ދުނިޔެ

ޒަރީފް އީރާންގެ ރައީސްކަމަށް ކުރިމަތި ނުލައްވާނެ

އީރާންގެ ފޮރިން މިނިސްޓަރު މުހައްމަދު ޖަވާދު ޒަރީފް ރިޔާސީ އިންތިހާބުގައި ބައިވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް އީރާންގެ ނިއުސް އޭޖެންސީ، އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިން އިން ބުނެފި އެވެ. ނިއުސް އޭޖެންސީން ބުނީ ނެޝަނަލް ސެކިއުރިޓީ ކޮމިޝަނުން ވެސް މިކަން ކަށަވަރުކޮށްދޭ ކަމަށެވެ.

އީރާންގައި މިއަހަރު ރިޔާސީ އިންތިހާބު ޖޫން 18 ގައި ބާއްވަން ވަނީ ނިންމާފަ އެވެ. ކެންޑިޑޭޓުން ރެޖިސްޓްރީ ވުމަށް މެއި 12 ގައި ހުޅުވާލާނެ އެވެ. އެހެން ނަމަވެސް ކޮވިޑާހެދި ހާލަތު ބަދަލު ކުރުމަކީ ވެސް އޮތް ފުރުސަތެކެވެ. އަދި ވަކި ގޮތަކަށް ނުނިންމަ އެވެ.

އީރާންގައި ޒަރީފް އަކީ މަގުބޫލް ބޭފުޅެކެވެ. ރައީސް ކަމަށް އެންމެ ރަނގަޅު ކެނޑިޑޭޓަކީ ކޮބައިތޯ ބެލުމަށް ނެގި ވޯޓުން ވެސް އެކަން ވަނީ ދައްކާފަ އެވެ. އީރާން ހަމައަކަށް އަޅުވައި ބައިނަލްއަގްވާމީ މައިދާންތަކުގައި ސާބިތުވުމަށް ބޭނުންވަނީ ޒަރީފް ކަހަލަ ބޭފުޅެއް ކަމަށް އަންނަނީ ބުނެވެމުންނެވެ. އެހެން ނަމަވެސް، މިދާކަށް ދުވަހު އޭނާގެ އޯޑިއޯއެއް ލީކުވި އިރު ދައްކަވާފައި ހުރި ވާހަކަތަކަކާ ގުޅިގެން އަދިވެސް އުޅުއްވަނީ ދެފައި ހޫނުފެނުން ނުނެންގެވިގެންނެވެ.

ޖަވާުދު ޒަރީފް ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ ނިއުޔޯކް ޓައިމްސްއިން ޝާއިއުކުރި އޯޑިއޯގައި އޭނާ ވިދާޅު ވަނީ އީރާން ނިއުކްލިއާ ޑީލަށް ދެކޮޅު ހެއްދެވުމަށް ގާސިމް ސުލައިމާނީ ރަޝިއާއާއެކު މަސައްކަތް ކުރެއްވި ކަމަށެވެ.

ޒަރީފް ހަމަ އެ އޯޑިއޯގައި ވިދާޅުވަނީ އީރާން ހިންގަނީ މިލިޓަރީން ކަމަށެވެ. އަދި ވިދާޅުވީ ގާސިމް ސުލައިމާނީގެ ސަބަބުން ލިބުނު ފައިދާއަށް ވުރެ ބޮޑީ ގެއްލުން ކަމަށެވެ. އެހެން ނަމަވެސް އެއީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޒަރީފް ދެއްކެވި ވާހަކަތަކާ ގުޅިގެން އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވީ ވަޒީރު ހެއްދެވީ ބޮޑު ގޯހެއް ކަމަށެވެ.