އެމެރިކާގެ ރައީސް ޖޯ ބައިޑަން ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްއަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ. ފަލަސްތީންގެ ނިއުސް އޭޖެންސީން ބުނީ އެ ސިޓީއަކީ ސަރަހައްދީ މަސްލަހަތާއި މެދު އިރުމަތީގެ އަދުގެ ހާލަތު އަދި އެމެރިކާއާ ފަލަސްތީންގެ ގުޅުމާ ބެހޭ ސިޓީއެއް ކަމަށެވެ.
ބައިޑަން އައްބާހަށް ސިޓީފުޅެއް ފޮނުއްވިރު އައްބާސް އުޅުއްވަނީ އިޒްރޭލުގެ އަނިޔާވެރި ހަލަމާތަކުގެ ސަބަބުން އަމިއްލަ ގައުމުގައި ހުޅުރޯވެގެނެވެ. އިޒްރޭލުގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާއަށް ދިން ހަމަލާތަކުގައި 28 މީހުން މަރުވެ 152 މީހުންނަށް އެކިވަރުގެ އަނިޔާލިބިފައި ވާއިރު މިއަދަދު އަދި އިތުރުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
އައްބާސްއަށް ދިމާވެ ވަޑައިގެންފައިވާ ދަތިއުނދަގޫ ދަނޑިވަޅެއްގައި ސިޓީފުޅެއް ފޮނުއްވުމުގެ ބޭނުމަކީ ކޮބައިކަމާ މެދު މިހާރު ވެސް ވަނީ ސުވާލުތައް އުފެދިފަ އެވެ. މިއީ ދެ ގައުމުގެ ދެމެދުގައި އިހުލާސްތެރި ގުޅުމެއް ފެށުން ކަމަށް ނުވާ ނަމަ ބައިޑަންގެ ސިޓީފުޅު ވާނީ ބޭނުމެއް ނެތް ކަރުދާސްކޮޅަކަށެވެ.
ބައިޑަން ސަރުކާރާ ހަވާލުވެ ވަޑައިގެން ޓްރަމްޕް ސަރުކާރުން ހިފަހައްޓާފައި ހުރި ފައިސާގެ އެހީ ވަނީ ފަލަސްތީނަށް ދޫކޮށްލާފަ އެވެ.