ވާހަކަ

ހީނލާގޮތުން

( 4 މެއި 2021 އާ ގުޅޭ )

"ފަވާދު..." ރިދާނަށް ބަލަން އިނދެ އަސްލަންއަށް ބުނެވުނެވެ.

"ދޮންތަ ވަރިކޮށްފަ، ކުދީން ގޮވައިގެން ހިނގައްޖެ." ރިދާން ބުންޏެވެ. އަސްލަންއަށް ހީވީ ކަންފަތް ތެރޭ ބޮމެއް ގޮވި ހެންނެވެ. ދުނިޔެ އެނބުރިގަތް ހެން ހީވެ ބޮލުގައި އޭނާއަށް ފިރުމާލެވުނެވެ. ދެން އަވަހަށް މަންމަގެ ގައިގާ ހިފަހައްޓާލި އެވެ.

"އަރީން..." ހިތާހިތާ އަސްލަންއަށް ކިޔާލެވުނެވެ. ތިކުރީ ކީއްހޭ އޭނާގެ ޟަމީރު ސުވާލު ކުރީ އަރީނާ މުހާތިބު ކުރި ފަދައިންނެވެ. ހަމައެއާއެކު އެތަނުގައި އިން ރޫމާއަކީ ނޯޔާގެ މަންމައަށްވާއިރު، އޭނާގެ ކަންފަތަށް އެފަދަ ވިޔާނުދާ ޚަބަރެއް އިވުނުތީ އަސްލަން ލަދުގަތެވެ. ޢާއިލާގެ ނަން ބަދުނާމުވެއްޖެ ކަމުގެ އިހްސާސް އަސްލަންއަށް ކުރެވުނެވެ.

"އަރީންއާ ވާހަކަ ދެއްކިންތަ؟" މަންމަ ހަމައަކަށް އެޅުމުން މަޑުމަޑުން އަސްލަން އަހާލި އެވެ. އެއާއެކު ސަބީނާ ބޯޖަހާލީ އާނއެކޭ ބުނުމަށެވެ. ބަހެއް ބުނާނޭ ހިތްވަރެއް އޭނާގެ ނެތްކަހަލަ އެވެ.

"އެއްވެސް ކުއްޖަކު ވިސްނައިގެން ނުވާނެ އަރީން އެކަހެރިކޮށް ތިކުދީންގެ ތެރެއިން ބާކީ ކުރަން، އަރީން ކުރީ ގޯސް ކަމެއް، އެކަމަކު އެ ކުއްޖާ ދެކެ ރުޅި އައިސް އެއްޗެހި ކިޔުމުގެ ބަދަލުގައި މީ ވިސްނައި ދޭންވީ ވަގުތު... ނަސޭހަތް ދޭންވީ، އިންސާނުންވީމަ ގޯސް ހެދޭނެ، ކުދި ބޮޑު ފާފަތަކަށް އަރައިގަނެވޭނެ، ތަޢުބާވުންވަނީ އެހެންވެ، ﷲ އެކުއްޖާއަށް ތެދު މަގު ދައްކަވާނެ، އިސްލާހުގެ މަގަށް ރުޖޫޢަވާން ބާރު އަޅަންވީ، އިންޝާﷲ، ޢާއިލާގެ ހިތްވަރުން އަރީނަށް ހެޔޮ ވިސްނުން ލިބިދާނެ." ރޫމާގެ އަޑުގައި ވަނީ އޯގާތެރިކަމާއި މަޑުމައިތިރިކަމެވެ.

