ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގައި 75 ވަނަ މީހަކު މަރުވެއްޖެ

May 6, 2021

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ދޮށީ އުމުރުގެ އަންހެނަކު މަރުވެއްޖެ އެވެ.

އުމުރުން 77 އަހަރުގެ އެ މީހާ މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހުގެ ވަގުތުގަ އެވެ. މަރުވެފައި ވަނީ ގއ. ކޮލަމާފުށި މީހެކެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވި މީހުންގެ މަރުގެ އަދަދު މިހާރު މިވަނީ 75 އަކަށް އިތުރުވެފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އިގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެ، ސަރުކާރުން ގެންދަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުކަށި ކުރަމުންނެވެ.

އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަކަށް މާލޭގައި ކާފިއު ހިންގުމާއި، ސަރުކާރުގެ އޮފީސްތަކާއި ބޭންކްތަކުގެ ހިދުމަތްތައް އޮންލައިންކޮށް ދިނުމާއި، ސްކޫލުތަކުގެ ކިޔެވުން އޮންލައިން ކޮށް ކުރިއަށް ގެންދިއުމާއި، މިސްކިތްތަކުގައި ގައިދުރުކޮށްގެން ނަމާދު ކުރުން ހިމެނެ އެވެ.

ރާއްޖޭގައި އިއްޔެވެސް ކޮވިޑް 19 އަށް 734 މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މީގެތެރޭގައި މާލެ އިން ޕޮޒިޓިވް 540 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވް 186 މީހުން ހިމެނެ އެވެ.