ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުުމާއި ގުޅިގެން ހާލަތު ރަނގަޅު ކުރުމަށް އެޅިދާނެ އިތުރު ފިޔަވަޅުތަކާއި ގުޅޭގޮތުން ހެލްތް އިމަޖެންސީ ކޯޑިނޭޝަން ސެންޓަރު (އެޗްސީސީ) އިން މަޝްވަރާ ކޮށްފި އެވެ.
އެޗްސީސީގެ ބައްދަލްވުންތައް އަލުން ފަށާފައިވާއިރު އެ ބައްދަލްވުންތައް ކުރިއަށް ގެންދަވާނީ ނާއިބު ރައީސް ފައިސަލް ނަސީމުގެ ބެއްލެވުމުގެ ދަށުންނެވެ.
ސަރުކާރުން މިއަދު ވަނީ ކޮވިޑް-19 ގެ ހާލަތު ގޯސްވަމުންދާތީ އިތުރު މަަސައްކަތްތަކެއް ފައްޓަވާފައެވެ. އެގޮތުން މިރެއިން ފެށިގެން ކޮންމެ ރެއަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރީން ބާއްވަމުން އައި ޕޮލިސީ ލެވެލްގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދަވަން ނިންމާފައިވެއެވެ. މިއީ ގައުމީ ފެންވަރެއްގައި ކުރިއަށް ގެނެވޭ ބައްދަލްވުންތަކެކެވެ. ވާޗުއަލްކޮށް ކުރިއަށް ގެންދަވާ މި ބައްދަލްވުންތަކުގައި ކަމާގުޅޭ އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން ހާލަތު ރަނގަޅު ކުރެއްވުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރައީސް ސޯލިހަށް މަޝްވަރާ އަރުއްވާނެ އެވެ.
ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ އެޗްސީސީގެ ކޯ ޗެއާގެ ހައިސިއްޔަތުން ނާއިބު ރައީސް ފައިސަލް ނަސީމުވެސް ކޮންމެ ދުވަހަކު ބައްދަލްވުންތައް ބާއްވަވާ ނިންމަވަން ޖެހިވަޑައިގަންނަވާ މުހިންމު ނިންމެވުންތައް ނިންމަވާނެ ކަމަށެވެ. އަދި އެޗްސީސީއަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެ ނޫން ކަންކަން އިތުރު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
އެޗްސީސީގެ ފުރަތަމަ ބައްދަލްވުން މިއަދު ބާއްވަވާފައިވާއިރު އެ ބައްދަލްވުމުގައި މިހާރު އޮތް ހާލަތު ރަނގަޅު ކުރުމަށް އިތުރަށް ކުރެވިދާނެ ކަންކަމާއި އަދި އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން މިއަދުން ފެށިގެން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ އެންގުމުގަައި ބުނެފައިވަނީ މިއަދުން ފެށިގެން ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލްގައި އުޅެވޭނީ ހަމައެެކަނި ހުއްދަ އޮތް ފަރާތްތަކަށް ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އަދި ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި. އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދާންޖެހޭ މީހުންނެވެ.
ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅުމުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.
އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.
ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުމަށްވެސް ވަނީ ނިންމާފައެވެ.