މާރާމާރީ ހިންގުން

މުދިމަށް ހަމަލާ ދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި މުދިމަކު އިމާމުވެ ދަމު ނަމާދު ކުރަން ހުއްޓާ އޭނާއަށް ހަމަލާ ދިން މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 30 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގަމުގެ ތުނޑީ އަވަށުގައި އަލަށް އާބާދުވި ސަރަހައްދުގައި ހުންނަ މިސްކިތުގައި ދިން އެ ހަމަލާގައި ބޭރުން އައި މީހަކު ވަނީ މިސްކިތަށް ވަދެ މުދިމުގެ ގައިގައި ޖެހުމަށް ފަހު މައިކުވެސް އެއްލާލާފަ އެވެ. އެ ހަމަލާގައި މުދިމަަށް އެއްވެސް ވަރެއްގެ އަނިޔާއެއް ނުލިބެ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް އެ މީހާ ގޮސް ފުރަތަމަ މިސްކިތު ފުރާޅަށް ގާއުކީ އެވެ. އަދި އޭގެ ފަހުން މިސްކިތަށް އަރާ އަވަގުރާނަ ގޮވަމުން ސަފުތަކުގެ ތެރެއިން ގޮސް މުދިމަށް ހަމަލާ ދޭން އުޅުމަށް ފަހު މައިކް ނަގައިގެން ނުކުމެ ބޭރަށް އެއްލާލާފައި ދިޔައީ އެވެ.

ރާއްޖޭގައި މިސްކިތަށް އަރައި މިގޮތަށް މީހުނަށް ހަމަލާ ދިނުމުގެ ހާދިސާތައް މީގެ ކުރިން ހިނގާފައެއް ނުވެ އެވެ.