އެލްޖީއޭ

ކައުންސިލަރުން ހުވާކުރުން އޮންލައިންކޮށް

ކައުންސިލަރުން ހުވާކުރުމަށް ކަނޑައަޅާފައިވާ ތާރީހަށް ބަދަލު ގެނައުމަށް ނިންމާފައި ނުވާ ކަމަށާ ކޮވިޑް 19ގެ ސަބަބުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ގުޅިގެން ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ކައުންސިލަރު ކަމަށް ހޮވުނު ބޭފުޅުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވަން ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ވަަރަށް ބޮޑަށް ގޯސްވެ އެ މުއްދަތުގައި ހުވާ ކުރެވިދާނެތޯ ބައެެއް ބޭފުޅުން ގެންދިޔައީ ސުވާލު އުފައްދަވަމުންނެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަވަސްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ހަމަވި ފަހުން ވެސް ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. ދައުރު ހަމަވެފައިވާތީ ވަރަށް ކައުންސިލަރުން މަގާމުން އިސްތިއުފާ ވެސް ދީފައިވާތީ އެލްޖީއޭ އިން ކުރިންވެސް ނިންމާފައިވާ ގޮތަށް މި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާ ކުުރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ދުވަހެއް އަދި ދަންނަވަން ވެސް ނޭނގޭތީވެ އާ ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި މިއަހަރު އާންމުންނަށް ބައިވެރިނުވެވޭނެ ކަމަށެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު އެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދަން މިހާރު ނިންމާފައިވާ ކަމަށް ވެސް ޔަގީންކޮށްދެއްވި އެވެ. ކޮންމެ ރަށެެއްގައި ވެސް ކައުންސިލަރުން ހުވާކުރުން ކުރިއަށް ދާނީ އެ ރަށެއްގެ ކައުންސިލް އިދާރާގައި ރައްކާތެރިކަމުގެ މިންގަނޑުތަކާއެކު އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ނަމަވެސް މި ބައްދަލުވުން ރައްޔިތުންނަށް ފެންނާނީ އޮންލައިން ބައްދަލުވުމެއްގެ ގޮތުގައި،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުން ހުވާކުރާއިރު ހުވާލައިދޭ ފަނޑިޔާރު ރަސްމިއްޔާތުގައި ބައިވެރިވާނީވެސް އޮންލައިންކޮށް ކަމަށެވެ. އަދި އިންތިހާބުވީ ރަށް ނުވަތަ ދާއިރާގައި ނެތް ކައުންސިލަރުންވެސް ހުވާކުރުމުގައި ބައިވެރިވާނީ އޮންލައިންކޮށް ކަމުގައި ވިދާޅުވި އެވެ.