ވާހަކަ

ހީނލާގޮތުން

(6 މެއި 2021 އާ ގުޅޭ)

ދޮރު ކައިރީ ހަރުކޮށްފައިވާ ބެލް އަޅާލީ ޖެހިލުންވެ ހުރެއެވެ. އަރީންގެ ހުންނަ ރުންކުރު ގޮތް ނޯޔާއަށް ރަނގަޅަށް އެނގޭތީ އެވެ. މިފަދަ ވަގުތެއްގައި ނޯޔާއާ ބައްދަލު ކުރަން އޭނާގެ ނަފްސުގެ ފަޚުރު ތަނެއް ނުދޭނެއެވެ. އަރީނަކީ ގޮތް ދޫކުރަން ބޭނުންވާނޭ އަންހެނެއްނޫންކަން އަސްލަންގެ ވާހަކަތަކުން ވެސް ނޯޔާއަށް ނަގައިގަންނަން ދައްޗެއް ނުވިއެވެ. ދެވަނަ ފަހަރަށް ރަނގަބީލު އަޅާލަން ނޯޔާއަކަށް ނުކެރުނެވެ. އެހާ ފަތިހާ އަރީން ނިދާފައި އޮތުމަކީ ވެސް ވެދާނޭ ކަމެއްކަން ހިތަށް އެރިއެވެ. ހަމައެއާއެކު އެ ހިތުގެ ނިންމުމާމެދު ޟަމީރު ސުވާލު ކުރިއެވެ. އަރީނަށް މެދުވެރިވެފައި ވާ ހާލަތު އޭނާ ނިދާ އަރާމު ކުރަން ފުރުސަތު ދީފާނޭ ހެއްޔެވެ. ހާސް ކަމާއި ހިތްދަތިކަމުގައި ލޮލުފިޔަ ޖަހާނުލައި އޭނާ އިނުމަކީ ވެސް ވެދާނޭ ގޮތެކެވެ. މަޑުމަޑުން އަތް ހިއްލާލާއި ރަނގަބީލުގެ ސުވިޗުގައި ޖެހޭ ނުޖެހޭ ހިސާބު ކައިރިކޮށްލަމުން ނޯޔާ މަޑުކޮށްލި އެވެ. އަދިވެސް އޭނާ ވިސްނަނީ އެވެ. ދޮރުހުޅުވީ އެވަގުތެވެ.

ކުޑަކޮށް ހުޅުވާލައި ދޮރުފަތުގައި ހިފަހައްޓާލައިގެން އަރީން ހުއްޓެވެ. ނޯޔާ ފެނުމުން ހައިރާންކަން ލިބުނެވެ. ނަމަވެސް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ އެ އަސަރުތައް ފިލުވާލި އެވެ. ދެބުމަ ކައިރިވެލައި ނިތަށް ރޫގިނަވެލިއިރު އެ މޫނުގައިވީ ފޫހި ކަމެވެ. ދަނޑިވަޅުބަލައި ނޯޔާ އެއައީ އޭނާއާ ދިމާ ކުރާށޭ އަރީންގެ ހިތަށް އެރިއެވެ.

"އަރީންގެ ހާލު ބަލާލަން އައީ..." ޖެހިލުންވެފައި ހުރެ ވެސް ނޯޔާ ވާހަކަ ދެއްކި އެވެ.

އެތެރެއަށް ވަންނަން އަރީން ދަޢުވަތު ދޭތޯ ނޯޔާ މަޑުކުރި އެވެ. ނަމަވެސް އަރީން އަނގަޔަކުން ނުބުންޏެވެ. ނޯޔާއާ ދިމާއަށް ބަލަން ހުރީއެވެ. ނޯޔާ ހިނިތުންވުމެއް ބަދަލު ކޮށްލި އެވެ. ސައިބޯން އަންނަން އޭނާ ދަޢުވަތު ދިނެވެ. އަރީންގެ މޫނުގައިވި ފޫހިކަން އޭގެ އިންތިހާ ޚިޔާރު ކުރި ފަދައެވެ. އޭނާ އެތެރެއަށް ޖެހިލުމާއެކު ދޮރުލެއްޕީ އެވެ. އެ ދޮރު ހުޅުވާތޯ އިރުކޮޅަކު ނޯޔާ މަޑުކޮށްލި އެވެ. ނުހުޅުވާނޭކަން ޔަގީން ކުރެވުމުން ނޯޔާ އެނބުރި އައިސް ލިފްޓަށް އެރި އެވެ. އަސްލަން ގާތު ބުނެފައި އައިހެން ސަބީނާގެ ބަޔަށް އޭނާ ވަނުމަށް ގަސްދުކުރިއެވެ.

