ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މިދިޔަ ސައުވީސްގަޑިއިރުތެރޭ ރާއްޖެއިން ކޮވިޑްގައި މަރުވި ތިން ވަނަ މީހާ އެވެ.
މިއަދު އެންމެ ފަހުން މަރުވެފައިވަނީ އިންޑިއާގެ ފަތުރުވެރި އެކެވެ. އެއީ ރަސްދޫގައި ޗުއްޓީ ހޭދަކުރަމުން އައި ފަތުރުވެރި އެކެވެ. ޗުއްޓީ ހަމަވި ނަމަވެސް އޭނާއަށް ނުފުރުނީ ކޮވިޑް-19 އަށް ކުރި ޓެސްޓް ޕޮޒިޓިވްވުމުންނެވެ. މަރުވީ ގެސްޓްހައުސްގައި ކަރަންޓީންގައި ހުއްޓައެވެ.
މިއަދު ހެނދުނު ނައިފަރުންވެސް މީހަކު މަރުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވީ މެންދުރު 12:30 ގައެވެ.
މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 76 ވަނަ މީހާއެވެ. އަދި ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވި ކޮވިޑްގެ ތިންވަނަ މީހާއެވެ.
ނައިފަރަކީ ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައިވާ ރަށެކެވެ. ވަރަށް ގިނަ ބަޔަކު ޕޮޒިޓިވްވެފައިވެއެވެ.
ކޮވިޑް ޖެހިގެން ރޭވެސް މީހަކު މަރުވެފައިވެއެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އިއްޔެވެސް 700 ވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވެއެވެ. އެޑްމިޓް ކުރަން ޖެހޭ މީހުންގެ ރެކޯޑް އަދަދަކަށް އިތުުރުވެ ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ. ޑީއެޗް11 ގެ އައިސީޔޫގައި ނުވަ މީހަކު އޮތްއިރު ހަ މީހަކު ވަނީ ވެންޓިލޭޓަރަށް ލާފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީވެސް ވަނީ ފުރުމާއި ގާތުގައެވެ.