ސަބީނާއާއި ކުދީންނަށް ވިސްނައިދީ ނަސޭހަތް ދިނުމުގައި އެގޭގައި ރޫމާ ވަރަށް ގިނައިރު އިނެވެ. އޭނާ ނުކުތުމުން ސަބީނާ ވެސް ބެލީ އާންމު ދިރިއުޅުމަށް އެނބުރި ދެވޭތޯ އެވެ. ކާއެއްޗެއް ރޯފިލުވަން އޭނާ މަސައްކަތް ފެށީ އެވެ. އަސްލަންއާއި ރިދާން ނުކުތީ ބެލްކަންޏަށެވެ. އަރީންއާ ބެހޭ ގޮތުން އަސްލަން ވާހަކަ ދެއްކި އެވެ. ހުރިހާ ކަމެއް އެނގުނީ ކިހިނެއް ކަމާމެދު އަސްލަން ސުވާލު ކުރި އެވެ. ރިދާންއަށް އެނގުނު މިންވަރު އޭނާ ކިޔާ ދިނެވެ. ރިދާނާއި އަސްލަން ވެސް ސަބީނާއާ މެދު ކަންބޮޑުވެފައި ވެއެވެ. ކުރިން ނުވާވަރަށް މަންމައާމެދު ފަރުވާތެރިވާން ސަމާލުވާން ރިދާންގެ ގާތުން އަސްލަން އެދުނެވެ. ބޮޑުކަމެއް ވެއްޖެކަން އެނގޭއިރަށް އަސްލަންއަށް އެންގުމަށް ބުންޏެވެ. ހުރިހާ ވަގުތަކު މަންމަގެ ބަޔަށް އައިސް ނޫޅެވުނަސް އެބަޔަށް އައުން ގިނަކުރާން އަސްލަން ގަސްދުކުރިއެވެ. މަންމަގެ ހާލު އެނގޭނީ އޭރުންތާއެވެ.

* * * * *

ނޯޔާގެ ހާލު ރަނގަޅުވަމުން އައިއިރު އަސްލަންގެ ފުށުން ތަފާތު ހިމޭން ކަމެއް ފާހަގަވި އެވެ. ކޮންމެވެސް ބޮޑު ފިކުރަކަށް އަސްލަން ގެއްލިފައި ހުންނަނީ އެވެ. އެކަމުގެ އަސްލު ދެނެގެންނާނޭ ގޮތެއް ނޯޔާއަކަށް ނޭނގުނެވެ. މަންމަ ރޫމާ އޭނާގެ ހާލު ބަލަން ހަވީރު އައިސް ވަދެލާ އުޅެއެވެ. ނަމަވެސް ސަބީނާގެ މޫނު ނޯޔާ އެނދުން ތެދުވެވެން ދެން ވެސް ނުފެންނަކަން ފާހަގަވި އެވެ.

"މަންމަ ވަރަށް ބަލީތަ؟" ނޯޔާގެ ހުންހުރި ތޯ ބަލާލުމަށް ހުންބަލާ އެތި ނިތްކުރިއާ އަސްލަން ދިމާކޮށްލި ހިނދު ނޯޔާ އަހާލި އެވެ.

"އަލްހަމްދުލިﷲ، އިއްޔެއިން ފެށިގެން ހުމެއް ނެތް... އެކަމަކު ނުއެއްކަމެންނު ރަނގަޅަށް." އަސްލަން ބުނެލި އެވެ. އޭނާ ހުންބަލާ އެތި ހިފައިގެން ދާން ހިނގައިގަތެވެ. އެހިނދު އޭނާގެ އަތުގައި ނޯޔާ ހިފި އެވެ.

"އަހަރެން އެހި ސުވާލަށް އެއްޗެކޭ ނުބުނީ ކީއްވެ؟ މަންމަ ބަލީތަ؟ ނޫނީ މައްސަލައެއް ޖެހުނީތަ؟ އަސްލަން އެވާހަކަ ދައްކަން ބޭނުން ނޫނީތަ؟." ނޯޔާ މާޔޫސްވި އެވެ.

"އެހެނެއްނޫން، ނޯޔާ ކިހާ ބަލިކޮށް ތިއުޅުނީ." އަސްލަން ވާހަކަ ދައްކަމުން ނޯޔާގެ ބޮލުގައި އަތްތިލަ ބާއްވާލި އެވެ.

"މިހާރު އޯކޭއެއްނު، ހުމެއް ވެސް ނެތް... މަންމަ ދެ ދަވަހަކު އަހަރެން ކައިރިއަށް އައިފަހުން ނުފެނޭ، އަހަރެން ދެކެ ހިތްހަމަނުޖެހުނީތަ؟" ބޮލުގައި ބާއްވާލި އަސްލަންގެ އަތްތިލަ ނަގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ނޯޔާ ބުންޏެވެ. ދެފަރާތަށް ބޯ ހޫރާލަމުން އަސްލަން އައިސް ނޯޔާގެ ގާތުގައި ސޯފާގައި އިށީނެވެ.

"ތި ހީވާގޮތް ގޯހެއް ނޫން، ކަމެއްވެއްޖެ، މަންމަ އަބަދު ރޮނީ... އަރީންގެ ސަބަބުން."

"ކިހިނެއްވީ؟" ނޯޔާ އިތުރަށް ހާސްވާ ގޮތްވި އެވެ.