"ނޯޔާ..." ދޮރުހުޅުވި ރިދާނަށް ލިބުނީ ހައިރާން ކަމެވެ. ނޯޔާ ވަނުމަށް ތަންދައްކަމުން އޭނާގެ ހާލު ރިދާން އޮޅުންފިލުވި އެވެ.

"އަލްހަމްދުލިﷲ، މިހާރު ރަނގަޅު... ކޮބާ މަންމަ؟" ނޯޔާގެ ނަޒަރު ހޯދާލީ ގޭތެރެއެވެ.

"ކޮޓަރީގަ... ހިޔެއް ނުވޭ ނުކުންނާނެހެން." ރިދާންގެ އަޑުގައިވީ މާޔޫސް ކަމެވެ.

ނޯޔާ އައިސް ސަބީނާގެ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ. ދޮރުފަތާއި މޫނު ކައިރިކޮށްލާ ސަބީނާއަށް ގޮވާލި އެވެ. ނޯޔާކަން އައިސް ހުރީ ބުނެލިއެވެ. ވަދެލަންތޯ އަހާލާފައި ނޯޔާ މަޑުކޮށްލި އެވެ. ދެން ތަޅުގައި ހިފައި އަނބުރާލުމާއެކު ދޮރު ހުޅުވާލީ ލަސްލަހުންނެވެ. މުސައްލަ މަތީ ސަބީނާ އިންތަން ފެނުނެވެ. ނޯޔާ އެތެރެއަށް ވަދެގެން އައިސް ސަބީނާގެ އެއްފަރާތުން ކައިރީގައި އިށީނެވެ. ސަބީނާގެ ކޮނޑުގައި ހިފަހައްޓާލި އެވެ. ދެން މަޑުމަޑުން އެ މަންމަގެ ބުރަކަށީގައި ފިރުމާލިއެވެ.

"މަންމާ!... ހުރިހާ ކުދީން ތިބީ މަންމަގެ ހާލާމެދު ކަންބޮޑުވެފައި، އަބަދު ރޮއެ ހިތާމަކުރާނަމަ މަންމަ ބަލިވެދާނެ، ﷲ އަށް ވަކީލު ކުރުން ނޫން ގޮތެއް އަހަރެމެންނަކަށް ނެތް." ނޯޔާ ގޮވާލައި ވާހަކަ ދައްކަން ފެށީ ސަބީނާ ރޮނީކަން އެނގިގެންނެވެ. އަސްލަން ކަންބޮޑުވެފައި ހުރީ ކީއްވެކަން މިހާރު ނޯޔާއަށް ވެސް ފަހުމްވެއްޖެ އެވެ. ސަބީނާއަށް އެވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފަ އެވެ.

