ކެފޭ ރެސްޓޯރެންޓް

ކެފޭތައް ބަންދު، ޑެލިވަރީގެ ހިދުމަތް 12 ޖަހަންދެން

ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން އަންގައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް މިއަދު ވަނީ ވަރަށް ބޮޑަށް ހަރުކަށި ކޮށްފައެވެ. މިއަދު ނެރުނު އެންގުމުގައި ބުނެފައިވަނީ މާދަމާއިން ފެށިގެން މެއި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި ޕޮލިސް ޕާމިޓާއެކު މެންދަމު 12 އާއި ހަމައަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ.

ނަމަވެސް ޑައިޑްލައިންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިއިރަށް ބަންދު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ހަވީރު ހަތަރަކުން ފަތިހު ހަތަރަކާ ދެމެދު ބޭރަށް ނިކުމެ އުޅުން މަނާކުރުމާއި މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމާއި ބުރާސްފަތި ދުވަހުން ފެށިގެން ދެކުނު އޭޝިޔާގެ ގައުމުތަކުގެ ޓޫރިސްޓުންނަށް ޓުއަރިސްޓް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލަންވެސް ވަނީ ނިންމާފައެވެ.