ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބަޔަކު ވެސް އިންސާފުގެ ކުރިމައްޗަށް ގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅު ވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ފިތުރު އީދު ބައްދަލުވި އިރު މުޅި ގައުމު މިވަނީ ކުއްލި ސިހުމެއްގެ ތެރޭގައި ކަމަށެވެ. މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސީދާ އަމާޒުކޮށް މާލޭގައި ދިން ބޮމުގެ ނުރައްކާތެރި ހަމަލާއަކީ ދިވެހިންގެ ހިތްތަކަށް ބިރުވެރިކަމާއި ނުތަނަވަސްކަން ނިހާޔަތަށް ވެރިކުރުވި ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކުރި އެ ހަމަލާއަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާ އެއްވެސް މީހެއްގެ ފުރާނަ ދުއްވާލުމަށް ހަމަލާއެއް ދިނުމަކީ ކުޑަވެސް އިންސާނިއްޔަތު ކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"... އެ ޒާތުގެ އަމަލުތަކުން އެބަޔަކު ބޭނުންވާ އެއްވެސް މަގްސަދެއް، މާތް ﷲ ގެ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގާނޫނުތައް އެފަދަ މީހުން ވަށައިލާނެއެވެ. އަދި އަދުލު އިންސާފު އަރައި ހަމަކުރާނެ އެވެ. އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް މިހާތަނަށް ފާހަގަ ކުރެވުނު ތިން މީހަކު ގާނޫނުގެ ބާރުގެ ދަށަށް ގެނެވިފައިވާއިރު މިނިވަން ތަހުގީގަށްފަހު އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެސް އަމަލުތަކަށް ޒިންމާދާރު ކުރުވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއީ ހަމައެކަނި، މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން." ރައީސް ވިދާޅުވިއެވެ.
ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އެ މީހުން މިވަގުތު ތިބީ 15 ދުވަހުގެ ބަންދެއްގައެވެ.
އެ ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް މިހާތަނަށް ފާހަގަކުރެވުނު ތިން މީހަކު މާތް ﷲގެ އިރާދަފުޅުން މިހާރު އެ ތިބީ ގާނޫނުގެ ބާރުގެ ދަށަށް ގެނެވިފައި. މިނިވަން ތަހުގީގަކަށް ފަހު އިންސާފުގެ ކުރިމައްޗަށް އެމީހުން ގެނެވޭނެ. އެމީހުން އެކުރި އަމަލުތަކަށް އެމީހުން ޒިންމާދާރު ކުރުވޭނެ. މިއީ ހަމައެކަނި މި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި އެބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަންއިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ
ބުރާސްފަތި ދުވަހުގެ ހަމަލާއާ ގުޅުންހުރި ތަފްސީލު މައުލޫމާތުތައް ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުންތަކުގައި ވަނީ ހިއްސާކޮށްފައެވެ. އަދި ގޮއްވާލުމުގެ ކުރީން އަދުހަމުގެ ހަރަކާތްތައް ހުރި ގޮތް ފެންނަ ސީސީޓީވީ ފްޓޭޖަކާއި ގޮއްވާލުމަށް ފަހު އޭނާ އެކި މަގުތަކުން ހިނގާފައިދާ މަންޒަރުތައް ވަނީ ދައްކާފައެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ފުރަތަމަވެސް ފެށީ މިއީ ދެތިން މީހެއްގެ ބައިވެރިވުން އޮތް ކަމެއް ކަމަށް ބަލައިގެން ނޫން ކަމަށާ ތަހުގީގު ކުރިއަށް ދަނީ މިހާރު ހައްޔަރުކުރެވިފައިވާ މީހުންގެ އިތުުރުން އިތުރު ބައެއްގެ ބައިވެރިވުންވެސް އޮންނާނެ ކަމަށް ބަލައިގެން ކަމަށެވެ. އަދި ތަހުގީގަށް މިހާރު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.
"ހުޅުވާލެވިފައިވާ ތަހުގީގެއް މިއީ. މި މައްސަލައާ ގުޅިގެން ވަށައިގެންވާ ހުރިހާ ކަމަކަށް ބެލޭނެ،" އޭސީޕީ މުހައްމަދު ރިޔާޒު ވިދާޅުވިއެވެ.