"ﷲގެ ރުހުން ނުލިބިދާނޭތީ މަންމަ ބިރުގަންނަނީ، މަންމަ އެދޭނެތަ؟... ނަރަކައިގެ އަލިފާނުގައި މަންމަގެ އެއްވެސް ދަރިއަކު ވާން، މަންމަގެ ހިތަށް ކެތްވާނެތަ؟... ދަރިފުޅު ކަހަލަ އުޅުންހުރި، ދީނަށް ލޯބިކުރާ ކުއްޖަކަށް އަރީންވާނެނަމައޭ ހިތުގަ އޮތީ، އެކަމަކު މިއަދު ކުރިމަތިލާން މިޖެހުނީ ކޮންފަދަ ވިޔާނުދާ ލަދަކާ... އަހަރެން މީ އޭނާ ބަނޑުއަޅައި ވިހޭ މައިމީހާ، އެއްވެސް ކަމެއް އުނި ނުވާނޭހެން ބަލާ ބޮޑުކުރި މީހާ، ހެވާއި ނުބައި ބުނެދިން މައިމީހާ، އެއްވެސް ކުއްޖަކަށް ނުކެރޭނެ ބުނާކަށް، އަހަރެންނަކީ ވިޔާނުދާ މަންމައެކޭ، ފިރިއަކާ ނުލާ މިހާ ދުވަހު އެކަނިމާއެކަނި މިއުޅުނީ، ނަމާދަށް އަރަމުން އެމީހުންނަށް ވެސް ނަމާދު ކުރަން ހަނދާން ކޮށްދޭން، ޤުރުއާން ކިޔަވަން ދަސްކޮށް ދިނިން، ރަނގަޅު ސްކޫލުތަކުން ކިޔަވައިދީ، އެކުއްޖަކު ކުރިއަށްދާން ބޭނުންވީ ކަމަކުން ކުރިޔަށްދާން ފުރުސަދު ދިނިން..." ކަރުނުން ތެމިފައިވި ސަބީނާގެ ކޯތާފަތް ނޯޔާ ދެއަތުން ފުހެލިދިނެވެ.

"ދަރީންނަށް ޓަކައި މަންމަ ވީ ގުރުބާނީގެ އަގު ދުވަހު ވެސް އަދާ ނުކުރެވޭނެ، އަޅުތަކުން ސިއްރާއި ފާޅުގައްޔާއި، ކުރާ ހުރިހާ ޢަމަލެއް ﷲ ބައްލަވާ ވޮޑިގެން، މަންމަ ކިޔާ ނުދިނަސް، މަންމަގެ ދަރީންނަށް ޓަކައި އުފުލި ބުރައާއި އެކުދީން ރަނގަޅު ދަރީންނަށް ހެދުމަށް ޓަކައި ކުރި މަސައްކަތް ﷲ މޮޅަށް ދެނެވޮޑިގެންވޭ، ދެން ހުއްޓާލާ... އަވަހަށް ތެދުވޭ މަންމާ، މިއަދު އެންމެން ސައިބޯނީ އެކުގައި." ސަބީނާ އެކަނިވާން ދޫކޮށްލުމަށް ނޯޔާގެ ހިތެއް އެއްބަހެއްނުވިއެވެ.

ނޯޔާގެ މޫނުގައި ސަބީނާއަށް ފިރުމާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ހިތުގައި ބަޔާންކުރަން ދަތި ޝޫޢޫރެއްގެ ބާނި ދަތުރުކޮށްލިއެވެ. ރޫމާ ފަދަ މަންމައަކަށް އޭނާ ނުވިއޭ ހިތަށް އެރީއެވެ. ރޫމާގެ ދެ އަންހެން ދަރީން ތިބިއިރު އޭނާ އެކުދީން ތަރުބިއްޔަތުކޮށްފައިވާލެއް ފުރިހަމަކަން ސަބީނާ ދުށްޓެވެ. އޭނާ ކިތަންމެ ފަހަރަކު އެކުދީންނަށް ތާރީފުކުރި އެވެ. އޭނާއަށް އެފަދަ ނަސީބެއް ދެއްވާތޯ ދުޢާ ކުރެވުނެވެ.

"އެ ނަސީބު ނުލިބޭތަ؟ މިއަދު ގާތުގައި ހުރި އަންހެން ދަރިފުޅުގެ އޯގާތެރިކަން ނުފެނޭތަ؟ އެއީ ރޫމާގެ ލޮލުގެ ފިނިކަން... މިއަދު އޭނާ މަންމާއޭ ކިޔާ ޚިދުމަތުގައި އެއުޅެނީ ރޫމާގެ ގާތަކުނޫން، ﷲ ވަނީ ރޫމާގެ ލޮލުގެ ފިނިކަން އަހަރެންނަށް ދެއްވާފައި، ކުރި ދުޢާ އިޖާބަ ކުރެއްވި، މިހާރު އެއީ އަހަރެންގެ ވެސް އަންހެން ދަރިއެއް."

