ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑް: އަށް މީހަކު އައިސީޔޫގައި، ހަތަރު މީހަކު ވެންޓިލޭޓަރުގައި

ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 8 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ބޮޑު ތަނުން އިތުރުވަމުންނެވެ. ޕޮޒިޓިވް ނަންބަރު މިއަދުވެސް 500 އިން މަތީގައި ހުރިިއިރު އޭގެ ކުރީ ތިން ދުވަހު ނަންބަރު ހުރީ 700 އިން މަތީގައެވެ.

އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ވަނީ ރެކޯޑް އަދަދަކަށް އިތުރުވެފައެވެ. އެކަމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫ ފުރި ހުޅުމާލެ މެޑިކަލް ފެސިލީޓީވެސް ފުރުމާއި ވަނީ ދާދި ގާތުގައެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި އެ ސެންޓަރުގެ ނޫސްވެރިންގެ ބައްދަލްވުންތައް މިވަގުތު ޗެއާ ކުރައްވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ ކޮވިޑް ޖެހިގެން 230 މީހަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާއިރު އޭގެ ތެރެއިން 8 މީހެއްގެ ހާލު ގޯސްވެ އައިސީޔޫއަށް ލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ހަތަރު މީހަކު ވަނީ ވެންޓިލޭޓަރުގައި ކަމަށެވެ. އެ އެންމެންނަށް ފަރުވާ ދެމުން ދަނީ ދަރުމަވަންތަ 11 ވަނަ ފަންގިފިލާގައެވެ.

މިއީ އެންމެ ގިނަ ބަޔަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ދުވަސްތަކެވެ. އަދި މިއީ ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ހަފްތާވެސް މެއެވެ. މިދިޔަ ހަތް ދުވަސްތެރޭ 3،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 8،640 މީހުންނެވެ. މިހާތަނަށް 25،991 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. ކޮވިޑް ޖެހިގެން 83 މީހަކު ވަނީ މަރުވެއެވެ.