އިދިކޮޅު ފަރާތްތައް

މަގުމަތީ ހަރަކާތް މަޑުޖައްސާލީ ފަހު ދިހައަކަށް: އާދަމް ޝަރީފް

އިދިކޮޅު ދެ ޕާޓީން މަގުމަތީ ހިންގަމުން އައި ސިޔާސީ ހަރަކާތްތައް މަޑުޖައްސާލާފައިވަނީ ރޯދަ މަހުގެ ފަހު 10 ދިހައަކަށް ކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ "އިދިކޮޅު ލީޑަރު ގެއަށް، އިދިކޮޅުވެސް ގެއަށް!" މި ނަމުގައި އަވަސް އިން މިއަދު ގެނެސްދިން ރިޕޯޓަކަށް ކުރެއްވި ކޮމެންޓެއްގައެވެ. ޓްވިޓާ މެދުވެރިކޮށް ކުރެއްވި ކޮމެންޓްގައި އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުން މަގުމަތީ ހަރަކާތް މަޑުޖައްސާލީ ފަހު ދިހައަކަށް ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ސޯޝަލް މީޑިއާގައި މިހާރުވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ސަރުކާރުން މާވަށު ވޯޓަށް ނުފޫޒު ފޯރުވާތީ ހޮނިހިރު ދުވަހުގެ ރޭ އޮޕޮޒިޝަންގެ ލީޑާޝިޕް އޮތީ އިލެކްޝަންސް ކޮމިޝަން ތެރޭގައި،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އަކީ ވަރަށް ޒިންމާދާރުކަމާއެކު "އެންމެ ފުރަތަމަ ގައުމު" ކަމަށް ގަބޫލުކުރާ އަދި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާއިރުވެސް ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުންގެ ވިންދާ ގުޅޭގޮތަށް މަސައްކަތް ކުރާ ދެ ޕާޓީ ކަމަށެވެ.

"ކުރިއަށް މި ގެންދަނީ ރަނގަޅަށް،" އަވަސްގެ ރިޕޯޓަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވިއެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ހިންގަމުން ގެންދިޔަ ހަރަކާތްތައް މެދުކަނޑާލާފައިވާއިރު ޖަލުގައި ހުންނެވި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިިދިޔަ ބުރާސްފަތި ދުވަހު ވަނީ ގެއަށް ބަދަލު ކޮށްފައެވެ. އެމަނިކުފާނު ގެއަށް ބަދަލު ކޮށްފައިވަނީ ވަގުތީ ގޮތުންނެވެ. އެއީ މާފުށީގައި ކޮވިޑް-19 ގެ ކޭސްތައް ބޮޑުތަނުން އިތުރުވެ ޖަލު އޮފިސަރުންނާއި ގައިދީންނަށްވެސް ބަލި ޖެހެމުން ދިއުމާއި ގުޅިގެންނެވެ. މާފުށީގެ ޕޮޒިޓިވް ނަންބަރު ވަނީ 300 އިން މައްޗަށް އަރާފައެވެ.