ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
މިއަދު މެންދުރު މަރުވެފައިވަނީ ދިވެހި އަންހެނެކެވެ.
އެޗްޕީއޭއިން ދެންމެ ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން 81 އަހަރުގެ ދިވެހި އަންހެނަކު މެންދުރު 2:46 ގައި މަރުވެފައިވާ ކަމަށެވެ.
މިއީ ރާއްޖޭގެ 82 ވަނަ ކޮވިޑް މަރެވެ. އަދި މިދިޔަ 48 ގަޑިއިރުތެރޭ ކޮވިޑްގެ 8 ވަނަ މަރެވެ. މިއަދުގެ ތިންވަނަ މަރެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ރާއްޖެއިން ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުުރުވެފައެވެ. އިއްޔެ އާއި ކުރީ ދުވަހުގެ ނަންބަރު ހުރީ 700 އިން މަތީގައެވެ. އަދި އޭގެ ކުރީ ހަ ދުވަހުވެސް ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 500 އާއި 600 އާ ދެމެދުގައެވެ.
ކޮވިޑްގެ ހަތަރުވަނަ ރާޅެއްގައި ރާއްޖެ އޮތްއިރު މިއީ ކޮވިޑްގައި ދިވެހިން ހޭދަކުރާ އެންމެ ނުރައްކާތެރި ދުވަސްތަކެވެ.