އަމިއްލަ އެދުން ބޮޑުވެ، ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާން ހަނދާންނެތުމުގެ ކުރީން ސަބީނާގެ ޟަމީރު އޭނާގެ ހިތަށް ސާބިތުކަން ދިނެވެ. ބުއްދި އިސްކުރި އެވެ. އަނެކާއަށް ލިބިފައިވާ ނިޢުމަތްތަކާމެދު އެ ހިތުގައި ހަސަދައިގެ ޒައްރެއްގެ މިންވަރު ވެސް އޮތުމަކީ އޭނާ އެދޭކަމެއް ނޫނެވެ. ޚާއްޞަކޮށް ރޫމާގެ އުފާވެރިކަން މިއަދު އޭނާއަށް ﷲ މިންވަރު ކުރެއްވި ފަދަ ގޮތަކަށް ނެތިގެން ދިއުމަށް ދުވަހަކުވެސް ނޭދޭނެއެވެ. ވަގުތުން ﷲގެ ހަޟްރަތުން ފާފަ ފުއްސެވުމަށް ސަބީނާ އެދެންފެށިއެވެ. ޒިކުރުތަކުން އެ ދޫ ހަރަކާތްތެރި ކުރުވިއެވެ.

* * * * *

އޮފީހުގައި ހުރެފައި އަސްލަން ނުކުތީ ރިދާން ގުޅީމަ އެވެ. ކޯޓަށް ދާން އަރީން ގެއިން ނުކުމެ ޓެކްސީއަށް އަރައިފިކަމުގެ ޚަބަރު ރިދާން ދިނެވެ. ޢާއިލާއާ ބެހޭ ކޯޓުގެ ކައިރިއަށް އަސްލަން ސައިކަލުގައި އައީ ބާރަށް ދުއްވާފަ އެވެ. އެ އިމާރާތަށް ވަދެނުކުމެވާ މީހުން ފެންނާނެ ގޮތަށް ދުރުގައި އޭނާ ސައިކަލު ޕާކުކުރި އެވެ. އަރީން ފެނޭތޯ ސަމާލުވެ އިންދާ މަޑުކުރި ޓެކްސީއަކުން އޭނާ ފޭބިތަން އަސްލަންއަށް ފެނިއްޖެ އެވެ. ސައިކަލު މަތިން ފައިބަން އުޅެފައި ވެސް އޭނާ ގަސްދުކުރީ ދުރުގައި މަޑުކުރާށެވެ. އަރީން އެނބުރި ގެއާ ހަމައަށް ދަންދެން ހާލު ބަލާނީ ދުރުން ކަމުގައި އަސްލަން ނިންމި އެވެ.

ކޯޓުގެ ތެރޭގައި ހިނގި އެއްވެސް ކަމެއް އަސްލަން ނުދެނަ ހުއްޓެވެ. އަރީން ނުކުތީ ގަޑިއެއްހާއިރު ފަހުންނެވެ. އޭނާ ނުކުމެ ފާރުކައިރީ މަޑުކޮށްލައިގެން ހުރީއެވެ. ދޭތެރެއަކުން މީހުން ނުކުމެ ހަދާ ދޮރާ ދިމާއަށް އަރީން ބަލާލަ އެވެ. އަސްލަންއަށް ފާހަގަ ކުރެވުނީ އަރީން ހުރިލެއް ސާދާ ކަމެވެ. މިނޫނީ އެފަދަ އާދައިގެ ގޮތެއް ކޮއްކޮގެ ފުށުން ފެނިފައެއް ނުވެއެވެ. ކަޅުކުލައިގެ އަތްދިގު ގަޔަށް ދޫ ދިގު ހެދުމުގެ އުނަގަނޑާ ހަމައިން ދެ އަރިމަތި ފަޅާލާފައި ވެއެވެ. ލާފައި ހުރި ޖިންސު ފެންނަނީ އަރީން ފިޔަވަޅެއް އަޅާލުމާއެކު ހެދުމުގެ އަރިމަތިން ފޭވުމުންނެވެ. އަވިއައިނު އަޅައިގެން ހުރީ މޫނުގެ ބޮޑުބައެއް ފޮރުވަން ބޭނުންވެފައި ހުރި ފަދައިންކަން ކަހަލައެވެ. އަރީންގެ ހަރަކާތްތަކަށް ގެއްލިފައި އަސްލަން އިންދާ ފަވާދު ނުކުތްތަން ފެނުނެވެ.

