ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮންޓްރޯލެއް ނެތި ކޮވިޑް ނަމްބަރު އުފުލެނީ

ރާއްޖެއިން އިތުރު 734 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 31،2،665 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 540 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 186 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ. އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްތަކުންވެސް މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިދިޔަ 10 ދުވަހު ކޮވިޑް ނަންބަރު ހުރީ 400 އިން މަތީގައެވެ. އިއްޔެ ޕޮޒިޓިވްވީ 601 މީހެކެވެ. އޭގެ ކުރީ ދުވަހު 585 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިދިޔަ ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް

  • އޭޕްރީލް 29 - 318 މީހަކު ޕޮޒިޓިވް
  • އޭޕްރީލް 30 - 465 މީހަކު ޕޮޒިޓިވް
  • މެއި 1 - 402 މީހަކު ޕޮޒިޓިވް
  • މެއި 2 - 508 މީހަކު ޕޮޒިޓިވް
  • މެއި 3 - 585 މީހަކު ޕޮޒިޓިވް
  • މެއި 4 - 601 މީހަކު ޕޮޒިޓިވް
  • މެއި 5 - 734 މީހަކު ޕޮޒިޓިވް

މިއަދު ހެދީ 4،787 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 7،109 މީހުންނެވެ. މިހާތަނަށް 25،473 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 198 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 74 މީހެކެވެ.

ކޮވިޑް ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމުން ގިނަ ފިޔަވަޅުތަކެއް މިހާރު ވަނީ އަޅާފައެވެ. މީގެ ދެ ދުވަސްކުރީން އިއުލާނު ކުރި ފިޔަވަޅުތަކަށް މިއަދު ވަނީ އަމަލު ކުރަން ފަށާފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވާފައިވާ ފިޔަވަޅުތަކަށް ބަދަލު ގެނައުމުގެ އެންގުމުގަައި ބުނެފައިވަނީ މިއަދުން ފެށިގެން ރޭގަނޑު 12 އިން ފަތިހު ހަތަރަކަށް ވެހިކަލްގައި އުޅެވޭނީ ހަމައެެކަނި ހުއްދަ އޮތް ފަރާތްތަކަށް ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލަންސް އަދި ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީހުންނާއި. އެމެޖެންސީކޮށް ސިއްހީ ހިދުމަތް ހޯދާންޖެހޭ މީހުންނެވެ.

ވެހިކަލް ދުއްވުން މަނާ ގަޑި ކަނޑައެޅުމުގެ އިތުރުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ހިދުމަތް ދިނުން އޮންްލައިން ކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި މާލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުންވެސް މަނާކޮށްފައިވެއެވެ.

ސިނާއީ މަސައްކަތް ކުރާ ރަށްރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އިންޑިއާއިން ދިވެހިރާއްޖެއަށް އަންނަ ދިވެހިންނާއި ވާކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމާއި ކަރަންޓީނަށް ފަހު ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ދަތުރުކުރުމަށް ދެވިފައިވާ ލުއިތައް މެދުކަނޑައިލުމަށްވެސް ވަނީ ނިންމާފައެވެ.