ހަބަރު

މިދިޔަ ފަސް އަހަރު ތެރޭ އެންމެ ވައްކަން ގިނައީ މި އަހަރު

ވޭތުވެދިޔަ ފަސް އަހަރުގެ ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ވައްކަމުގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓް ކުރެވިފައި ވަނީ މި އަހަރުގައި ކަން ފުލުހުންގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.

ފުލުހުން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވޭތުވެދިޔަ ފަސް އަހަރުގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނައިން ފުލުހަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. އެ ގޮތުން އެއިން ކޮންމެ އަހަރަކު ވެސް 3،000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަން ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އަހަރުގެ މިހާތަނަށް 4،526 ވައްކަމުގެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފަ އެވެ. މިއީ މިދިޔަ އަހަރަށް ހުށަހެޅުނު ވައްކަމުގެ މައްސަލަތަކަށް ބަލާއިރު 1،000 އަށްވުރެ ގިނަ އަދަދެކެވެ. މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 3،272 ވައްކަމުގެ މައްސަލައެކެވެ. 2017 ވަނަ އަހަރު 3،504 ވައްކަމުގެ މައްސަލަ ހުށަހެޅިއިރު، 2016 ވަނަ އަހަރު ހުށަހަޅާފައި ވަނީ 3،617 މައްސަލަ އެވެ. އަދި 2015 ވަނަ އަހަރުގައި 4،008 މައްސަލައެއް ހުށަހަޅާފައިވެ އެވެ.

މި އަހަރު ހުށަހެޅިފައިވާ އެހެން މައްސަލަތަކަށް ބަލާއިރު މާރާމާރީގެ މައްސަލަތައް މި އަހަރު މަދުވެފައިވާ ކަން ފުލުހުން ފާހަގަ ކުރެ އެވެ. އެ ގޮތުން މިދިޔަ ދެ އަހަރަށްވުރެ މި އަހަރު ފުލުހަށް ހުށަހެޅިފައިވާ މާރާމާރީގެ މައްސަލަތައް މަދެވެ. 2017 ވަނަ އަހަރު އޭގެ 771 މައްސަލައެއް ހުށަހެޅިއިރު، މިދިޔަ އަހަރު ހުށަހެޅީ 752 މައްސަލަ އެކެވެ. މި އަހަރު އެ އަދަދު ވަނީ 629 އަކަށް މަދުވެފަ އެވެ.

މި އަހަރުގެ ތަފާސްހިސާބު

  • ގެވެށި އަނިޔާ: 220 މައްސަލަ
  • މަސްތުވާތަކެތި: 2169 މައްސަލަ
  • މާރާމާރީ: 629 މައްސަލަ
  • ޖިންސީ ގޯނާ: 400 މައްސަލަ
  • ފޭރުން: 481 މައްސަލަ
  • ވައްކަން: 4526 މައްސަލަ
  • ޓްރެފިކް: 2316 މައްސަލަ