އެމްއައިޓީޑީސީ

ކާށިދޫ މަޝްރޫއަށް އިންވެސްޓަރަކު ހޯދައި މަޝްރޫއު ފަށަން ތައްޔާރުވަނީ

އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު އަވަސް އަށް އިންޓަވިއު ދެއްވަނީ -- ވީޑިއޯ: އަވަސް

ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއަށް އިންވެސްޓަރަކު ލިބިފައިވާތީ އެއްބަސްވުމުގައި ސޮއި ކުރަން ހުއްދަ ލިބުމާ އެކު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފަށައިގަންނާނެ ކަމުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފި އެވެ.

ކާށިދޫގެ މަޝްރޫއާ ގުޅޭގޮތުން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ ކާށިދޫގެ މަޝްރޫއަކީ ކުރީގެ ސަރުކާރުން ފެށި މަސައްކަތަކަށް ވިޔަސް މި ސަރުކާރުން ވެސް އެ މަޝްރޫއު ކުރިއަށް ގެންދާނެ ކަމަށެވެ. އެކަމަކު އެ މަޝްރޫއުގައި އެމްއައިޓީޑީސީގެ އޭރުގެ މެނޭޖުމަންޓުންނާއި މިނިސްޓްރީގެ އޭރުގެ އިސްވެރިން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށެވެ. އެގޮތުން މަޝްރޫއު ފަށާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއްވުނު އިންތިހާބަކާ ދިމާކޮށް، ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރައާތުތައް ފުރިހަމަ ނުކޮށް ކަން ފާހަގަކުރެއްވި އެވެ.

ރާއިދު ގަބޫލުކުރައްވާ ގޮތުގައި މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރީގެ ސަރުކާރުން އެމްއައިޓީޑީސީ އަށް ދިން އެއް މިލިއަން ޑޮލަރުގެ ލޯނެެއް ފިނޭންސް މިނިސްޓްރީން ނަގައިގެން ކާށިދޫގައި އިމާރާތެއްގެ އޮނިގަނޑު، ދަގަނޑުން ހެދުން ފިޔަވާ ކޮށްފައިވާ އެއްވެސް މަސައްކަތެއް ނެތެވެ. އެކަމަކު ކާށިދޫ އިން އެމްއައިޓީޑީސީއަށް ލިބިފައިވާ ދެ ހެކްޓަރުގެ ބިމުގައި ކުރީގެ ސަރުކާރުން ފެށި މަޝްރޫއު މިސަރުކާރުން ކުރިއަށް ގެންގޮސް ކާށިދޫ ރައްޔިތުންނަށް އެތަނުން ތަފާތު ފުރުސަތުތައް ހޯދައިދޭނެ ކަމުގެ ޔަގީންކަން ރާއިދު ދެއްވަ އެވެ.

"ކާށިދޫ އަށް ވަޑައިގަންނަވާ ބޭފުޅުންނަށް ފެންނަން ހުންނާނެ އެއް މިލިއަން ޑޮލަރު ހަމަގައިމުވެސް ހުސްކޮށްފައި ހުރީ. އަޅުގަނޑުމެންނަށް ފެންނަން ހުރީ މިދަގަނޑު ސްޓްރަކްޗާގެ ތިން ބުރި އެނގޭތޯ. މިވެސް ހުރީ ކޮމްޕްލީޓް ކޮށްފައެއް ނޫން. ދެން އެހެންނަމަވެސް މީގައި ހިފައިގެން އަޅުގަނޑުމެންނަށް އަބަދަކު ކުރިއަކަށް ވެސް ނުދެވޭނެ. މިކަން ވެސް ކުރިއަށް ދިޔަ ގޮތް އަޅުގަނޑު ވާނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުރިހާ ޑޮކިއުމަންޓަކާ އެކު ލިޔެފައި،" ލޯން ނަގައިގެން ކޮށްފައި ހުރި މަސައްކަތެއް ފެންނަން ނެތް ހާމަކޮށްދެއްވަމުން ވިދާޅުވި އެވެ.

ކާށިދޫ މަޝްރޫއަށް މިސަރުކާރުން ވަނީ ބަދަލުތަކެއް ގެނައުމަށް ނިންމާފަ އެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ވަކިވަކި ގެސްޓްހައުސްތަކެއް އަޅަން ނިންމި ނަމަވެސް އެމްއައިޓީޑީސީގެ މިހާރުގެ މެނޭޖުމަންޓުން ބޭނުންވަނީ އެއް ގެސްޓްހައުސް އެޅުމަށެވެ. އެއީ މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުވެފައިވާ ތުރުކީގެ އިންވެސްޓަރުގެ ވެސް ހިޔާލާ އެއްގޮތަށް ނިންމި ނިންމުމެކެވެ.

