނީ އެމްޑީޕީގެ ކެމްޕޭނަށް ބޮޑެތި ހަރަދުތަކެއް ކުރި ކުންފުނިތަކަށް ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ.

"ހުރިހާ ކޯޓެއްގައިވެސް ބަދަލު ނަގައިދިނުމުގެ މައްސަލަތައް ހިނގަމުން އެބަދޭ. ދެން ކީއްވެގެންތޯ މި މީހުންނާ [ސަރުކާރާ] ގުޅުން ހުރި ފަރާތްތަކަކަށް އެކަނި ބަދަލު ދިނުމުގެ ކަންކަން މިހާ ބާރަށް މިދަނީ. މިއީ އުފައްދަންޖެހޭ ސުވާލު،" ޝިޔާމް ވިދާޅުވި އެވެ.

ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ބަދަލު ދިނުމުގައި އިސްކަންދޭ ކަމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުންވެސް ތުހުމަތު ކުރައްވަ އެވެ. ހާއްސަކޮށް މިހާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ބޭބެ އިން ކަމުގައިވާ އިބްރާހިމް އިސްމާއިލް(އިބްރާ) ޗެއާމަން ކަން ކުރައްވަމުން ގެންދަވާ މަންދު ކޮލެޖާއި، ހަސަން އިސްމާއީލްގެ ބައިވެރިވުން އޮތް ބިގް ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ނިންމުމުން އަމާޒުވާ ފާޑުކިޔުންތައް އިތުރުވި އެވެ.