ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން މެދުކަނޑާލައިފި

ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިިންގި ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ގުރުއަތުލުމުގެ ބައި ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައިވާ ގޮތުން 6720 މީހުންނަށް ފްލެޓް ލިބެ އެވެ. އެ ފްލެޓްތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލާން ފެށީ މިދިޔަ މަހު އަށްވަނަ ދުވަހު އެވެ. އަދި އޭގެ ފަހުން ގުރުއަތުލުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހައުސިން ޑިވޮލޮމްޕަމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ފްލެޓްތަކުގެ ގުރުއަތުލުން މެދުކަނޑާލީ ކޮވިޑްގެ ހާލަތު މިފަހުން މާބޮޑަށް ގޯސްވުމުން އެޗްޕީއޭއީން އެޅި ފިޔަވަޅުތަކާ ގުޅިގެން ކަމަށެވެ. ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ގުރުއަތުލުން އަލުން ފަށާނެ ކަމަށާއި އަދި ގުރުއަތު ނަގާނެ ތާރީހާ ލިސްޓު ފަހުން އާންމުކުރާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.

ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ އެޗްޑީސީގެ ހެޑް އޮފީހުގައި ފްލެޓް ލިބޭ އެއްވެސް މީހަކު އެތަނަށް ހާޒިރު ނުކޮށް ޕީއެސްއެމްގެ ދަށުން ހިންގާ ޔެސް ޓީވީ މެދުވެރިކޮށް ލައިވްކޮށެވެެ. އަދި ގުރުއަތުން ފްލެޓް ލިބޭ މީހާ އަށް އެމީހަކަށް ފްލެޓް ލިބޭ ޓަވަރަކާއި ފްލޯ އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކަ އެވެ.

ފްލެޓް ލިބޭ މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ނިމުމުން އެމީހުން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެ މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމާ އެކު ކޮންމެ މީހަކާ އެކު އެޗްޑީސީން އެއްބަސްވުމެއް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ. އެޗްޑީސީން ބުނީ އެ އެއްބަސްވުމުގައި ސޮއިކުރުމާއި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނެ ތާރީހެއް ވަރަށް އަވަަހަށް އިއުލާންކުރާނެ ކަމަށެވެ.

ސަރުކާރުން ކުރިންވެސް ނިންމާފައިވާ ގޮތަށް ހިޔާ ފްލެޓުތަކުގައި ތަށިމުށި ޖެހުމާއި، ދޮރުތައް ހަރުކުރުމާއި، ފަންކާ އާއި ބޮކި ފަދަ ތަކެތި ހަރުކުރުމުގެ މަސައްކަތް ކުރަންޖެހެނީ ފްލެޓް ލިބޭ މީހުން އަމިއްލަ އަށެވެ. އަދި އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ފިނިޝިންގެ މަސައްކަތްތައް ކުރުމަށް ތިން މަސް ލިބޭއިރު އެ މުއްދަތުގައި ކުލި ދައްކާކަށް ނުޖެހޭނެ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންނަށް ޑައުންޕޭމަންޓް ދައްކަން އުދަގޫވާނަމަ ދިގުމުއްދަތަކަށް ބަހާލައިގެން އެ އަދަދު ދެއްކުމުގެ ފުރުސަތު ދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ މީހުން ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު އިތުރުވާނެ އެވެ. އެގޮތުން 25 އަހަރަށް ބަހާލައިގެން ފްލެޓްގެ ޑައުންޕޭމަންޓް ދައްކަން އެއްބަސްވާ މީހުން މަހަކަށް 7500 ރުފިޔާ ދައްކަން ޖެހޭނެ އެވެ.