ލ. ގަމުގައި މުދިމަކު އިމާމުވެ ދަމު ނަމާދު ކުރަން ހުއްޓާ މިސްކިތަށް އަރާ އޭނާއަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާގެ މަސްތުވާ ތަކެތީގެ ރެކޯޑެއް އޮންނަ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.
އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ގަމު ކައުންސިލުން ބުނީ ހައްޔަރު ކޮށްފައިވާ މީހާގެ އެއްވެސް ބައްޔެއް ހުރި ކަމަށް އޮތް ޑޮކްޓަރީ ލިއުމެއް ނެތް ކަމަށާއި ނަމަވެސް އެއީ މަސްތުވާ ތަކެތީގެ ރެކޯޑެއް އޮންނަ މީހެއް ކަމަށެވެ. އެހެން ނަމަވެސް ކައުންސިލުން ބުނީ ހަމަލާ ދިން ވަގުތު އޭނާ ހުރީ މަސްތުވެފައިކަން ނުވަތަ ނޫންކަން ސާފު ވެފައި ނެތް ކަމަށެވެ.
ގަމުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް އެދި ބުނީ މައްސަލައިގައި ހައްޔަރު ކޮށްފަައިވާ މީހާ ހަމަލާ ދިން ވަގުތުގައި ވެސް މަސްތުވެގެން ހުރި ކަމަށް ބެލެވޭ ކަމަށެވެ.
"ހަމަލާ ދިން ވަގުތު ވެސް ފެންނަ ފެނުމަށް ހީވަނީ މަސްތުވެގެން ހުރިހެން،" ގަމުން ވާހަކަ ދެއްކި އެ މީހާ ބުންޏެވެ.
ގަމުގެ އެ މުދިމަށް ހަމަލާ ދީފައި ވަނީ މި މަހު އަށް ވަނަ ދުވަހުގެ ރޭ މެންދަމު ގަމުގެ ތުނޑީ އަވަށުގައި އަލަށް އާބާދުވީ ސަރަހައްދުގެ މިސްކިތެއްގައި އިމާމުވެ ދަމު ނަމާދު ކުރަން ހުއްޓަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް އެ މީހާ ގޮސް ފުރަތަމަ މިސްކިތު ފުރާޅަށް ގާ އުކީ އެވެ. އަދި އޭގެ ފަހުން މިސްކިތަށް އަރާ އަވަގުރާނަ ގޮވަމުން ސަފުތަކުގެ ތެރެއިން ގޮސް މުދިމަށް ހަމަލާ ދޭން އުޅުމަށް ފަހު މައިކް ނަގައިގެން ނުކުމެ ބޭރަށް އެއްލާލާފައި ދިޔައީ އެވެ.
ރާއްޖޭގައި މިސްކިތަށް އަރައި މިގޮތަށް މީހުނަށް ހަމަލާ ދިނުމުގެ ހާދިސާތައް މީގެ ކުރިން ހިނގާފައެއް ނުވެ އެވެ.