"ނޯޔާގެ ހާލާމެދު ވިސްނާފައި އެކަކުވެސް އެވާހަކަ ނުދެއްކީ، ގޭތެރޭގައި ބޮޑުކަމެއް ހިނގައިފި، އަރީން ވަރިކޮށް ކުދީން ގޮވައިގެން ފަވާދު ހިނގައްޖެ." ނޯޔާގެ އަތާ އަތް ވަކިކޮށްލާ ދެ އަތްތިލަ ޖޯޑުކޮށްލައިގެން އިސްޖެހިފައި އިނދެ އަސްލަން ވާހަކަ ދެއްކި އެވެ.

"ސުބްޙާނަﷲ!، ހަމަތެދެއްތަ؟ ފަވާދުތަ ވަރިކުރީ؟ އޭނާ ހުންނަނީ ވަރަށް މަޑުމައިތިރިކޮށް، ރުޅިއާއި ހަރުކަށި މީހެއްގެ ސިފައެއް ނުފެނޭ، ވާހަކަ ދައްކަނީ އެހާމެ މަޑުން، ހިތްހެޔޮ ކަމާއެކު..." ނޯޔާއަށް ޤަބޫލުކުރަން އުނދަގޫވި އެވެ.

"ފަވާދު ގޯހޭ ބުނެވޭކަށް ނެތް، ވަރިކުރީ ފަވާދު އަމިއްލައަށް... އެކަމަކު ކުށްކުރީ އަހަރެންގެ ކޮއްކޮ، ވަރިކުރަން ފަވާދަށް މަޖުބޫރުވީއޭ އަހަރެންގެ ހިތް ބުނަނީ... ނޯޔާ!، ވަރަށް ދެރަ، އޭނާ ބޮޑު ފާފައަކަށް އަރައިގަނެއްޖެ، ދުނިޔެއަށް ސިއްރު ނުވާނޭވަރު ބޮޑު ކުށެއް، އަހަރެންނަށް މިހާވަރަށް އެކަމާމެދު ފިކުރުބޮޑުވާއިރު މަންމަ އަދި ކިހާ ވިސްނުމެއް ވިސްނާނެ... ބިރުގަންނަނީ މަންމައަށް ކަމެއް ވެދާނެތީ، އަރީން އިން ހާލުން، އޭނާއާ މެދު ވެސް އަހަރެން ކަންބޮޑުވޭ."

"އަރީން ކީއްކުރީ؟ ކޮބާ އޭނަ... ގެއިން ނުކުމެގެން ދިޔައީތަ؟ ފަވާދު ކައިރިން ވަރިއަށް އެދުނީތަ؟" ނޯޔާގެ ސިކުނޑިއަށް ވިސްނައިގަންނަން ދަތިވި އެވެ. އަރީން އަރައިގަތްވަރުގެ ފާފައެއްގެ ތަސައްވުރު ވެސް އެ ސިކުނޑީގައި ނުވާތީއެވެ.

"ނަހާލަލަށް އަރީން އިނީ ބަލިވެ... ނޯޔާއަށް އެނގޭތަ މިބުނި އެއްޗެއް." އަސްލަން މިފަހަރު ބަލާލި އެވެ. އަނބިމީހާއާ ހަތަރުކަޅި ބައްދަލުވި އެވެ. އަސްލަންގެ ޖޯޑުކޮށްލެވިފައި ދެއަތްތިލައިގެ މަތީ ނޯޔާ އަތްތިލަ ބާއްވާލި އެވެ. މަޑުންމަޑުން ބޯ ޖަހާލި އެވެ. އަސްލަން ދެއްކި ވާހަކަ ނޯޔާއަށް ސާފުވެއްޖެ އެވެ. އެ ބަސްތައް މާނަ ކުރަން ނޭނގޭހާ އޭނާގެ ސިކުނޑި މައުސޫމްވެފައި ޅައެއް ނޫނެވެ. ޒިނޭގެ ޢަމަލުގެ މައްޗަށް އިތުރު ފާފައެއް އަރީންގެ ބޮލުގައި އެޅިއްޖެކަން ނޯޔާއަށް ވިސްނި އެނގިއްޖެ އެވެ. ޢާއިލާގެ ޒިންމާ ނަގަން މިއަދު ހުރީ އަސްލަންއެވެ. ޢާއިލާގެ ދޮށީ ފިރިހެން ދަރިއެވެ. ފިރިމަރުވެފައިވާ މަންމައަށް އޯގާތެރިކަން ފޯރުކޮށްދީ ރައްކާތެރި ކުރަން ހުރީ އޭނާއެވެ. ހަމައެއާއެކު އަންހެން ކޮއްކޮ ލިބިގަތް މުސީބާތުން ދެއަތް ފޮޅާލެވެން އޭނާއަކަށް ނެތެވެ. އެއީ އޭނާއާ އެއް ރަހިމަކުން އުފަންވި އެއްލޭ ހިނގާ ކޮއްކޮއަށްވީމައެވެ. އަންހެން ކޮއްކޮގެ ބަލަދުވެރިޔާއަށް ވީމައެވެ.

