ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކާށިދޫ

ކާށިދޫގައި އިންޑިއާ ބަޔަކަށް ކޮވިޑްޖެހި ކަންބޮޑުވުން

ކ. ކާށިދޫ އަށް ގޮސް އުޅުނު އިންޑިއާ ބަޔަކު ޕޮޒިޓިވްވެ، ރަށުގެ ރައްޔިތުން އެކަމާ ކަންބޮޑުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އެ މީހުންނަކީ ދުބާއީއަށް ދިއުމުގެ ކުރިން ރާއްޖޭގައި ކަރަންޓީންވާން އައިސް ތިބި ބައެކެވެ. އިންޑިއާ އިން ދުބާއީއަށް ދަތުރު ކުރުން މަނާ ކޮށްފައިވާތީ އިންޑިއާގެ ބައެއް މީހުން މީގެ ކުރިން ދުބާއީއަށް ދިޔައީ ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކޮށްފަ އެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅު ކުރަން ފެށުމުން ސަރުކާރުން މިހާރު ވަނީ އިންޑިއާ ރައްޔިތުންނަށް ރާއްޖެ އައިސް ގެސްޓްހައުސްތަކުގައި ނުތިބޭވެނެ ގޮތަށް އުސޫލުތައް ބަދަލު ކޮށްފަ އެވެ.

ކާށިދޫން ވާހަކަ ދެއްކި އަންހެނަކު ނަން ނުޖެހުމަށް އެދި ބުނީ އެ ރަށަށް އިންޑިއާ ބަޔަކު ގޮސްފައި ވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދުބާއީއަށް އެމީހުން ފުރުމުގެ ކުރިން ކަރަންޓީނު ވާން ކަމަށެވެ. އެ މީހުން ކާށިދޫ އަށް ގޮސް އެއްވެސް ރައްކާތެރިކަމެއް ނެތި ރަށު ތެރޭގައި އުޅެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެ މީހުން މާސްކެއް ވެސް ނާޅަ އުޅެމުން ދިޔައީ. އެހެން އުޅެނިކޮށް މީގެ ތެރެއިން މީހަކު ޕޮޒިޓިވްވީ،" ކޮންމެ ދުވަހަކު ދަނޑުވެރިކަމުގެ ގިނަ ސާމާނު ގެންނަ ރަށުން ވާހަކަ ދެއްކި އެ މީހާ ބުންޏެވެ.

އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އިންޑިއާ މީހުން ޕޮޒިޓިވްވުމުގެ ސަބަބުން ރަށް މޮނީޓަރިންއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެހެންވެއްޖެނަމަ ރަށުގެ ދަނޑުވެރިންނަށް އެންމެ ބޮޑު އާމްދަނީ އެއް ލިބޭ މި ދުވަސްވަރު ބޮޑު ގެއްލުމެއް ލިބޭނެތީވެ އޭނާ ހުރީ ކަންބޮޑުވެފަ އެވެ.

މި މައްސަލާގައި ކާށިދޫ ކައުންސިލަށް ގުޅުމުން އެރަށު ކައުންސިލުގެ ނައިބު ރައީސް ސަހުލާ ޒާހިރު ވަނީ ކަރަންޓީނުގައި ތިބި އިންޑިއާ މީހުން ޕޮޒިޓިވް ވެފައިވާ ކަން ކަށަވަރު ކޮށްދީފަ އެވެ. ސަހުލާ ވިދާޅުވީ އެ ކޭސް އާއި ގުޅިގެން އެރަށުން ރޭންޑަމް ސާމްޕަލް ތަކެއް ނަގާފައިވާ ކަމަށާއި ހުރިހާ ސާމްޕަލެއް ވެސް ނެގެޓިވް ކަމަށެވެ.

ކާށިދޫ ކައުންސިލުން އަވަސް އަށް ދިން މައުލޫމާތު ދޮގުކޮށް، ކުރިން ވެސް މައުލޫމާތު ދިން އެކަކު ބުނި ގޮތުގައި އިންޑިއާ މީހުން އެރަށުގައި ތިބި ގެސްޓްހައުސްގެ ހަތަރު މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. ކާށިދޫ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ ލިޔުންތަކަށް ބަލާއިރު ވެސް އެރަށުގައި ހިންގާ ގެސްޓްހައުސް އަކުން ހަތަރު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. އެކަމަކު އެއީ އިންޑިއާ މީހުން ކަމެއް ނުވަތަ އެމީހުންނަށް ހިދުމަތް ދިން މުވައްޒަފުން ކަމެއް ސިއްހީ މަރުކަޒުން ބުނެފައެއް ނުވެ އެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އެތައް ހާހަކަށް އަރާފަ އެވެ. އެހެންވެ ވަރަށް ގިނަ ގައުމުތަކުން އިންޑިއާއަށް ދަތުރުކުރުން ހުއްޓާލާ، އިންޑިއާ މީހުން ގައުމުތަކަށް އެތެރެވުންވެސް މަނާކޮށްފައިވެ އެވެ. ނަމަވެސް ރާއްޖެއަށް ޓޫރިސްޓް ވިސާގައި އަންނަ އިންޑިއާ މީހުންނަށް އަދިވެސް ކަރަންޓީން ވާކަށް ނުޖެހެ އެވެ. އެކަމަކު އެ މީހުން ރާއްޖެ އައިސް ތިބެވޭނީ ހަމައެކަނި ރިސޯޓްތަކުގަ އެވެ. އިންޑިއާ އިން އަންނަ ޓޫރިސްޓުން ގެސްޓް ހައުސްތަކުގައި ތިބުން މަނާކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.