"އަސްލުގައި ޖިއޮގްރަފިކަލީ ވަރަށް ޗެލެންޖިން ރަށެއް ކާށިދޫއަކީ. މާލެ އަތޮޅޭ އަޅުގަނޑުމެން އަދި ކިއެއް ކަމަކު ވަރަށް ޗެލެންޖިން ރަށެއް ކާށިދޫ އަކީ. އެހެންވީމާ އަޅުގަނޑުމެން އެ ހުރިހާ ގޮތަކަށް ބަލާފައި އަޅުގަނޑުމެން މިހާރު ނިންމާފައި އޮތީ އެ ދެ ހެކްޓަރުގެ ބިމުގައި އެއް ހޮޓާ މިދެންނެވިހެން އަޅައިގެން ގިނަ ކޮޓަރިތަކެއް އަޅައިގެން އޭތި އޮޕަރޭޓް ކުރާ ގޮތަށް،" މަޝްރޫއަށް ގެނައި ބަދަލު ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

ރާއިދު ވިދާޅުވި ގޮތުގައި ކޮވިޑްގެ އުދަނގޫ މިދުވަސްވަރު ކާށިދޫ މަޝްރޫއަށް އިންވެސްޓަރަކު ލިބުނީ ވަރަށް އުދަގުލުގައި ގިނަ މަސައްކަތްތަކެއް ކުންފުނިން ކޮށްގެންނެވެ. އަދި އެމްއައިޓީޑީސީގައި ފައިސާ ނެތުމުންނާއި ކުރީގެ ސަރުކާރުން ކާށިދޫ މަޝްރޫއާ މެދު އަމަލުކޮށްފައިވާ ގޮތުން ކާށިދޫ ރައްޔިތުންގެ އިތުބާރު ކުންފުންޏަށް ހޯދުމަށްޓަކައި އިންވެސްޓަރު ބޭނުންވާ ގޮތަށް ބައެއް ކަންކަން ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

ކާށިދޫ މަޝްރޫއާ ހަވާލުވާން ބުނާ ކުންފުންޏަށް 50 އަހަރަށް ބިން ކުއްޔަށް ދިނުމަށްވެސް އެމްއައިޓީޑީސީން ވަނީ ނިންމާފަ އެވެ. އޭރުން އެ މަޝްރޫއުގެ ތެރެއިން އެމްއައިޓީޑީސީ އަށް ބިމު ކުލި ލިބި ދައުލަތަށް ޓެކްސް ލިބޭނެ ކަމުގައި ރާއިދު ވިދާޅުވި އެވެ.

ކާށިދޫ ޓޫރިސްޓް ވިލެޖް މަޝްރޫއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މަސައްކަތެކެވެ. އޭރުގެ ސަރުކާރުން އެމްއައިޓީޑީސީ އަށް ދިން އެއް މިލިއަން ޑޮލަރުގެ ލޯނާ އެކު މި މަޝްރޫއުގެ ދަށުން ދެ ހެކްޓަރުގެ ބޮޑު ބިމެއްގައި ހަދަން ނިންމާފައިވާ ގެސްޓްހައުސްތަކުގެ ބިންގާ އަޅާފައިވަނީ މާޗް 26، 2018 ގައެވެ. މިމަޝްރޫއުގައި 250 އެނދު ހިމެނޭ 25 ރޫމްގެ 10 ގެސްޓްހައުސް އެޅުމަށާއި ސިޓީ ހޮޓަލަކުން ލިބޭނެ ހުރިހާ ވަސީލަތްތަކެއް ގާއިމުކުރުމަށްވެސް ކުރީގެ ސަރުކާރުން ނިންމާފައިވެ އެވެ.

އެމްއައިޓީޑީސީއާ ހަވާލުކުރި މަޝްރޫއު ރައީސް ޔާމީންގެ ވެރިކަމުގައި އެކުންފުނިން ކުރިއަށް ގެންދިޔައީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. ޗައިނާގެ ކުންފުނިން ކާށިދޫގައި މާބޮޑު މަސައްކަތެއް ކޮށްފައި ނެތް ނަމަވެސް އެމްއައިޓީޑީސީގެ ކުރީގެ މެނޭޖުމަންޓުން ވަނީ ޗައިނާގެ ކުންފުންޏަށް ފަސް ލައްކަ ޑޮލަރު ދީފަ އެވެ. އެކަމަކު ސަރުކާރު ބަދަލުވެ، 2019 ވަނަ އަހަރު އެމްއައިޓީޑީސީގެ އާ މެނޭޖްމަންޓުން ވަނީ ޗައިނާ ކުންފުނި މަސައްކަތުން ވަކިކޮށްފަ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ކާށިދޫ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްއައިޓީޑީސީގެ އާ މެނޭޖުމަންޓުން ހޯދާފައިވާ ތުރުކީ ކުންފުނިން ވަނީ ކުރީގެ ސަރުކާރުގައި އެމްއައިޓީޑީސީން ނަގާފައިވާ އެއް މިލިއަން ޑޮލަރުގެ ލޯނާއި ހަވާލުވާ ގޮތަށް ކާށިދޫ މަޝްރޫއު ކުރިއަށް ގެންދަން އެއްބަސްވެފަ އެވެ. ނަމަވެސް ރަސްމީ އެއްބަސްވުމެއްގައި އަދި ސޮއިކޮށްފައެއް ނުވެ އެވެ.