"ޙަމްދުހުރީ ﷲ އަށް، ކޮންމެ ހާލަތެއް މެދުވެރި ކުރައްވަނީ އެކަލާނގެ، އަހަރެމެންގެ ކެތްތެރިކަން އިމްތިހާނުވެގެންދާނެ، ﷲ މޮޅަށް ދެނެވޮޑިގެންވޭ... ވަރަށް ދެރަ، ޔަގީނުން ވެސް މީ ދަތިކަން ލިބިގެންވާ ވަގުތެއް، އަސްލަން!، މީ ވަރުގަދަ އިމްތިހާނެއްގެ ވަގުތެއް، އަރީންއާއެކު އަހަރެމެން އެންމެން އިމްތިހާނު ކުރެވޭނެ." ނޯޔާގެ އަޑުގައިވީ ކަންބޮޑުވުމާއި ހާސް ކަމެވެ. އެ ހާސްކަން ރައްދުވަނީ އަރީނަށެވެ. އަޅުތަކުން އިސްލާހުގެ މަގަށް ރުޖޫޢަ ކުރެއްވުމަށް ﷲ އެ އަޅުތަކުންނަށް މުސީބާތް ޖައްސަވަ އެވެ. ތަޤުވާވެރިކަމުގެ ޒައްރެއްގެ މިންވަރުވާނަމަ ވެސް އެ ބުއްދިތަކަށް އެކަން ވިސްނި ﷲ ގެ މަގަށް އެނބުރި އަންނާނެ އެވެ. ފުރިހަމަ ތަޢުބާއަކުން ނަފްސު ތާހިރު ކުރާނެއެވެ. އެފަދަ ސާލިހު ނަފްސެއްގެ ވެރިއަކަށް އަރީން ވުމަށް ނޯޔާއަށް އެދެވުނެވެ.

ނޯޔާގެ އަތްތިލައިގަ ހިފާލުމާއެކު އެ އަތްތިލަ ގެނެސް އަސްލަންގެ ތުންފަތުގައި ޖައްސާލި އެވެ. ބޮސްދިންއިރު އޭނާއަށް ފުން އަސަރުތަކެއް ކޮށްފައިވާކަން ޔަގީނެވެ.

"ތީ ސާލިހު މަންމައަކު ތަރުބިއްޔަތުކޮށްފައިވާ ސާލިހު އަންހެން ދަރިއެއް، ﷲ ގެ އޯގާވަންތަކަމަށް އަހަރެން ޝުކުރުވެރިވަން." ނޯޔާގެ ދުލުން އިވުނު ބަސްތަކާއި ރޫމާގެ ފަރާތުން އަސްލަން އަޑުއެހި ވާހަކަތަކާއި އެއްގޮތްކަން އޭނާއަށް ފާހަގަ ކުރެވުނެވެ. ނޯޔާގެ ރިވެތި އަޚްލާޤާމެދު އޭނާއަށް ތާރީފު ކުރެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭނާގެ ހިތްވަނީ ޝުކުރުން ފުރިފައެވެ. ﷲ އަށް ޙަމްދުކުރާ ހާލުގައެވެ. އޭނާއަށް ނޯޔާ ދެއްވީ އެކަލާނގެއެވެ. އެއްވެސް މަސައްކަތަކާއި ނުލާ އޭނާގެ އަނތްބެއްގެ ގޮތުގައި އެ އަންހެންކުއްޖާ ޚިޔާރުކުރުމަށް އޭނާއަށް މެދުވެރިކުރެއްވީ ﷲ އެވެ.

