ފިޔަވަތި

ފިޔަވަތީގެ ކުދިންނަށް ސަނީފާއި ހުސައިންގެ އެހީ

May 9, 2021

ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސް ފިޔަވަތީގައި ތިބި ކުދިންނަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރެއްގެ ފަރާތްޕުޅުން އީދު ހެދުން ހަދިޔާ ކޮށްފި އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު މިގޮތަށް ފިޔަވަތީގެ ކުދިންނަށް އެހީވި ފުރަތަމަ ފަހަރެވެ.

ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ކުދިންނަށް އީދު ހެދުން ހަދިޔާ ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފާއި ރާއްޖޭގެ ދެކުނުން، ފުވައްމުލަކު ސިޓީގެ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ (ހުސައިން) އެވެ.

އެ ދެ މެންބަރުންގެ ފަރާތްޕުޅުން ފިޔަވަތީގެ ކުދިންނަށް އީދު ހެދުން ހަދިޔާ ކުރެއްވީ މިދިއަ ހޮނިހިރު ދުވަހު ފިޔަވަތީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގެ ތެރޭގަ އެވެ. އީދު ހަދިޔާއާ ހަވާލުވެ ވަޑައިގެންނެވީ ފިޔަވަތީގެ ސީއީއޯ ޒީނާ ގާސިމެވެ.

ދެ ޖިންސުން ފިޔަވަތީގައި 107 ކުދިން ތިބެ އެވެ، އެއިން ކޮންމެ ކުއްޖަކަށް އީދު ހެދުމާއި ބޫޓު ހަދިޔާ ކޮށްދެއްވުމަށް ފަހު މެންބަރު ހުސައިން އާއި މެންބަރު ވަނީ ފިޔަވަތީގައި ކުދިންނަށް ހިދުމަތް ދޭ ތަންތަނާއި ކުދިންގެ ކިޔެވުމާއި ޕްލޭ އޭރިޔާ އާއި އެހެނިހެން ވަސީލަތްތައް ބައްލަވަލައްވާ މިވަގުތު ފިޔަވައްޗަށް އޮތް ދަތިތަކާބެހޭ ގޮތުން މައުލޫމާތު ހޯއްދަވާފަ އެވެ.

ކުޑަ އެ ރަސްމިއްޔާތަށް ފަހު ސަނީފު ވިދާޅުވީ އޭނާ އާއި މެންބަރު ހުސައިން ގުޅިގެން ފިޔަވަތީގެ ކުދިންނަށް އީދު ހެދުން ހަދިޔާ ކުރަން ނިންމީ އެ ކުދިންނަކީ ވެސް އެހެން ކުދިން ފަދައިން އީދުގެ ފުރިހަމަ އުފާވެރިކަން ބޭނުންވާ، އަދި އެހީތެރި ކަމަށް ބޭނުންވާ ކުދިންނަށްވާތީ އެހީތެރިކަން ފޯރުކޮށް ދޭން އިސް ނެގުމުގެ ގޮތުން ކަމަށެވެ.

މެންބަރު ހުސައިން ވިދާޅުވީ އީދެއް އަންނަ އިރު އެހެން ކުދިން ފަދައިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި އެހީއަށް ބޭނުންވާ ކުދިން ވެސް އީދު ފާހަގަ ކުރަން ބޭނުންވާނެތީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެހީއެއް ވެދެއްވީ ކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ބަލަހައްޓާ ކުދިން ހުޅުމާލޭ ފިޔަވަތީގެ އިތުރުން ވިލިމާލޭ ކުޑަކުދިންގެ ހިޔާ އާއި ރަށްރަށުގައި ހަދާފައިވާ އަމާންވެށިތަކުގައި ވެސް ތިބެ އެވެ.