ޝުމްބާ ގޮންގް ގެ ނަމުގައި މަޝްހޫރު ކަމެއް ހޯދާފައިވާ އެކްޓިވިސްޓް، އަހުމަދު އަޝްރަފް ސްރީލަންކާއިން ހައްޔަރު ކުރުމުގައި ޑިޕްލޮމެޓިކް އެއްވެސް އުސޫލުތަކާއި ހިލާފުވެފައި ނުވާނެކަމަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު ޒާހިޔާ ޒަރީރު ވިދާޅުވެއްޖެ އެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް ހޯދަން ބެލި އިރު ސްރީލަންކާގައި ހުރުމުން އޭނާ ހައްޔަރު ކޮށްގެން ރާއްޖެ ފޮނުވާލައިފާ ވަނީ ގަވައިދާ ހިލާފަށް ކަމަށް ސްރީލަންކާގެ ބައެއް ނޫސް ތަކުން ބުނެ އެކަމަނާ ލަންކާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރުވާން އަންގާފައިވާ ކަމަށް ރިޕޯޓްކޮށްފައ ވަނިކޮށެވެ.
ޒާހިޔާއާ ހަވާލާދީ ކޮލޮމްބޯ ގެޒަޓުން މިއަދު ބުނެފައި ވަނީ ޝުމްބާ ގޮންގް ހައްޔަރުކޮށްފައި ވަނީ ރިޔާސީ ލޯންޗުކޮޅުގައިއި ހިނގި ހާދިސާގެ ތަހުގީގަށް ސަރުކާރުގެ ރަސްމީ އެދުމަކަށް ކަމަށާއި އޭނާ ހައްޔަރު ކުރި އިރު ލަންކާގައި ހުރުމަށް ބޭނުންވާ ލިޔެކިރުންތައް ވެސް އޭނާގެ އަތުގައި ނެތް ކަމަށެވެ.
"އެއްވެސް ގައުމަކުން ހުއްދައެއް ނުދޭނެ ސައްހަ ލިޔެކިޔުންތަކާ ނުލާ ގައުމެއްގަ އެއްވެސް ފަރާތެއް ހުންނާކަށެއް. ލަންކާ އިން މިކަމަށް ދެއްވި އެއްބާރުލުން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ފަހަގަ ކުރޭ. ރާއްޖޭގެ ގާނޫނު ހިނގާ އޭޖަންސީތަކާއި ސްރީލަންކާއާމެދު ދެފަރާތަށް ވެސް ފައިދާ ހުރި ގުޅުމެތް އޮތް ކަން އެނގޭ،" ޒާހިޔާ ވިދާޅުވި އެވެ.
ހައި ކޮމިޝަން އިން ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ 22 ގައި ރާއްޖެއާއި ސްރީލަންކާ ދެމެދު ވާނީ ޓެރަރިޒަމްގެ އަމަލު ހިނގާ ފަރާތްތައް ހައްޔަރު ކުރުމަށާއި އެ ދާއިރާގައި ދެގައުމު އެކު މަސައްކަތް ކުރުމަށް އެއްބަސް ވެފައެވެ.