މަގު ހުރަސްކޮށްލުމަށް އެއްފަރާތަކަށް ޖެހިލި ފަވާދުގެ ލޮލުގައި އަރީން އަޅައިގަތެވެ. އަރީން ހުރީ ސީދާ ފަވާދަށް ބަލަހައްޓައިގެންނެވެ.

"އެކަނިތަ އައީ؟" ވާހަކަ ނުދައްކަން ހުރެފައި ވެސް އަރީންއާއެކު ގާތް މީހަކު ނެތުމުން ސުވާލު ކޮށްލި އެވެ.

"ކުދީން ކިހިނެއް؟" އަރީނަށް ވާހަކަދައްކަން އުނދަގޫވި އެވެ.

"ރަނގަޅު." ފަވާދު ނަޒަރު ވަކިކޮށްލުމާއެކު ބުނެލިއެވެ.

އިތުރު ވާހަކައެއް އަރީނަށް ނުދެއްކުނެވެ. އަވިއައިނުގެ ދަށުން ކޯތާފަތުން ކަރުނައިގެ ރޮނގު ތިރިއަށް ދެމިގަތެވެ. އަވަސް އަވަހަށް ކޯތާފަތް ފުހެލަމުން އަރީން އެނބުރިލީ ފަވާދަށް ފުރަގަސް ދެމުންނެވެ. ފުން ނޭވާއެއް ލާފައި އޭނާ އަލުން ފަވާދާ ކުރިމަތިލާން އެނބުރިލި އެވެ. ނަމަވެސް އޭރު މަގު ހުރަސްކޮށް ފަވާދު ދަނީ އެވެ. އަނގަމަތީ ކަނާއަތްތިލަ އަރީނަށް އަޅާލެވުނީ ގިސްލެވެން އުޅުމުންނެވެ. ފަރުވާތެރި ކަމާއެކު ފަވާދުގެ މޫނަށް ބަލާލާނެ ފުރުސަތު ވެސް އޭނާ ނުދިނީމަ އެވެ. ދެން ދުވަހަކު ވެސް އެ ދެ މީހުން ބައްދަލު ނުވާނޭ ހީވުމުންނެވެ.

"އަރާ..." ސައިކަލުގައި އަސްލަން އައިސް މަޑުކޮށްލީ އަރީންގެ ކުރިމައްޗަށެވެ. ދެފަރާތަށް އަރީން ބޯހޫރުވާލި އެވެ. ވާހަކަދައްކަން އުޅެފިނަމަ އޭނާއަށް މާބޮޑަށް ރޮވޭނެކަން އެނގޭތީ އެވެ.

"އަރީން... އަރާ ސައިކަލަށް." ހަރުކަށި އަޑަކުން އަސްލަން ބުނެލި އެވެ. ބޭބެގެ އެ އަމުރަށް ނުކިޔަމަންތެރިކަން ދައްކާނޭ ބާރެއް އަރީންގެ ނެތެވެ. އަސްލަންގެ ފަހަތަށް ސައިކަލަށް އޭނާ އެރި އެވެ.

ގޭދޮށަށް އާދެވުނުއިރު ދޮރޯށި ކައިރިއަށް ރިދާން ނުކުމެ ހުއްޓެވެ. ސައިކަލު މަތީ އިނދެފައި އަސްލަން ބޯޖަހާލުމުން ރިދާން ވެސް ޖަވާބު ދިނީ ހަމަ އެފަދައިންނެވެ. އެދެމެދުގައި މާކުރިން ކަމަކަށް އެއްބަސްވެވިފައިވާ ކަހަލައެވެ. އަރީންއާއެކު ރިދާން ގޭތެރެއަށް ވަނުމުން އަސްލަން އެނބުރި އޮފީހަށް ދާން މިސްރާބު ޖެހިއެވެ.

