ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް އަދަދަކަށް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައްވެސް ބަންދު ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކަށް މުވައްޒިފުން ހާޒިރުކޮށްގެން މަސައްކަތް ކުރުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އޮންލައިންކޮށް ދެވޭނެ ހިދުމަތްތައް އޮންލައިން ކުރުމާއި ކޮންމެހެން ނެރެން ޖެހިއްޖެ ހާލަތެއްގައި ނޫނީ މުވައްޒިފުން އޮފީސްތަކަށް ނެރެގެން މަަސައްކަތް ނުކުރުމަށް އަންގާފައިވެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާތީ މީގެ ކުރީންވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެ ގޮތުން ރޭގަނޑު ނުވަޔަކުން ފެށިގެން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ދަނީ ކާފިއު ހިންގަމުންނެވެ.