ގައްދޫ

ގައްދޫ އިންތިހާބީ ރައީސް މިނިވަންކުރި މައްސަލަ ހައިކޯޓަށް

May 6, 2021
2

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ގދ. ގައްދޫ ވިންސެންޓް، މުހައްމަދު އަހްމަދު (އެމްޑީ) ޖަލުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފި އެވެ.

މުހައްމަދު އަހްމަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނިކޮށް މިދިޔަ ހޯމަ ދުވަހު އޭނާ ޖަލުން މިނިވަން ކުރީ ގައްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

ދަށު ކޯޓުގެ ނިންމުމާ ގުޅިގެން ޕީޖީ އޮފީހުން ބުނީ އެ މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލީ 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގަ އެވެ. މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފަ އެވެ. އެކަމަކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގޮސް ގައްދޫ މެޖިސްޓްރޭޓު ކޯޓުގައި އޮންނަތާ އެތައް އަހަރެއް ވަނީ ފާއިތުވެފަ އެވެ.

ސީރިއަސް ތުހުމަތުތަކެއްގައި މުހައްމަދު އަހްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.