ސާޖެންޓް އެޓް އާމްސް

ހަލީމާމެދު ގޮތެއް ނިންމާ މަޖިލީހުގެ ރައީސަށް ރިޕޯޓް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމްގެ ސަސްޕެންޝަނާ މެދު، އޭނާގެ މައްސަލަ ދިރާސާ ކުރި ކޮމިޓީން ގޮތެއް ނިންމައި މަޖިލީހުގެ ރައީސަށް ކޮމިޓީ ރިޕޯޓް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗެމްބަރުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ހަލީމް، ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކުރީ މިދިޔަ ޖެނުއަރީ 27 ވަނަ ދުވަހު އެވެ.

ހަލީމް ސަސްޕެންޑް ކޮށްފައިވާކަން މަޖިލީހުގެ އިދާރާއިން އެ ދުވަހު އޭނާއަށް ފޮނުވި ސިޓީއެއްގައި އެންގުމަށް ފަހު މަޖިލީހުގެ އިދާރީ މުވައްޒަފުން ތިބޭ ސޯޝަލް މީޑިއާ ގުރޫޕްތަކުން ވެސް އޭނާ ވަނީ ބޭރު ކޮށްފަ އެވެ.

ހަލީމު މަގާމުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމުގެ މައްސަލަ ދިރާސާ ކުރަން ފޮނުވީ އާންމު ކޮމިޓީ އަށެވެ. މައްސަލައިގެ ބާވަތުން ކޮމިޓީގެ ބައްދަލުވުންތައް ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެން ކަމަށްވާތީ ހަލީމްގެ ސަސްޕެންޝަނާ މެދު ކޮމިޓީން ނިންމި ގޮތް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އާންމު ކޮމެޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް "އަވަސް" އަށް ވިދާޅުވީ ހަލީމްގެ ސަަސްޕެންޝަންގެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު އޭނާއާ މެދު ގޮތެއް ނިންމައި ކޮމިޓީން އެކުލަވާލި ރިޕޯޓް މަޖިލީހުގެ ރައީސަށް މިހާރު ފޮނުވާފައިވާނެ ކަމަށެވެ.

މަޖިލީހުގެ މީޑިއާ ޑައިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ ކޮމިޓީގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ރިޕޯޓް ހާމަ ކުރާނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރުމުން ކަމަށެވެ.

ހަލީމްގެ ސަސްޕެންޝަންގެ މައްސަލާގައި ސުވާލު ކުރުމުން ހަލީމް ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ކަން އަދި އަންގާފައި ނުވާ ކަމަށެވެ. ނަމަވެސް މައްސަލާގައި އިތުރަށް ވާހަކަ ދައްކަވަން އޭނާ ވެސް ބޭނުންފުޅެއް ނުވި އެވެ.

ހަލީމް ސަސްޕެންޑް ކުރި އިރު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި މަޖިލީހުގެ ނައިބު ރައީސްގެ ކޮޓަރިކޮޅު "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޭރު ވިދާޅުވީ މަޖިލީހުގެ ކޮޓަރިކޮޅެއްގައި ދެކެވޭ ވާހަކަތަކެއް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ ސަމާލު ކަމަށް ގެންގޮސްފައި ވާނެ ކަމަށެވެ.

މަޖިލީހުގައި ސާޖެންޓް އެޓް އާމްސްގެ މަގާމު އުފެއްދީ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހުންނެވި ދުވަސްވަރު 2013 ވަނަ އަހަރު އެވެ. މަޖިލީހުގެ ސާޖެންޓް އެޓް އާމްސްގެ މަގާމަށް ހަލީމު އެންމެ ފުރަތަމަ އައްޔަން ކުރީ އޮކްޓޫބަރު 31، 2013 ގައެވެ. އޭނާ އަކީ ކުރިން އެމްއެންޑީއެފްގައި މަސައްކަތް ކުރައްވާފައިވާ ރިޓަޔާޑް އޮފިސަރެކެވެ.

މަޖިލީހުގައި ތަޅުމުގައި ގަވައިދާ ހިލާފަށް ކުރާ ކަންކަމާ ގުޅިގެން މެމްބަރުން ތަޅުމުން ނެރުން ފަދަ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވަނީ ސާޖަންޓް އެޓް އާމްސް އެވެ.