ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެކްޓިވް 11،629 ކޭސް، 8،963 ދިވެހިން

ކޮވިޑް-19 އިގެ އެކްޓިވް ކޭސްތަކުގެ އަދަދު 11،600 ވުރެ މައްޗަށް ހިނގައްޖެ އެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑު ތަނުން އިތުރު ވެފައިވާއިރު މިދިޔަ 24 ގަޑިއިރުތެރޭ ޓެސްޓް ކުރި 6،208 ސާމްޕަލްގެ ތެރެއިން 1،501 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 11،629 މީހުންނެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 247 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން ބަލިން ފަސޭހަ ނުވެ ތިބި 11،629 މީހުންގެ ތެރެއިން 8،963 މީހުންނަކީ ދިވެހިންނެވެ. ބިދޭސީންގެ އަދަދަކީ 2،663 އެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 290 ކުދިން ހިމެނެ އެވެ. އަދި 65 އަހަރުން މަތީގެ 49 މީހަކު ހިމެނެއެވެ.

ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 38،520 އަށް އަރާފަ އެވެ. މިހާތަނަށް 26،795 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ.

މިވަގުތު 247 މީހަކަށް އެޑްމިޓް ކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 218 މީހަކަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ދެން ތިބި މީހުންނަށް ފަރުވާ ދެނީ ދިވެހިންގެ މައި ހޮސްޕިޓަލް ދަރުމަވަންތަ (ޑީއެޗް) ގެ 11 ވަނަ ފްލޯ އާއި 16 ވަނަ ފްލޯގައި ކޮވިޑްގެ ބަލި މީހުންނަށް ހާއްސަ ކޮށްފައިވާ ސެންޓަރުގަ އެވެ.

ޑީއެޗް 11 އަކީ އައިސީޔޫއެކެވެ. އެއީ ކޮވިޑްގެ އެންމެ ހާލު ބޮޑު މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ސެންޓަރެކެވެ. ޑީއެޗް 16 އަކީ ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް ހާއްސަ ސެންޓަރެކެވެ.

އެޗްއީއޯސީން ބުނީ މިވަގުތު 16 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު ހަ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ. އޭގެ ތެރެއިން 12 މީހަކު އޮތީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. އެއީ އައިސީޔޫގައި ފަރުވާ ދެމުންދާ 10 މީހަކާއި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުންދާ ދެ މީހެކެވެ.

ޑީއެޗް 11 ގައި ތިބީ ނުވަ މީހެކެވެ. އެތަނުގައި ހަ މީހަކު އައިސީޔޫގައި އަދި ތިން މީހަކު ވެންޓިލޭޓަރުގަ އެވެ.