އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ނަން ހިމަނާފައިވަނީ ހަގީގަތާއި ހިލާފަށް ސިޔާސީ ގޮތުން އަގު ވައްޓާލުމަށްޓަކައި ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު ރިޓައާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ހިޔާނާތުގެ ލިސްޓްގައި ނާޒިމުގެ ނަން ހިމަަނާފައިވާތީ އެކަމާއި ގުޅިގެން ނެރުއްވި ބަޔާނެއްގައި ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން މަންފާ ލިބިފައިވާ ކަމަށް ތުހުމަތުކޮށް ލިސްޓްގައި ނަން ހިމަނާފައިވަނީ ކަނޑައެޅިގެން ހަގީގަތާއި ހިލާފަށް ކަމަށެވެ. އެއީ ސިޔާސީ ގޮތުން އަގު ވައްޓާލުމަށް ވަކި ބަޔަކު ރާވައިގެން ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށް ކޮށްފައިވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމު ވިދާޅުވީ މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް މުއައްސަސާއަކުން މިއަދާ ހަމައަށްވެސް ސުވާލެއްވެސް އަދި އެއްވެސް ބާވަތެއްގެ ތަހުގީގެއްވެސް ހިންގާފައި ނުވުމަކީ އެކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ.
"މި މައްސަލައާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކަށް ޖަވާބުދާރީވާން ޖެހިއްޖެނަމަ އެކަމަށް ތައްޔާރަށް ހުރި ކަމަށާ އެފަދަ ތަހުގީގަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މި ފުރުސަތުގައި އަރުވަމެވެ،"
ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާއި ގުޅިގެންވެސް ނުވަތަ އެހެންވެސް ހައްގު ނޫން މުއާމަލާތަކާ ގުޅިގެން ވިޔަސް މިއަދާ ހަމައަށް އެއްވެސް ފައިސާއެއް ނުވަތަ ހައްގު ނޫން މަންފާއެއްވިޔަސް ބޭނުން ކޮށްފައިނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.
ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ނާޒިމްގެ ގެކޮޅު ރެއިޑްކޮށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވުމަށް ފަހު މަގާމުން ދުރުކޮށް ދައުވާ އުފުލާ 11 އަހަރުގެ ޖަލު ހުކުމެއް ކުރީ ސަރުކާރުގެ ދުވަސްވަރު އިއްވިއެވެ. ނާޒިމްއާ ދެކޮޅަށް އޭރު ހިންގި ކަންކަމުގައި އެންމެ އިސްކޮށް ހުންނެވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު އެންމެ ބޮޑަށް އޮތް އަދި މިހާރުވެސް އެ ފަދަ މައްސަލަތަކެއްގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހުމަދު އަދީބެވެ.