އަރީން އެއްވެސް އިރަކު ނޯޔާއާ ދޭތެރޭ ހިތްހެޔޮކޮށް ނުހިތަ އެވެ. އަނގައިން ބުނެނުލާތާ ހިނިތުންވުމެއް ވެސް ނުދޭނެ އެވެ. މީ އަސްލަން ދެނަހުރި ކަންކަމެވެ. އޭނާގެ ބޮޑާ ކިބުރުވެރި ކޮއްކޮއަށް މެދުވެރި އެވީ ރަނގަޅަށޭ ބުނާ ފަދަ އަންހެނަކަށް ނޯޔާ ނުވުމުން ބަޔާންކުރަން ދަތިވި ފަދަ ހިތްހަމަޖެހުމެއް އަސްލަން ލިބުނެވެ. ނޯޔާގެ ތިލަފަތުގައި ހެޔޮކޮށް ހިތާމީހާއަށް ބަދަލުގައި ހެޔޮކޮށް ހިތާއިރު، އޭނާއާ މެދު ނަފުރަތުކުރާ މީހާއާ މެދު އެޔަށްވުރެ ހެޔޮކޮށް ހިތައެވެ. ޒަމާނުގެ ދުވެލި ބަދަލުވެފައިވާއިރު ބަދަލު ނުހިފާ މީހަކީ ފިނޑިއަކަށް ފަހު ޒަމާން ހަދައެވެ. އިންސާނިއްޔަތުކަމާއި ތަޤްވާވެރިކަން ވަޅުޖެހި ހަސަދައިގެ ދިހުން ހިތްތަކުން ފާޅުވެ ލޯތައް އަނދިރި ކުރުވައިފި އެވެ. ބުއްދީގެ ބޭނުން ކެނޑިއްޖެ އެވެ. ނަމަވެސް މިފަދަ ހަމައެއްލަމެއް ނެތެމުން އަންނަ ޒަމާނެއްގައި އަސްލަން ނާއުންމީދެއް ނުވިއެވެ. އޭނާއަށް ޓަކައި ﷲ ގެ ނޫރުފުޅުވީ އަލިގަދަ ވޮށެއް ދެއްވިއެވެ. އެއީ އިސްލާމީ ރިވެތި އަޚްލާޤުން ފޭރާން ލައިގެން ހުރި ސާލިހު އަނތްބެއްގެ ސިފައިގައިވި އަލިގަދަ ވޮށެކެވެ. އޭނާއާއި ތިން އަންހެންދަރީންގެ ދިރިއުޅުން އަލިކޮށްދީ އުޖާލާ ކުރުވައިފިކަން ޔަގީނެވެ.

"އަރީންއާ ކުރިމައްޗެއް ނުލެވުނު... ކުރިމަތިލާ ބުނާނީ ކީކޭ ކަމެއް ވެސް ނޭނގުނު." ނިތްކުރީގައި ނޯޔާގެ އަތްތިލަ ގެނެސް ޖައްސާލައިގެން އިސްޖެހިފައި އިން އަސްލަން ވާހަކަ ދެއްކި އެވެ.

"އަހަރެން ހުންނާނީ އަސްލަންއާއެކު، އަހަރެންގެ ފިރިމީހާގެ ޢާއިލާއާއެކު... ފަވާދުއާ އަސްލަން ވާހަކަ ދެއްކިންތަ؟"

"ނުކެރޭނެ، އޭނާއާ ކުރިމަތިލާކަށް ނުކެރޭނެ... ފަވާދު ދިޔައީ ހުރިހާ ކަމެއް އެނގިހުރެ، އަރީންގެ ބަނޑުގައި އެވަނީ ފަވާދުގެ ދަރިއެއް ނޫން، އަހަރެން... އަހަރެން ނަމަވެސް އެފަދަ ކަމަކަށް ކެތެއް ނުކުރެވޭނެ." އަސްލަން ގެނައި ކުއްލި ހަރަކާތުން ނޯޔާއަށް ފިރިމީހާގެ ހާލު ފަހުމްވި އެވެ. އޭނާ ފަވާދުގެ ކުރިމައްޗަށް އަރަން ލަދުގަންނަނީ އެވެ.

