ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސިނަ މާލެ ބްރިޖް

"ނުވައެއް ޖަހާއިރު ބްރިޖު ބަންދު ކުރާނެ"

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު ނުވަޔަކުން ފަތިހު ހަތަރަކަށް މާލެ ސަރަހައްދުގައި ކާފިއު ހިންގާއިރު ނުވައެއް ޖެހުމާއެކު ބުރިޖް ބަންދު ކުރާނެ ކަމަށާ އޭގެ ކުރީން ދަތުރުތައް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސް ކޮށްފި އެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކާފިއު ދަނީ ހިންގަމުންނެވެ.

މިރޭ އެޗްއީއޯސީއީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ ކާފިއު ވަގުތު ފެށުމާއެކު ބްރިޖް ބަންދު ކުރާނެ ކަމަށެވެ. އަދި މަގުތަކަށް ނިކުމެ އުޅުމާއި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އެ އަމުރު ތަންފީޒު ކުރުމަށް ފުލުހުން މަގުމަތީ ހަރަކާތްތެރިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކާފިއު ވަގުތު ފެށުނު ނަމަވެސް މަގުތައް ހިމޭންވަނީ އޭގެ އެތައް އިރެއް ފަހުން ކަމަށާ އެގޮތަށް އަމަލު ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ނުވައެއް ޖެހުމާއެކު ފުލުހުން ބްރިޖް ބަންދު ކުރުމުން ބްރިޖުން ދަތުރު ކުރުމުގެ ހުއްދަ ދޭނީ ހުއްދަ އޮތް މީހުންނަށް އެކަނި ކަމަށެވެ.

ކާފިއުގެ އިތުުރުން މާލެ ސަރަހައްދުގެ ސުކޫލުތަކާއި ކޮލެޖް، ޔުނިވާސިޓީ އަދި ގުރުއާން ކްލާސްތަކާއި ޓިއުޝަން ސެންޓަރުތައް ބަންދު ކުރަން ވަނީ އަންގާފައެވެ. ޖިމްތަމާއި ކުޅިވަރު ކުޅޭ ތަންތަން އަދި ކަސްރަތު ކުރާ ތަންތަންވެސް ވަނީ ބަންދުކޮށްފައެވެ. މީގެ އިތުރުން ޕާކުތަކާއި މައިދާންތައްވެސް ވަނީ ބަންދުކޮށްފައެވެ.

މީގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް ކޮވިޑްގެ ހާލަތު ގޯސް ނުވަ ރަށެއްގައި ކާފިއުވެސް ދަނީ ހިންގަމުންނެވެ.