"ދޮންތާ..." އަރީންގެ ކޮނޑުގައި ހިފައި ގާތްކޮށްލަމުން ރިދާން ގޮވާލި އެވެ. ދެ ޒުވާނުން ތިބީ ލިފްޓުގެ ތެރޭގައެވެ. އަރީނަށް އެއްވެސް އިޚްތިޔާރަކާއި ނުލާ ރިދާންގެ ގައިގާ ލައްވެލި އެވެ. އޭނާ ކުރަމުން އައި ހިތްވަރު ނެތުނު ކަހަލަ އެވެ. ދެތުންފަތް ފޫ އަޅުވާލައި ރުއިމުގެ އަޑު ބޭރުވިއެވެ. މަޑުމަޑުން އަވިއައިނު ނެގުމާއެކު ވައަތްތިލަ ލޯމަތީ އަޅާލި އެވެ.

"ކޯޓުގައި ކިހިނެއްވީ؟" ރިދާނަށް އަހާލެވުނެވެ.

އަނގައިން ބުނުމެއްނެތި ލިފްޓު ހުޅުވުމުން އަރީން ކުރިއަށް ހިނގައިގަތެވެ. ރިދާނަށްވުރެ ކުރީން އޭނާ އައިސް އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕައިފި އެވެ. ދޮރުކައިރީ މަޑުކޮށްލުމާއެކު އަރީނަށް ދެތިން ފަހަރު ރިދާނު ގޮވާލި އެވެ. އޭނާ އެނބުރި ދިޔައީ އަސްލަންއަށް ގުޅާ އަރީން ކަންތައް ކުރި ގޮތުގެ ޚަބަރު ދީފައެވެ.

ދެފައި ކުރުކޮށްލައިގެން ސޯފާގައި އަރީން އިނެވެ. ކޯޓުގައި ކަންތައް ހިނގައިދިޔަ ގޮތް އަރީންގެ ސިކުނޑީގައި ވިއެވެ. ގާޒީގެ ކުރިމަތީ ވާހަކަދެއްކިއިރު އެއްވެސް އަސަރެއް ފަވާދުގެ މޫނުން ފާޅުނުވީތީ އަރީން ހައިރާންވިއެވެ. ދެރަނުވިޔަސް ޔަގީނުން ރުޅި އަންނާނޭ އަރީނު ހުރީ ހީކޮށްގެންނެވެ. އޭނާ އެތަނުގައި ތިބި އެންމެންގެ ކުރިމަތީ އަރީން ބަލިވެއިނީ އޭނާގެ ދަރިއަކަށްނޫންކަން ބުނެ ހުވާ ކުރި އެވެ. ކައިވެނީގެ އަސްލު އެހިސާބުން ރަނގަޅު ނުވާނޭތީވެ ގާޒީ އެ ދެމީހުން ވަރި ކޮށްދިނެވެ. ނަމަވެސް އެހިސާބުން ނިމޭކަށް ނެތެވެ. ފުލުހުންނަށް އެންގޭނެކަމާއި އެކަން ބެލޭނެކަން އަރީނަށް އެންގުނެވެ. އަރީން އިނީ ބަލިވެކަމާއި ބަނޑުގައި އޮތީ ފަވާދުގެ ދަރިއެއް ނޫން ކަމަށް އެއްބަސްވާއިރު އޭނާގެ މައްޗަށް ޒިނޭގެ ހުކުމް އަންނާނޭކަން ޔަގީނެވެ. އަދި ވިހާ ގަދަވުމާއެކު އޭނާގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރެވޭނެއެވެ. މިހުރިހާ ކަމަކަށް އޭނާއަށް ކެތްކުރެވިދާނެބާ އެވެ. ދެމަފިރިންގެ ތެރެއިން ގޯސް ހެދީ މަންމަކަން ދަރީންނަށް އެނގުމުން ދެންވާނީ ކިހިނެއްބާއެވެ. އަރީނަށް މޫނުގައި ދެއަތް އަޅައި ނޫނޭކޭ ބުނެވުނީ ބާރު ހަޅޭކަކާއެކު އެވެ. މިހާ ދަށު ދަރަޖައަކަށް އޭނާ ދުވަހަކުވެސް ނުވެއްޓެއެވެ. އޭނާ މީހުންގެ ތެރޭގައިވީ ފަޚުރުވެރި ކަމާއެކު އެވެ. އޭނާއަކީ ރީތި އަންހެނެކެވެ. ދެ ދަރީން ލިބުނުއިރު ވެސް އެ ރީތިކަމަށް ބަދަލެއް ނާދެއެވެ. އޭނާ އުފާ ކޮށްދިނުމާއި ބޭނުންވި ކޮންމެ އެއްޗެއް ހޯދާ ދިނުމުގައި ފަވާދު ދުވަހަކު ވެސް ޝަކުވާއެއް ނުކުރެއެވެ. ނުވާނެއެކޭ ނުބުނެއެވެ. ޚަރަދު ބޮޑުވެގެން ނޫޅެއެވެ. އެދުނު ހުރިހާކަމެއް ފުރިހަމަކޮށްދިނެވެ. ދިރިއުޅުން އެއަށްވުރެ ފުރިހަމަވާނެ ހެއްޔެވެ.

