ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް ޖެހުނު މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި

ކޮވިޑް-19 ޖެހުނު މާބަނޑު މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މިރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހަ މީހަކަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަަމަށެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ ތެރެއިން އެކަކީ މާބަނޑު މީހެކެވެ. މިއީ މާބަނޑު މީހަކަށް ކޮވިޑް ޖެހި ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ. ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 16 ވަނަ ފަންގިފިލާގައި ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ހާއްސަ ޔުނިޓެއް ވަނީ ގާއިމުކޮށްފައެވެ.

ޑޮކްޓަރު ވިދާޅުވީ މާބަނޑު މީހުންނަކީ މީގެ ކުރީން ކޮވިޑްގެ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބައެއް ނޫން ނަމަވެސް މި ކޭސްއާއެކު ހާލަތު ބަދަލުވެފައިވާ ކަމަށެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު މިއަދުވެސް 601 މީހަކަށް ބަލިޖެހިފައިވެއެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 31،931 އަށް އަރާފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 6،508 މީހުންނެވެ. މިހާތަނަށް 25،340 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 181 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 74 މީހެކެވެ.