"އަރީންއާ ވާހަކަ ނުދައްކަންވީ ކީއްވެ؟ އަހަރެމެންގެ މިހަކީ އޭނާ... ކީއްވެ ކޮންގޮތަކުން ހިނގިކަމެއްތީ ނާހަންވީ ކީއްވެ؟ ފިރިމީހާއާމެދު ނުރުހޭނަމަ އަހަރެމެން އަންހެނުންނަށް ވެސް ވަރިއަށް އެދުމުގެ ޢިޒްނަ އޮވޭ، އިސްލާމްދީނުގައި އަންހެނުންނަށް އެތައް ހައްޤުތަކެއް ލިބިފައިވޭ، އެތައް ގޮތަކުން ރައްކާތެރިކަން ލިއްބައިދޭ، އަރީންގެ ދިރިއުޅުމަށް އެހެން މީހަކު ގެންނަން ބޭނުންވީތަ؟ ފަވާދުގެ ފުށުން ނުފެނުނަސް އެ ދިރިއުޅުމަކީ އުފާވެރި ދިރިއުޅުމެއް ނުވެދާނެ، އެކަން ވެސް އެނގޭނީ އަރީންއާ ވާހަކަދެއްކުމުން، އަސްލަންތީ އޭނާގެ ބޭބެއެއްނު..."

"އަހަންނާ ވާހަކަ ދައްކާނޭ ހެން ހީނުވަނީ... އެކަމަކު މަންމައާ ވެސް ވާހަކައެއް ނުދައްކާ، ތިފަދަ ސުވާލުތައް މަންމަ ކުރިކަމަށްވޭ، އަރީން އެއްވެސް އެއްޗެކޭ ނުބުނޭ، ފަވާދު ވަރިސާބިތު ކުރަން ކޯޓަށް ލައިފިކަން ވެސް އަންގައިފި... މާދަމާ ހެނދުނު ކޯޓަށް އަރީން ދާނެ، އަހަރެން ދާން އުޅުމުން އެއްބަހެއްނުވި... ބުނީ އެކަންޏޭ ދާނީ، އެކަމަކު އޭނާ އެކަނި ދާން ދޫކޮށްލާކަށް އެކަކުވެސް ބޭނުމެއްނޫން، މަންމަ އާދޭސްކުރި، އަދިވެސް އަރީން ގޮތް ދޫނުކުރަނީ ކީއްވެތަ؟ މިހާރު ދެން ވިސްނެންވެއްޖެއެއްނު، ދުވަހަކުވެސް އިސްލާހުވާން އޭނާ ހިތަށް ނާރާކަހަލަ." ބޯ ހާސްވެފައިވާ ވަރުން އަސްލަންއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"ތިހެން ނުބުނޭ، ކޮންމެ މީހަކީ ވެސް ތަފާތު މީހެއް... ދެރަވެ ލަދުގަނެފައި ވިޔަސް އެކަން ދައްކަން ބޭނުންނުވާ މީހުން ވެސް ތިބޭނެ، އަރީންނަކީ އަސްލަންގެ ކޮއްކޮ، މިޢާއިލާގެ އަންހެން ދަރިއެއް... އޭނާ ބުންޏަސް ދޫކޮށްލެވޭކަށް ނޯންނާނެ، އަރީންނާއެކު ކޮންމެވެސް މީހަކު ދާންވާނެކަމަށް އަހަރެންނަށް ފެންނަނީ." ނޯޔާ ބުންޏެވެ.

އޭގެ ދެމަފިރިން އަރީންނާމެދު މަޝްވަރާގައި ރޭގެ ބޮޑުބައެއް ފާއިތުވަންދެން ތިއްބެވެ. އެހެން ކަމަކާމެދު ނޯޔާގެ ވިސްނުން އެނބުރުނީ ނިދަން އަސްލަންއާއެކު ކޮޓަރިއަށް ވަދެވުމުންނެވެ. އެ ކޮޓަރިއަށް އޭނާ އަންނަން ޖެހުނީ ބަލިހާލު ބޮޑުވުމުގެ ސަބަބުންނެވެ. އެކަމަކު މިހާރު ﷲގެ އިރާދަފުޅުން އިހު ހުރި ފުރިހަމަ ސިއްހަތު އެނބުރި ލިބިއްޖެ އެވެ. ވީއިރު ދެން ކަންތައްވާނީ ކިހިނެއްބާ އެވެ. އެކަމާމެދު އަސްލަން އިޝާރާތެއް ކޮށްފައި ނުވެއެވެ. ނޯޔާ އެއްވެސް އެއްޗެއް އެ ކޮޓަރިއަށް ގެނެސްފައެއް ނުވެއެވެ. ދެމެދުގައި އޮތް ގުޅުން ގާތްކުރަން ނޯޔާ ނުހަނު ބޭނުމެވެ.