"މިދުހަތާ ދިމާނުވިނަމަ، ކީއްވެތަ މިހެންވީ؟ އަހަރެންނަށް މިހެންވީ ކީއްވެ؟ ބަނޑުބޮޑު ނުވިނަމަ... އޭރުން ވެސް ފަވާދުގެ ގާތުން މަޢާފަށް އެދެވޭނެ، އޭނާ އަހަންނަށް މަޢާފު ކުރީސް، ވަރިނުވެ ތިބެވުނީސް، އަހަރެން އެކަންޏެއް ނުވާނެ... އަހަރެން ދެން ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާނަންކަން ފަވާދު ކައިރީ ހުވާ ކުރެވޭނެ، އިތުބާރު ގެއްލުނަސް، އެ އިތުބާރު ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނޭ ފުރުސަތު ލިބުނީސް..." އަރީން ބާރަށް ރޮމުން ވާހަކަ ދެއްކި އެވެ.

* * * * *

އެއް ހަފްތާ ފަހެވެ. އަރީނާމެދު ކަންތައް ކުރާނޭ ގޮތެއް ޢާއިލާގެ އެކަކަށް ވެސް ނޭނގުނެވެ. ހުރަހަކަށްވަނީ އަރީންގެ ހިމޭން ކަމެވެ. އޭނާ ހިތާމަކޮށް ދެރަވެގެން އުޅޭކަން އެނގުނަސް ޢާއިލާގެ މީހަކާ ޚިއްސާއެއް ނުކުރި އެވެ. ސަބީނާ ކޮންމެ އިރަކު އަރީންގެ ބަޔަށް ކާއެއްޗެހި ހިފައިގެން އާދެއެވެ. ކައިރީގަ އިނދެ ރޮއެ އާދޭސްކޮށް ﷲ އަށް ޓަކައި ބުނެ ކިޔައިގެން ކިރިޔާ ހައިހޫނުކަން ފިލާނޭ ވަރަށް ނޫނީ އަރީން ނުކައެވެ.

ނޯޔާގެ ދިރިއުޅުން ބަދަލުވާން އެދެވުނަސް ގޭތެރޭގެ ހާލަތު އެކަމަށް ފުރުސަތެއް ނުދިނެވެ. އަސްލަން އަބަދުމެ ހުންނަނީ ފިކުރު ބޮޑުވެފަ އެވެ. އަމިއްލަ ދިރިއުޅުމުގެ ވާހަކަ އޭނާ ނުދައްކަން ހުންނަ ކަހަލައެވެ. ނޯޔާއަށް ވެސް އެއްޗެކޭ ބުނަން ނުކެރިފައި ހުރީ އެހެން ވެއެވެ. އެކަމަކު އެގޮތުގައި ހުރުމަށްވުރެ ކަންކަން ބަދަލުވާނީ ކޮންމެވެސް ކަހަލަ ފިޔަވަޅެއް އަޅައިގެންކަން ނޯޔާއަށް ވިސްނެއެވެ. އޭނާ ގޮތެއް ނިންމީ އެހެންވެއެވެ.

