ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ އިދާރާއިން މިއަދު ކުރި އިއުލާންގައި ސާޖަންޓް އެޓް އާމްސްގެ މަގާމަށް ކުރިމަތިލާ މީހާގެ ޝަރުތުތައް ވެސް ހާމަކޮށްފައިވެ އެވެ.

ޝަރުތުތަކަކީ:

  • ދިވެހި ރައްޔިތަކަށްވުން،
  • ބޭރު ގައުމެއްގެ ރައްޔިތަކަށް ނުވުން،
  • މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން،
  • އުމުރުން 25 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން،
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން،
  • އެންމެ ދަށްވެގެން ސަލާމަތީ ހިދުމަތްތަކުގެ ކޮމިޝަންޑް އޮފިސަރެއްގެ މަގާމަށް ޝަރުތު ފުރިހަމަވާ މީހަކަށްވުން.

ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާއިރު، މަޖިލީހުގެ ރައީސް އަންގާ ގޮތެއްގެ މަތިން މަޖިލީހުގެ ގަވާއިދު ހިފެހެއްޓުމުގެ ޒިންމާ އުފުލުމާއި މަޖިލީހުގެ ރައީސް ކުރާ އަމުރުތަކާއި މަޖިލީހުން ކުރާ އަމުރުތައް ތަންފީޒުކުރުން ހިމެނެއެވެ.

މަޖިލީހުގެ އިމްތިޔާޒާގުޅޭ އުސޫލުތައް ތަންފީޒުކުރުމުގައި ދިމާވާ ކަންކަން ފާހަގަކޮށް، އާންމު ކޮމިޓީގެ ސަމާލުކަމަށް ގެނައުމާއި އޭނާގެ މުވައްޒަފުންގެ އަމަލުތަކާ ގުޅޭ ގޮތުން އާންމު ކޮމިޓީއަށް ޖަވާބު ދާރީވުމަކީވެސް ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތެކެވެ.

ސާޖަންޓް އެޓް އާމްސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަޖިލީހުގެ ގެލެރީތަކަށް މީހުން ވަންނަނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށްކަން ކަށަވަރުކުރުމާއި ގެލެރީތަކުން ނެރެންޖެހޭ މީހުން ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ނެރުމުގެ ޒިންމާ އުފުލުމާއި މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ އިނުމަށް ހުއްދަ އޮތް މީހަކު ފިޔަވައި، އެނޫން މީހަކު ޖަލްސާއެއް ހިނގަމުންދާ ވަގުތު، މަޖިލިސްކުރާ މާލަމުގައި ނުބެހެއްޓުން ހިމެނެއެވެ.

މަގާމުގެ އަސާސީ މުސާރައަކީ 32،000 ރުފިޔާއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 4000 ރުފިޔާ ލިބޭއިރު ފޯނު އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ އަދި ޕާލިމަންޓަރީ ސާވިސް އެލަވަންސްގެ ގޮތުގައި 6400 ރުފިޔާ ލިބޭނެއެވެ.

ސާޖަންޓް އެޓް އާމްްސްގެ މަގާމަށް އެދޭ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ހަލީމް މަގާމުން ވަކިކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުއެވެ. ހަލީމް މަގާމުން ވަކިކޮށްފައިވަނީ 25 މެންބަރުންގެ ވޯޓުންނެވެ.

އޭގެ ކުރިން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު މުހައްމަދު ހަލީމް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑްކޮށްފައެވެ. މަޖިލީޙުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު އޭރު ވިދާޅުވި ގޮތުގައި ހަލީމް ސަސްޕެންޑްކުރީ ބަލަމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

ސާޖަންޓް އެޓް އާމްސްގެ މަގާމަށް ހަލީމް އެންމެ ފުރަތަމަ އައްޔަން ކުރައްވާފައިވަނީ ނޮވެމްބަރު 19، 2013 ގައެވެ. އޭގެ ފަހުން 2019 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އޭނާ ވަނީ އެ މަގާމުގެ ދެވަނަ ދައުރަކަށް އައްޔަންކޮށްފައެވެ.