* * * * *

"އަހަރެން ހާދަ ވަރަކަށް ގުޅީމޭ، ތިގޭދޮށަށް ދާން ނުކެރިފަ ވެސް މިހުންނަނީ ފޯނު ނުނަގާތީ، އަރީން، ބަލީތަ؟" ފޯނުން އިވުނީ ޝެހެނާޒްގެ އަޑެވެ.

"މާދަން އަހަރެން ގުޅާލަންތަ؟" އަރީން ބުނެލި އެވެ.

"އަހަރެން ހިނގައިވެސް ދާނަން ތިކޮޅަށް." ޝެހެނާޒު ނިކަން އަވަހަށް ބުނެލިއެވެ.

"ޝެހޭ އަންނާނެ ކަމެއްނެތް، އަހަރެން ގުޅާނަން..." އަރީން ބުންޏެވެ.

"އަހަރެން ފުރަން އުޅޭ ޚަބަރު ވެސް ދޭން ވެގެން އެހާ ވަރަށް ގުޅީ، އަދި އެހެންވާކައެއް ވެސް އެބައޮތް... ހޮޓް ވާހަކައެއް، ދިމާވެ ކިޔާދޭން ބޭނުމީ، މިދުހަތުގެ ވާހަކައެއް، ލަންކާގައި ހުންނަ މީހެއްގެ ފަރާތުން އިވުނީ." ޝެހެނާޒު ބުންޏެވެ. އަރީންގެ ފަރާތުން ހިތްއަވަސްވުމުގެ އަސަރު ނުފެނުމުން ޝެހެނާޒު ހައިރާންވި އެވެ. މިދުހަތުގެ ވާހަކައެއްވިއްޔާ އަރީން ހުންނާނީ އަޑު އަހަން ތައްޔާރަށެވެ.

"އަރީން، އެބަހުރިންތަ؟" އަރީން އަނގައިން ނުބުނުމުން ޝެހެނާޒު އަހާލި އެވެ.

"އަހަރެން މާދަން ގުޅާނަން އިނގޭ." އަރީން ބުނެލިއެވެ.

"ފަވާ ކައިރީގަ ވިއްދާފަ ހުރީ ދޯ، ހިތަށް އެރިޔޭ މިގަޑީގަ ގުޅާއިރު ފަވާ އޮންނާނީ ކައިރިއަށް އަރައޭ." ޝެހެނާޒުގެ އަޑުގައި ސަމާސާގެ ހުނުމުގެ އަސަރު ވިއެވެ.

"ބާއްވަނީ އިނގޭ." އަރީން ބުންޏެވެ.

ފޯނުކޯލު ކަނޑާލުމާއެކު އަރީންގެ ބަޑިފަޅައިގެން ހިނގައްޖެ އެވެ. ރޮއެރޮއެ އޭނާ ވަރުބަލިވާއިރު ވެސް ހިތަށް ހަމަޖެހުމެއް ލިބޭގޮތެއް ނުވިއެވެ. ގައިމު އޭނާ ވެސް އަޑުއަހައިފައި ވެއެވެ. ރުއިމަކީ ހިތަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ވީއިރު އޭނާއަށް ހިތްހަމަޖެހުން ނުލިބެގެން އެއުޅެނީ ކީއްވެ ހެއްޔެވެ. ރޮއެރޮއެ ދެ ލޯ ފަރުވާވަރު ވެއްޖެއެވެ. ފޮއްސިވެފައިވާ ފަދަ ދުޅަކަމެއް މޫނު މައްޗަށް ވެރިވެއްޖެއެވެ. އަދިވެސް ކަރުނަ ހުސްވުމެއްނެތެވެ. ލިބޭ ތަކުލީފަށް ނިމުމެއްނުވާ ކަހަލައެވެ. ހިތާއި ސިކުނޑި ޟަމީރާ އެއްބައިވެ އޭނާ ކުށްވެރިކުރުން ހުއްޓައެއް ނުލައެވެ. އޯގާތެރި ވަފާތެރި ފިރިމީހާގެ ސޫރަ ލޯ ކުރިމަތިން އަބަދުމެ ސިފަވަނީ އެވެ. އޭނާއަށް ކެހިދިނީ ޚުދު އަރީނެވެ. ހިތާމައިގެ ފުންކަނޑަކަށް އޭނާގެ ސަބަބުން މަންމަ ވެއްޓިއްޖެކަން އެނގެއެވެ.

