ރާއްޖެއިން އިތުރު 1091 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 35،815 އަށް އަރާފަ އެވެ.
މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 933 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. މިއަދު ޕޮޒިޓިވި މީހުންގެ ތެރެއިން 147 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
މިއަދު ނަތީޖާ ލިބުނު ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވެފައިވާ ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ 300 ސާމްޕަލަކީ މީގެ 48 ގަޑިއިރު ކުރީން ނަގާފައިވާ ސާމްޕަލްތަކެކެވެ. މިވަގުތުވެސް ނަތީޖާ ނުލިބޭ ގިނަ ސާމްޕަލްތަކެއްވެއެވެ. އަދި 791 ސާމްޕަލަކީ މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ނަގާފައިވާ ސާމްޕަލްތަކެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 9،423 މީހުންނެވެ. މިހާތަނަށް 26،299 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 250 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 84 މީހެކެވެ.
މިއީ އެންމެ ގިނަ ބަޔަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ ދުވަސްތަކެވެ. އަދި މިއީ ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ހަފްތާ ވެސް މެއެވެ. މިދިޔަ ހަތް ދުވަސް ތެރޭ 3،000 ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައި ވެއެވެ. ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ޕޮޒިޓިވްވާ މީހުންނާއި ހާލު ބޮޑުވެގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. މާލެ ސަރަހައްދުން އެކަނި ދުވާލަކު 400 އާއި 500 އާ ދެމެދުގެ އަދަދަކަށް ބައެއް ދުވަސް ދުވަހު ޕޮޒިޓިވް ނަންބަރު ހުންނަ ކަމަށެވެ. އަދި ކުރީ ހަފުތާތަކާއި ބަލާއިރު މިހާރު ޕޮޒިޓިވް ނަންބަރު ހުރީ 75 ޕަސެންޓް މަތީގައެވެ.
މިދިޔަ ހަތް ދުވަހަކީ ޕޮޒިޓިވް ކޭސްތަކާއި މަރުތަކުގައި ވެސް ރެކޯޑެކެވެ. އެއް ދުވަހު ހަތް މީހަކު މަރުވި އެވެ. އެއީ ބުރާސްފަތި ދުވަހުއެވެ. ހުކުރު ދުވަހު ހަތަރު މީހުން މަރުވިއެވެ.
ހަތް ދުވަހު ޕޮޒިޓިވް ނަންބަރު ހުރި ގޮތް
- މެއި 3 - 585 މީހަކު ޕޮޒިޓިވް
- މެއި 4 - 601 މީހަކު ޕޮޒިޓިވް
- މެއި 5 - 743 މީހަކު ޕޮޒިޓިވް
- މެއި 6 - 703 މީހަކު ޕޮޒިޓިވް
- މެއި 7 - 766 މީހަކު ޕޮޒިޓިވް
- މެއި 8 - 509 މީހަކު ޕޮޒިޓިވް
- މެއި 9 - 1091 މީހަކު ޕޮޒިޓިވް
ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ބައްޔަށް ހުށައެޅޭ މިންވަރު ވެސް ދަނީ އިތުރުވަމުންނެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ފަހުން ކޮންމެ ދުވަހަކު 70 އާއި 80 އާ ދެމެދުގެ އަދަދަކަށް ކުޑަކުދިން ކޮވިޑަށް ޕޮޒިޓިވް ވެއެވެ.
އިއްޔެއަކީ އެ އުމުރުގެ ކުދީން ރެކޯޑް އަދަދަކަށް ޕޮޒިޓިވްވީ ދުވަހެވެ. އިއްޔެ އެކަނިވެސް 134 ކުއްޖަކަށް ބަލި ޖެހިފައި ވެއެވެ.