* * * * *

ސްކޫލު ދޮށުން ދަރިފުޅު ގޮވައިގެން ނޯޔާ ހިނގައިގަތްތަން ފެނި މިދުހަތު ވެސް ހިނގައިގަތެވެ. އޭނާއަށް ވެސް ނޯޔާއާއި ރައުލާ ވާހަކަ ދައްކާތަން ނުފެނުނަސް ސްކޫލު ދޮށުން ދެ މީހުން ބައްދަލުވެ ބަލާލާ ގޮތުން އެ ދެމީހުންނަށް އެކަކު އަނެކަކު އެނގޭކަން ޔަގީނެވެ. ރައުލާއާ ހެދި މިދުހަތަށް ދަތްކުނޑިވިކާލެވެ އެވެ. ދުރުދުރުން ނޯޔާއަށް ބަލަމުން މިދުހަތު އައެވެ. އޭނާގެ ހިތް އަވަސްވީ އަރީންއާއި އަސްލަންމެން އުޅޭ ގެއާ ދިމާއަށް ނޯޔާ ދާ ހެން ހީވާތީއެވެ. ބުރިބުރިއަށް ނަގާފައި ހުރި އެގޭގެ މައްޗަށް މިދުހަތު ބަލާލި އެވެ. މީހަކަށް ފެނިދާނޭތީ އެވެ. ދޮރޯށި ހުޅުވާލުމާއެކު ނޯޔާ ވަންތަން ފެނި މިދުހަތަށް ހުއްޓުން އެރި އެވެ.

"ވަޓް..." މިދުހަތުގެ ދުލުން ގަސްދަކާ ނުލާ ނުކުތީ ބޭއަދަބީ ބަހެކެވެ. އޭނާ ހީކުރި ގެއަށް ނޯޔާ ވަނީމަ އެވެ. ޗަސްޖަހާލުމާއެކު ކައިރީގަ ހުރި ފާރުގައި ކަނާއަތުން މިދުހަތަށް ޖަހާ ލެވުނެވެ. ދެން ކިހިނެއްބާއޭ ހަދާނީ އޭނާގެ ހިތަށް އެރިއެވެ.

"މިގެއަށް ވަންނާކަށް ފަސޭހައެއް ނުވާނެ، އަރީނަށް ގުޅަންވީތަ؟ އޭތި ކަޑައޭ... އެކަމަކު... އަރީނު ބަނޑުބޮޑުވީމަ، އޭނާއާ މިއިން ވާހަކައެއް ނުދައްކާ ނޯޔާ ސެޓުވާނެ ގޮތެއް ވާނަމަ." މިދުހަތަށް ބޯ ކަހާލެވުނެވެ. ދެން އަނެއްކާ ވެސް އޭނާ އިސްފުއުލާ އެ ގޭގެ ބައިތަކަށް ބަލާލި އެވެ.

"އެތަނުން ނޯޔާ އުޅޭ ބައެއް އެނގޭނަމަ." މިދުހަތު ހިތަށް އެރިއެވެ. އޭނާ ދުރުގައި ހުރެ މީހަކު އެގެއަށް ފޮނުވަން މިދުހަތު ހިތަށް އެރިއެވެ. ނޯޔާއަށް ހަދިޔާ ދީފަ އެވެ. ޔަގީނުން ވެސް އޭރުން އެގޭގައި ނޯޔާ އުޅޭ ބައެއް ހޯދި ދާނެ އެވެ. ސީދާ އޭނާ ވަންނަން މަސައްކަތް ކުރަނިކޮށް ހުރިހާކަމެއް ގޯހުން ގޯހަށް ހިނގައިދާނޭ ކަމުގެ ފުރުސަތު މާބޮޑެވެ. (ނުނިމޭ)