"މިކުއްޖާއަށް ވާނީ ކިހިނެއް؟ ދުނިޔެއަށް އުފަންވެއްޖެނަމަ... ޔަގީނުން ވެސް މީ ބައްޕަނެތް ކުއްޖަކަށްވާނެ، ފަޟީޙަތްވަނީ އަހަރެން އެކަންޏެއްނޫން، މި މައުސޫމް ފުރާނައަށް ހަމަޖެހުމެއް ލިބޭނެތަ؟... އަހަރެންނާމެދު މިދުހަތު ނުވިސްނިއިރު އޭނާގެ މިދަރިފުޅާމެދު އޭނާގެ ހިތުގައި ރަހުމެއްނުވި، އަހަރެންނަކީ ރަނގަޅު މީހެއްނޫން، އެކަމަކު ލިބެން އުޅޭ ދަރިފުޅަށް އަނިޔާވެރިވާކަށް ނުކެރޭނެ، ﷲ... އަޅާއަށް މަގުދައްކަވާންދޭވެ، ގެއްލި ހަލާކުވެގެންދާ މީހެއްކަމުގައި ނުލައްވާންދޭވެ، މިދަރިފުޅުގެ ކުށެއްނެތް... މީ އަޅާކުރި ފާފައެއް." ދެކަކޫ މައްޗަށް ތިރިވެ އަރީންގެ ބޯ ވެސް ތިރިވެއްޖެ އެވެ. ސަޖިދައިގައިވާ ހާލު އޭނާ ބާރަށް ރޮމުން ދިޔައެވެ. މީހަކާ ކުރިމަތިލާން ނުކެރިފައިވާއިރު ޢާއިލާ މީހެއްގެ މަދަދަށް އެދޭ ވަރަށްވުރެ އޭނާ ވަނި ދެރަވެ ލަދުގަނެފަ އެވެ. އޭނާއަށް ވިސްނޭގޮތުގައި އޭނާ އަމިއްލައަށް ލިބިގަތް ލަދުވެތިކަމުގެ ޒިންމާ އުފުލަންވާނީ އެކަންޏެވެ.

މާދަމާ ކޯޓުން ފަވާދުއާ ބައްދަލުވާނޭކަން އަރީނަށް އެނގެ އެވެ. މިއަދު މިދުހަތު އޭނާއާމެދު ކަންތައް ކުރި ގޮތަށްވުރެ ފަވާދު ކުޑަކުޑަ ޢަމަލަކުން އަރީނުގެ ހިތަށް ކުރާ އަސަރާއި ލިބޭ ވޭން އިތުރުވެއްޖެ އެވެ. ދެ ދަރީން ލޯމަތިން ގެއްލުމުން ޝަކުވާ ކުރާނޭ ފުރުސަތެއް ވެސް އަރީނަށް ނެތް ފަދައެވެ.

* * * * *

ފަތިސް ނަމާދުކޮށްގެން މިސްކިތުން އަސްލަން ގެއަށް އައުމާއެކު ސަބީނާއާ ބައްދަލު ކޮށްފައި އަންނާނޭ ކަމުގައި ނޯޔާ ބުނެ އެޕާޓްމެންޓުން ނުކުތެވެ. އޭނާ ސަބީނާގެ ބަޔަށް ވަނުމުގެ ކުރީން ފުރަތަމަ އައީ އަރީން އުޅޭ ފަންގިފިލާއަށެވެ. އެޕާޓްމެންޓުގެ ދޮރު ކައިރީ ހަރުކޮށްފައިވާ ބެލް އަޅާލީ ޖެހިލުންވެ ހުރެއެވެ. އަރީންގެ ހުންނަ ރުންކުރު ގޮތް ނޯޔާއަށް ރަނގަޅަށް އެނގޭތީ އެވެ. މިފަދަ ވަގުތެއްގައި ނޯޔާއާ ބައްދަލުކުރަން އޭނާގެ ނަފްސުގެ ފަޚުރު ތަނެއް ނުދޭނެއެވެ. އަރީނަކީ ގޮތް ދޫކުރަން ބޭނުންވާނޭ އަންހެނެއް ނޫންކަން އަސްލަންގެ ވާހަކަތަކުން ވެސް ނޯޔާއަށް ނަގައިގަންނަން ދައްޗެއް ނުވިއެވެ. (ނުނިމޭ)