ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ މެސެޖެއް: ހެޔޮވެރިކަން ހޯދާ ދިނުމުގައި ދެމި ހުންނާނަން

ހެޔޮ ވެރިކަމެއް ހޯދާ ދިނުމުގައި ދެމި ހުންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. މިއީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް އަމާޒުކޮށް އެއްޗެއް ގޮވާލާ ދިން ހަަމަލާއާ ގުޅިގެން ފަރުވާއަށް އޭޑީކޭގައި އެޑްމިޓް ކުރެއްވި ފަހުން އެމަނިކުފާނު ކުރެއްވި ފުރަތަމަ ޓްވީޓެވެ.

މިއަދަކީ މިއަދަކީ ބައިނަލްއަގްވާމީ ނަރުހުންގެ ދުވަސް ކަމުގައިވާތީ ރައީސް ނަޝީދުގެ ޓްވީޓް ހާއްސަ ކުރެއްވީ ސިއްހީ ހިދުމަތްތެރިންނަށެވެ. އަދި މާދަމާއަކީ ފިތުރު އީދު ދުވަސް ކަމުގައިވާތީ އީދުގެ ތަހުނިޔާ ފޮނުއްވެވުމަށެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަށް މަރުހަބާ އާއި ޝުކުރު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހެޔޮ ވެރިކަމެއް ހޯދާ ދިނުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

"މާތްﷲގެ ހެޔޮ ރަހުމަތްފުޅުން ތިޔަ ބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ހެޔޮ ވެރިކަން ހޯދައި ދިނުމުގައި ދެމި ހުންނާނަން. ކުޑަ އީދުގެ ތަހުނިޔާ،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މެއި ހަވަނަ ދުވަހުގެ ރޭގެ ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ގިނަ ޒަހަމުތަކެއް ލިބިވަޑައިގެންފައިވެއެވެ. ހަތަރު ސާޖަރީއެއް ހައްދަވަން ޖެހިވަޑައިގަތެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ފުރާނަފުޅަށް ހަމަލާގެ ސަބަބުން ވަރަށް ބޮޑަށް ނުރައްކާވިއެވެ. ފުރާނަފުޅު ސަލާމަތްވީ ކިރިޔާއެވެ.

ނަޝީދުގެ އާއިލާގެ ބޭފުޅަކު މިރޭ ވިދާޅުވީ އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް ފުރާވަޑައިގަންނަވާނީ މާދަމާ ހެނދު ކަމަށެވެ. އެކޮޅުން އެމަނިކުފާނުގެ އިތުރު ޗެކަޕްތަކެއް ހައްދަވާނެ އެވެ. އަދި އިތުރު ފަރުވާއެއް ހޯއްދަވަން ޖެހޭ ނަމަ އެކަމެއް ކުރައްވާނެ އެވެ.

އާއިލާއިން ބުނާ ގޮތުން ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅެވެ. ރިކަވަރީ ވަރަށް އަވަހެވެ.