ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖެ އޮތީ ކޮވިޑްގެ ހަތަރުވަނަ ރާޅެއްގެތެރޭ: އެޗްއީއޯސީ

ރާއްޖެ މިހާރު އޮތީ ކޮވިޑުގެ ހަތަރުވަނަ ރާޅެއްގެތެރޭ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މިއަދު އެކަނިވެސް 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެ މިހާރު އޮތީ ކޮވިޑްގެ އާ ރާޅެއްގެ ނުރައްކަލުގެ ތެރޭގައި ކަމަށެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާއިރު ބަލީގެ ސަބަބުން ހާލަތު ގޯސްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ކޮވިޑްގެ އެންމެ ހާލުބޮޑު ބަލި މީހުންނަށް ފަރުވާ ދެމުންދާ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރިފައިވާ ކަމަށާ މިހާރުވެސް ހަ މީހަކު ވެންޓިލޭޓަރުގައި އޮތް ކަަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި މާބަނޑު މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު މިއީ މާބަނޑު މީހެއްގެ ހާލު ކޮވިޑްގެ ސަބަބުން ސީރިއަސްވި ފުރަތަމަ ފަހަރު ކަމަށް ވިދާޅުވިއެވެ. ޑޮކްޓަރު ވިދާޅުވީ މާބަނޑު މީހުންނަކީ މީގެ ކުރީން ކޮވިޑްގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ނޫން ނަމަވެސް މި ކޭސްއާއެކު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ ވެންޓިލޭޓަރަށްލާ ގިނަ މީހުން ދެ ހަފްތާއަށްވުރެ ގިނަ ދުވަހު ވެންޓިލޭޓަރުގައި ބާއްވަން ޖެހޭ ކަަމަށާ އިތުރު ބަޔަކު ވެންޓިލޭޓަރަށްލާން ޖެހިއްޖެނަމަ ރާއްޖޭގައި ކެޕޭސިޓީ ނެތް ކަމަށެވެ.

މީގެ އިތުރުން 181 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް ވަނީ ފުރުމާ ގާތުގައެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު މިއަދުވެސް 601 މީހަކަށް ބަލިޖެހިފައިވެއެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 31،931 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 6،508 މީހުންނެވެ. މިހާތަނަށް 25،340 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 74 މީހެކެވެ.