ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަން ޖެހޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންގެ ތެރެއިން 31 މީހަކަށް ބަލި ޖެހި އެޑްމިޓްކޮށް ފަރުވާ ދެމުންދާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ވެކްސިން ޖެހި ފަހުން މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 2.3 ޕަސެންޓް މީހުން ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ފުރަތަމަ ޑޯޒް ޖެހިތާ ހަތަރު ހަފްތާ ފަހުން ޕޮޒިޓިވްވީ މީހުންނެވެ
އަފްޒަލް ވިދާޅުވީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަހުން ކޮވިޑް ޖެހުނު 91 މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ 30 މީހަކަށް ކޮވިޑް ޖެހި ފަރުވާ ދެމުންދާ ކަމަށެވެ.
ކޮވިޑްގެ އެންމެ ހާލު ބޮޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތައިގެ 11 ވަނަ ފަންގިފިލާގަައި ފަރުވާ ދެމުންދާ 10 މީހުންގެ ތެރެއިން 8 މީހަކު ފުރަތަމަ ޑޯޒް ޖަހާފައިވާއިރު އެކަކު ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި ޑީއެޗް 16 ގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން ދެ މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އަފްޒަލް ވިދާޅުވީ ވެކްސިނުން 100 ޕަސެންޓް ރައްކާތެރިކަން ނުލިބޭނެ ކަމަށާ ވެކްސިނުން ލިބޭނީ 70 ޕަސެންޓް ރައްކާތެރިކަން ކަމަށެވެ. ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މަތިވަމުންދާއިރު އޭގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންގެ އަދަދު މަދުވުމަކީ ވެކްސިނުން ލިބޭ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމެއް ކަމަށްވެސް އަފްޒަލް ވިދާޅުވި އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 7،109 މީހުންނެވެ. މިހާތަނަށް 25،473 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 198 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ. ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 74 މީހެކެވެ.